ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުތަކާ މެދު ހިތްހަމަނުޖެހިގެން، އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ޖަލްސާ ހުއްޓުވައިފި އެވެ.
މިނިސްޓަރު މަޖިލީހަށް މިއަދު ހާޒިރުކުރީ މާލޭގެ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ގޯތިތަކުގެ މައްސަލައިގަ އެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުން ލަސްވާ މައްސަލައިގައި އެކަށީގެންވާ ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެ، މިނިސްޓަރުގެ ޖަވާބާ ގުޅިގެން އެމްޑީޕީ މެންބަރުން ގެންދެވީ ނުރުހުންފާޅުކުރައްވަމުންނެވެ.
ބައެއް ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ސުވާލުތަކަށް މިއަދު ތައްޔާރުވެފައި ނެތް ކަމަށާއި ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު އެކަށީގެންވާ ޖަވާބެއް ނުދެއްވާ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ނިޒާމީ ނުކުތާ ވެސް ނެންގެވި އެވެ. ނަމަވެސް، އެއީ، ނިޒާމީ ނުކުތާއެއް ނޫން ކަމަށް މަޖިލީސް ރައީސް އަބްދުއްރަހީމް އަބްދުﷲ ކަނޑައެޅުއްވުމުން ތަޅުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އަޑުއުފުލައި، އެކަމާ ދެކޮޅު ހަދައިފަ އެވެ.
ނިޒާމީ ނުކުތާ ބަލައިނުގަތުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ނުރުހުން ފާޅުކުރަން އަޑު ގަދަ ކުރައްވަމުން ގެންދަވާތީ، އޭނާގެ ނަން އިއްވައި ތަޅުމުން ނުކުންނެވުމަށް މަޖިލީހުގެ ރައީސް އެންގެވި އެވެ.
އެކަމަކު އެ އެންގެވުމަށް އަމަލު ނުކުރައްވައި އޭނާ ވަނީ މަޖިލިސް ރައީސްގެ މޭޒު ކައިރީގައި އަޑު އުފުއްލަވައިފަ އެވެ.
މެންބަރު ޒިޔާދުގެ އިހުތިޖާޖާ އެމްޑީޕީގެ ދެން ތިއްބެވި މެންބަރުން ވެސް ގުޅިވަޑައިގަތެވެ.
އެހެންވެ، އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުގެ ނަން އިއްވައި، އެ މެންބަރުން ވެސް ތަޅުމުން ނުކުންނަން އެންގެވި އެވެ.
މަޖިލީހުގެ ރިޔާސަތުން ޖަލްސާ މެދުކަނޑާލަން ޖެހުނީ، ނަން އިއްވި ހަތަރު މެންބަރުން ތަޅުމުން ނުނިކުންނެވުމުންނެވެ. މެމްބަރުންގެ މި އިހްތިޖާޖާ ގުޅިގެން، މިނިސްޓަރު ހައިދަރާ ސުވާލު ކުރުން ކުރިއަށް ނުގެންދެވިގެން، އެޖެންޑާ ވެސް ނިންމާލެއްވީ އެވެ.