މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ސަރުކާރުން ކަރަންޓް ބިލަށް ދިން ޑިސްކައުންޓާއެކު ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ވެސް ފޮނުވައިފައިވަނީ 400ރ.ގެ ބިލެކެވެ. ނަމަވެސް މި މަހުގެ ބިލުތައް އެހެން މަސްތަކާ އަޅާ ބަލާއިރު މާ ބޮޑު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާންމުކޮށް 500ރ. އިން ދަށުގައި ކަރަންޓު ބިލް ހުންނަ ގޭގޭގެ ބިލަށް މިމަހު 3،000ރ. އަރާފައި ހުރި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ރަށްރަށުގައި 1،000ރ. ނުވަތަ 2،000ރ. އަރާ ގޭގޭގެ ބިލަށް މިފަހަރު 6،000ރ. އަރާފައިވާ ކަމަށް ބުނެ، ބައެއް މީހުން ބިލްގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އެވެ.

އެކަމާ ގުޅިގެން މިއަދު ފެނަކައިން ކުރި އިއުލާނެއްގައި ބުނީ މާޗު މަހުގެ ރީޑިން ނެގުމާއި ކަރަންޓް ބިލް ތައްޔާރު ކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައި ވަނީ އެހެން މަސްތަކުގައި އަމަލުކުރާ އުސޫލުން ކަމަށެވެ.

ފެނަކައިން އަމަލުކުރާ އުސޫލަކީ ގާނޫނާއި ގަވާއިދުތަކުން ކަނޑައެޅި، އާއްމު ކުރެވިފައިވާ އުސޫލެއް ކަަމަށާއި އަދި އެއާ ހިލާފަށް އެއްވެސް ބިލެއް ތައްޔާރުކޮށް އަދި ބިލަށް ބަދަލު ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

"މި ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލަ އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑީން އިތުރަށް ޗެކް ކުރައްވަން ބޭނުން ވެއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދެއްވޭނެ،" އެ ބަޔާނުގައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް މާޗް މަހާއި އޭޕްރީލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުން ކުރެވޭ ދުވަސްވަރު ކަމަށްވާތީ ކަަރަންޓް ބޭނުން ކުރުމުގައި ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުވަސްވަރެވެ. އަދި މާޗް މަހާއި އޭޕްރީލް މަހުގެ ގަދަ ހޫނުގައި މިއަހަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް އިހުސާސް ކުރެވޭ ހޫނުމިން އާންމުކޮށް 35 ޑިގްރީ ސެލްސިއަސް އަށް އެރިއިރު، މި މަހުގެ ހަތަރު ވަނަ ދުވަހު މާލެ އަށް ވަނީ އިހުސާސްކުރެވޭ ހޫނުމިން 37.3 ޑިގްރީ ސެލްސިއަސް ވެސް އަރައިފަ އެވެ. އެހެންވެ،، ކޮންމެ އަހަރަކު ވެސް މިއީ ކަރަންޓް ބޭނުންކުރުން ވެސް އެންމެ ބޮޑަށް އިތުރުވާ ދުވަސްވަރެވެ.