ބޮލީވުޑްގެ މަޝްހޫރު ތަރި މަލައިކާ އަރޯރާ އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.
މަލައިކާ ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ މިފަހަރު ރާއްޖެ އައީ އިންޑިއާގެ މެގަޒިންއެއް ކަމަށްވާ ގްލޯބަލް ސްޕާ މެގަޒިންގެ ކަވަ ޝޫޓިން އަށެވެ.
އޭނާ މިފަހަރު އައީ ރ. އަތޮޅުގައި އޮންނަ ހެރިޓެންސް އާރަށް ރިސޯޓަށެވެ. އެ ރިސޯޓަށް ދިއުމާ އެކު، ރިސޯޓުގެ ސްޓާފުން ވަނީ ބޮޑުބެރާއި ދިވެހި ސަގާފީ އައިޓަމަކުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މައިލަކާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯތަކާއި ވީޑިއޯތަކުގައި ވަނީ "ވިޒިޓް މޯލްޑިވްސް"ގެ އިންސްޓަގްރާމް އެކައުންޓް ވެސް ޓެގުކޮށްފަ އެވެ.
ރިސޯޓުގެ އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް މަލައިކާ އަންނަނީ ހިއްސާ ކުރަމުންނެވެ.
މަލައިކާ ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފަ އެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު އަރްޖުން ކަޕޫރްއާ އެކު ޗުއްޓީ ހޭދަކުރަން ވަރަށް ގިނައިން ރާއްޖެއަށް އައިސްފައިވެ އެވެ.
ފަސްވަރަކަށް އަހަރު ރަށްޓެހިވެގެން އުޅުމަށްފަހު މަލައިކާ އާއި އަރްޖުން ރުޅިވި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ މެއި މަހު އެވެ.