ބާސެލޯނާ (އޮގަސްޓް 15) - ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްގެ ބައްޕަގެ ގަޔަށް ބަޔަކު ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ސްޕެއިންގެ ގައުމީ ޓީވީން ރިޕޯޓް ކުރިގޮތުގައި ޔަމާލްގެ ބައްޕަ، މުނީރު ނަސްރޫއީއަށް ބުދަ ދުވަހު ޕާކިން ލޮޓެއްގައި ހަމަލާ ދިން ބަޔަކު ވަނީ އޭނާގެ ބަނޑަށް ދެ ފަހަރު ވަޅި ހަރައި، މެޔަށް އެއް ފަހަރު ވަޅި ހެރި އެވެ. އޭނާގެ ހާލު ސީރިއަސް ނަމަވެސް މިހާރު ފުރާނައަށް ނުރައްކަލެއް ނެތުމުން ހޮސްޕިޓަލުން ވަނީ ދޫކޮށްލާފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ހާދިސާއާ ގުޅިގެން ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ސްޕެއިންގެ ގައުމީ ޓީވީން ރިޕޯޓް ކުރާގޮތުގައި، ނަސްރޫއީ އާއި ބަޔަކު ދެބަސްވާ ވީޑީއޯތަކެއް، ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ވެސް މީގެ ވީޑިއޯތަކެއް އަންނަނީ ދައުރުވަމުންނެވެ.
އުމުރުން 17 އަހަރުގެ ޔަމާލް ވަނީ މިއަހަރު އޮތް ޔޫރޯ މުބާރާތުގައި ޗެމްޕިއަންކަން ހޯދި ސްޕެއިން ޓީމުގައި ވެސް ވިދާލައިފަ އެވެ. އޭނާ ވަނީ ސެމީ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ. އަދި ފައިނަލް މެޗުގައި ސްޕެއިންގެ ފުރަތަމަ ގޯލު ޖަހަން އެހީވެ، އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ.