ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް.
31 ޖުލައި 2024 - 23:03
ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކުރަން ކައުންސިލްތަކަށް އިތުރު ވަގުތު ބޭނުންވާތީ، އެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދޭން ފެނަކަ ކޯޕަރޭޝަނާ އެކު މަޝްވަރާކުރައްވާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުބައްތިތަކުގައި އީއެލްސީބީ ހަރުކުރުން މުހިންމު ކަމަށެވެ. ނަމަވެސް އެކަން ކުރަން ކައުންސިލްތަކަށް އިތުރު ވަގުތު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން މި ދަނީ ފެނަކައާ މަޝްވަރާކުރަމުން. އަދި މިކަމުގައި ހުރި ގޮންޖެހުންތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ މަޝްވަރާ ކުރާނަން،" އާދަމް ޝަރީފް އެވެ.
އާދަމް ޝަރީފް އެގޮތަށް ވިދާޅުވީ ރަށްރަށުގައި ހުރި މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ރަނގަޅުކުރުމަށް ފެނަކަ އިން ކައުންސިލްތަކަށް ދިން މުއްދަތު މިއަދަށް ހަމަވާތީ އެވެ. ފެނަކަ އިން ވަނީ ދެ ފަހަރެއްގެ މަތިން މި މުއްދަތު އިތުރުކޮށްދީފަ އެވެ. ފެނަކަ އިން ބުނެފައި ވަނީ މި މުއްދަތުގައި ރަނގަޅު ނުކޮށް ހުރި މަގުބައްތިތަކަށް މާދަމާއިން ފެށިގެން ކަރަންޓު ދޫނުކުރާނެ ކަމަށެވެ.
ގިނަ ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރި ގޮތަކަށް ނޫންކަން ފެނަކަ އިން ހިންގި އިންސްޕެކްޝަނަކުން ވަނީ އެނގިފަ އެވެ. އެ ތަހުގީގުން ހާމަވީ ގިނަ ރަށްތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދީފައި ހުރީ އީއެލްސީބީ މެދުވެރިނުކޮށް ކަމެވެ.
އީއެލްސީބީ ނުވަތަ އާތު-ލީކޭޖް ސާކިޓް ބްރޭކަރަކީ ކަރަންޓު ޝޮކުން ރައްކާތެރިވުމަށްޓަކައި ބިމުގެ އިމްޕީޑަންސް މަތި ކަރަންޓު ވިއުގާތަކުގައި ބޭނުންކުރާ ސަލާމަތީ ވަސީލަތެކެވެ.
ރަށްރަށުގެ މަގުބައްތިތައް ހުރީ ސޭފްޓީ މިންގަނޑާ އެއްގޮތަކަށް ބަލަން އިންސްޕެކްޝަނެއް ހިންގީ މިދިޔަ މެއި މަހު ރ. އުނގޫފާރުގެ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސް ހުއްޓައި، އެ ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ޖެހިގެން މަރުވި ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި އިތުރު ކުއްޖަކަށް ވެސް އަނިޔާވި އެވެ.
އެ މައްސަލާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ވަނީ ފެނަކަ 50،000ރ. އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
01 August 2024
ބީރަށްޓެހި ރަށްފުށުގަ، ކޮންމެހެން މަގުބައްތި ނެތަސް އުޅެވޭނެ.
ބަރުބާދު
01 August 2024
ތިޔަމުއްދަތުގަ އިތުރުކުއްޖެއް ނުވަތަ މީހަކު ކަރަންޓުގަޖެހިގެން ވާގެއްލުމުގެ ޒިންމާނަގާނީ ކާކުތޯ؟. ތީ ރެޔާދުވާލު ހޭލާތިބެގެންވެސް ނިންމަންޖެހޭކަމެއް.
ހިމް
01 August 2024
މިއުޅެނީ އަދިވެސް މީހަކު މަރުވޭތޯ؟ މައުސޫމު ކުއްޖަކު މަރުވެއްޖެ މިހާރުވެސް. އިތުރަށް ވަގުތު ދިނުމަކީ އެކުއްޖާއަށް ވެސް އިހުތިރާމް ކުޑަކުރުން. ސޭފްޓީގެ މިކަހަލަ ނުރައްކާ ކަންކަމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ރަނގަޅުކުރަން ވަގުތު ދޭ ކަންކަމެއް ނޫން. އީއެލްސީބީ ހަރުކުރެވެންދެން އެ ބައްތި ޖެހޭނީ ނުދިއްލާ ބަހައްޓަން.
އޮނަރަބްލް އަފީފު ދީދީ
01 August 2024
މިކަމުގައި ގޯސް ހަދާފައިވަނީ ފެނަކަ ކޯޕަރޭޝަނުންކަމަށް ޝަރުޢީ ކޯޓަކުން ޙުކުމް ކޮށްފައިވަނިކޮށް ސަރުކާރު ވަޒީރަކު މައްސަލަ މުޅިން އެހެން ދިމާލަކަށް އަބުރާލަން މަސައްކަތް ކުރުމަކީ ކޯޓްގެ ޙުކުމާއިމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދިދާނެފަދަ ކަމެއް. # އަދި މިކަމުގެ ބަދުނާމް ކައުންސިލްގެ ބޮލުގައި އެޅި މިހާރު ކައުންސިލަރުންނަށް ތިއްބެވި ބޭފުޅުންނަށް އޭގެ ހުތުރުލިބި އެމީހުންގެ މުސްތަޤުބަލަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެއްވެސްމެ.