ފުވައްމުލަކުގައި ދިމާވެފައިވާ ފެނުގެ މައްސަލައާ ގުޅިގެން ގޭގެއެއް ބެހުމަށް ތައްޔާރުކޮށްފައިވާ ފެން --
17 ނޮވެމްބަރ 2025 - 19:25
ފުވައްމުލަކުގައި ދޫކުރާ ފެނަކީ މިންގަނޑުތަކަށް ފެތޭ ފެނެއް ކަމަށް ޔޫޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީން ވެސް ބުނެފި އެވެ.
އެ އޮތޯރިޓީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަނުން ފުވައްމުލަކަށް ދޫކުރާ ފެނަކީ އެ އޮތޯރިޓީގެ ސަޕްލައި ވޯޓާ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ.
އެ އޮތޯރިޓީން އެހެން ބުނިއިރު، މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވަނީ ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށެވެ.
އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުގައި އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ، ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ނަމަވެސް، ފުވައްމުލައް ސިޓީއަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރަން ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް ދައުވާކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ފުވައްމުލުގެ ފެނާ ގުޅޭގޮތުން ހެދި ޓެސްޓުތަކުން، ފެނުގައި ޖަރާސީމުގެ އަސަރު ހުރި ކަމަށް ދައްކާތީ މިދިޔަ ހޯމަ ދުވަހު އެ ރަށުން އެއްކޮށް ފެނުގެ ހިދުމަތް ކަނޑާލި އެވެ. އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުނުކޮށް މިދިޔަ ބުރާސްފަތި ދުވަހު އަލުން ފެން ދޫކުރަން ފެށުމުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފެނުގެ މައްސަލައަށް ހައްލު ހޯދަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް އެކި ފަހަރު މަތިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ނުލިބި، މިދިޔަ މަހުގެ މެދު ތެރެއިން ފެށިގެން ފެނުގެ ހިދުމަތް މެދުކެނޑެން ފެށުމާއި ފެން ތަޣައްޔަރުވެފައިވާ ކަމުގެ ޝަކުވާ އިތުރުވުމުން އެ ކައުންސިލުން ކަމާގުޅުން ހުރި އިދާރާތަކަށް ހުށަހަޅައި ފެން ޓެސްޓުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކައުންސިލްގެ ބަޔާނުގައިވާ ގޮތުން އެރަށަށް އަލުން ފެން ދޫކުރަން ފެށީ އެ ފެނަކީ ރައްކާތެރި ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެންގުމުން ކަމަށް ވީ ނަމަވެސް، އެމްއެފްޑީއޭގެ ތަހުލީލުތަކާއި އޭގެ ނަތީޖާ މިހާތަނަށް ކައުންސިލާ ހިއްސާ ކޮށްފައިނުވާ ކަމަށެވެ.
ރައްކާތެރި ފެން ފޯރުކޮށްދިނުމަކީ އިންސާނީ ހައްގެއް ކަމަށްވީ ނަމަވެސް އެ ސިޓީގެ ރައްޔިތުން އެކަމުން މަހުރޫމްވަމުން ދާތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ފުވައްމުލަކަށް ދޫކުރަނީ ރައްކާތެރި ފެން ކަން ޔަގީންކޮށް ދިނުމަށާއި އަދި ގޭގެއަށް ފެން ފޯރުކޮށްދިނުމުގައި ޔުޓިލިޓީ އޮތޯރިޓީ އާއި ކަމާގުޅޭ އެހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ޝަރީއަތަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ކައުންސިލްގެ ބަޔާނުގައި، ފެނުގެ ނެޓްވޯކް ރަނގަޅުކުރަން ހުށަހަޅާފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ޔުޓިލިޓީ އޮތޯރިޓީއަށް ހުށަހަޅައި، އަދި އެކަމުގެ ހުއްދަ ލިބިގެން ކައުންސިލަށް އެންގުމުން ނޫނީ އެ ރަށަށް ފެން ދޫނުކުރަން ފެނަކައަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑްމުންޑޯ
18 November 2025
ފެން ކިލަނބުވެފައި ހުއްޓަސް މިންގަނޑަށް ފެތެންްޏާ އޯކޭނު ، އެހެޔޮ ބޯންނުކެރުނަސް ، އެއޮތީ މިންގނޑަށް ފެތިފަ
ވާވާވަ
18 November 2025
ދެން އަނެއްކާވެސް ޖަލްސާއެއް ބާއްވާއިރަށް ފުވައްމުލަކުމީހުން އައިސް ބާރަށް އަތްޖަހާ!!!
ވޮޗްމޭން
17 November 2025
މީ އިދާރާތަކުގެ މައްސަލައެއް ނޫންކަން ނޭގޭ.. އެތަންތަނަށް ޓެސްޓްކުރަން ފެން ފޮނުވަނީ ފެނަކައިގައި ތިބޭ ސިޔާސީ އެކިޓިވިސްޓުން. އެބޭފުޅުން މި ފޮނުވަނީ ހަދިޔާކުރަން ފޮނުވި މިނަރަލް ވޯޓާ ފުޅިން ފެން އަޅާފައި.
އަފުން
18 November 2025
ނޭނގޭ ކަމެއްގައި އެނގި ހުރެ ވޮޗްމޭނު ފިތުނައެއް އުފައްދަން ކަނޑައެޅިގެން ބޮޑު ދޮގެއް ހެދީތޯ ނޫނީ ހަމަ ހަގީގަތް އެނގިހުރެ ތެދެއް ހެދީތޯ؟.
އަފުން ސިޓީ
17 November 2025
ފެން ޓެސްޓުތަކުގެ ނަތީޖާ ފޮރުވާންޖެހޭ އެންމެ ސަބަބެއް އޮންނާނީ. އެއީ ފެން ތަގައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތުގައި ހުރީމަ. ކައުންސިލްގެ ނިންމުން ރަނގަޅު. ރައީސް ރުއްސަން ކުރު ބަޔާން ނެރުމަކުން ނުފުދޭ. ޓެސްޓުތަކުގެ ނަތީޖާ ހާމަކުރަންޖެހޭ. އެތައްބަޔަކަށް ސިއްޙީ ނުރައްކާއޮތްކަމެއްގައި ދައުލަތުން ފަރުވާކުޑަކުރުން ބަލައެއް ނުގަނެވޭ.
އަފުން
18 November 2025
ކިތައް ފޮޅުވަތުގެ ބަޔާނެއްތަ ނެރެން ޖެހެނީ. ފެން ސާފުވުމާއި ނުވުން ބިނާވެފައިވަނީ ނެރޭ ބަޔާނުގެ ކުރުމިނާއި ދިގުމިނަށްތޯ؟
ކައުންސިލްގެ ބަލާ
17 November 2025
ކައުންސިލަށް ވާންޗޯއިން ލީމަ މިކަހަލަ އެތައް ކަމެއް ފެންނާނެ، ކޯޓުން ނެރޭ ހުކުމަކުން ފެނުގެ ސައްހަ ކަން ކަށަވަރުޖުރަނީ މިހާރު ކޯޓުންނޯ..؟ ދައުލަތުގެ ޒިންމާދާރު އިދާރާ ތަކުގެ އަގު ވައްޓާލުމަށް ސިޓީ ކައުންސިލުން ކުރާކަން ކަމަށް ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭ، ކައުންސިލް ސަސްޕެންޑްކޮށް ޒިންމާތައް ކައުންސިލުން ނަގަންޖެހޭ.. އިސްތިއުފާ ދީ ކުރާނެ ކަމެއްނެތް ނަމަ.
ކައުންސިލް މެމްބަރު ފިކުރީ
17 November 2025
ފެން ޓެސްޓުތަކުގެ ނަތީޖާ ހިއްސާނުކުރީމަ ދެން ދެވެން އޮތީ ކޯޓަށް. ރައްޔިތުންގެ އާންމު ސިއްހަތާގުޅޭ މިފަދަ ކަންކަމުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަކީ އެކަށީގެންވާ، ތަގައްޔަރުވެފައި ނުވާ ފެނެއްކަން ކަށަވަރުކުރުމަކީ ކައުންސިލްގެ ޒިންމާއެއް. ފެނަކަ ކޯރޕަރޭޝަނުގެ އެންމްޑީ އިސްތިއުފާ ދޭންޖެހޭ
ރިއެކްޓު ރައީސް
17 November 2025
މިހުންނަނީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މިސަރުކާރުގެ ސްޕީޑު.. ޝުކުރިއްޔާ ރައީސް
ގާސިމް
17 November 2025
ކައުންސިލް ތަށް އުވާލާށޭ. ނޫނީ ރައްޔިތުން ނަށް ދުއްތުރާކޮއްގެންވެސް މަސްލަހަތު ނަގާލާނެ. ބެންކޮކް ދަތުރެއް އެޅުނީމަ ކައުންސިލަރުން މަޑުންތިބޭނީ