ރަހީނުކުރި އަންހެން މީހާ ސަލާމަތްކުރަން ފުލުހުންނާއި އާއްމުން މަސައްކަތް ކުރަނީ.
30 އޯގަސްޓް 2024 - 12:45
މާލޭގައި ރޭ އަންހެނަކު ރަހީނުކޮށް، ކަރުގައި ވަޅި ޖައްސައިގެން ފުލުހުންނަށް އިންޒާރު ދޭ ހިސާބަށް ދިޔައީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ދިރިއުޅެމުން އަންނަ ގޭގެ ކުއްޔާ ގުޅޭ ގޮތުން އުފެދުނު ޒުވާބެއްގެ ތެރެއިން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ މަގުމައްޗަށް ނެރެ ސައިކަލަށް އަރުވައިގެން ފިލަން މަސައްކަތް ކުރީ އާދަމް އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫ އެވެ. އޭނާއަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ހުކުމުގެ މުއްދަތު ލުއިކޮށް، 2022 ގައި ދޫކޮށްލާފައި ހުރި މީހެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަ ގޮތުގައި، ކަރުގައި ވަޅި ޖައްސައި އަންހެން މީހާ ސައިކަލުގެ ކުރީގައި ބައިންދައިގެން، އަތުހަރު ފުލުހުންނާ ވާހަކަތަކެއް ދެއްކި އެވެ. ފުލުހުން އޭނާއަށް މަގު ދެއްކުމުން އަންހެން މީހާ ގޮވައިގެން ސައިކަލުގައި ނައްޓާލީ އެވެ. އޭނާ މަސައްކަތް ކުރީ ރަތްދެބައިމަގުގައި ހުރި ގެއަކަށް ދާން ކަމަށް ވެ އެވެ.
ނަމަވެސް، އޭނާ ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު ވަނީ އަތުހަރަށް މުގުރުން ހަމަލާދީ، އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. އެ އަންހެން މީހާގެ ކަރުގައި ވަޅި އަޅަން އެ ވަގުތު އަތުހަރު މަސައްކަތް ކުރި ނަމަވެސް، އަންހެން މީހާއަށް ވަޅިން މާބޮޑު އަނިޔާއެއް ނުވެ އެވެ.
އަންހެން މީހާގެ ކަރުގައި ވަޅި އަޅަން އަތުހަރު މަސައްކަތް ކުރަނީ: އަންހެން މީހާއަށް ބޮޑު އަނިޔާއެއް ނުލިބޭ
އެންމެންނަށް ސިހުން ގެނުވި މި ހަމަނުޖެހުން ހިންގަން މެދުވެރިވީ "މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން ދިރިއުޅޭ ގޭގެ ކުލި ނުދެއްކިގެން ފެށުނު ޒުވާބެއްގެ ތެރެއިންނެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ މި ދެ މީހުންނާ އެކު އިތުރު މީހަކު ވެސް އެ ގޭގައި ދިރިއުޅެ އެވެ.
އަތުހަރު ވަޒީފާއެއް އަދާނުކުރާތީ، އެ ތަނުގެ ކުލި ދައްކަމުން ދިޔައީ އަންހެން މީހާއަށް ލިބޭ މުސާރައިންނެވެ. ހަމަނުޖެހުން ހިނގީ އަބަދު އެގޮތަށް ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ބުނެ އަތުހަރަށް ފައިސާ ދޭން އަންހެން މީހާ ދެކޮޅު ހެދުމުންނެވެ.
އެކަމާ އަތުހަރު ރުޅިގަދަވެ، އަންހެން މީހާ އަށް އަނިޔާކޮށް ބޮޑު ހަމަނުޖެހުމަކާ ހިސާބަށް ދިޔައީ ކަމަށް މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
މާލޭ މަގުމަތީ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަހްތަރު: އޭނާއަކީ އަދަބު ލުއިކޮށް ދޫކޮށްލާފައި ހުރި މީހެއް
އެނގިފައިވާ ގޮތުގައި މަގުމައްޗަށް ދެ މީހުން ނުކުތީ ގޭތެރޭގައި ކުރި ޒުވާބު ހޫނުވެގެންނެވެ.
ހަމަނުޖެހުން ބޮޑުވާތީ ފުލުހަށް މައްސަލަ ރިޕޯޓް ކުރީ އެ ގޭގައި ދިރިއުޅޭ ބައެކެވެ. ފުލުހުން އެ ތަނަށް ދިޔައިރު ވެސް އަތުހަރު ހުރީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. އޭގެފަހުން، އަންހެން މީހާ މަރާލާނެ ކަމަށް ބުނެ ބިރުދައްކައިގެން އަތުހަރު ގޮސް ސައިކަލް އަރައި، އޭނާ ދާން ބޭނުންވާ ހިސާބަށް ދިޔުމަށް މަސައްކަތް ކުރި އެވެ.
އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން:މި ޒުވާބު ހޫނުވެ ހަމަނުޖެހުމަކަށްވީ ފައިސާގެ މައްސަލައެއްގައި
ނަމަވެސް، މަގުގައި ގިނަ އަދަދެއްގެ އާންމުން އެއްވެފައި ތިބުމުގެ ސަބަބުން، ސައިކަލުގައި އަތުހަރު ދާން ބޭނުންވި ހިސާބަށް ނުދެވުނީ އެވެ. ސައިކަލު މަޑުކޮށްގެން އިން ވަގުތު، ސައިކަލުތަކެއްގައި އޭނާގެ ފަހަތުން އައި ފުލުހަކު ވަނީ އޭނާގެ ބޮލުގައި މުގުރަކުން ޖަހައި ސައިކަލާ އެކު އޭނާ ބިންމައްޗަށް ވައްޓާލައިފަ އެވެ. އަދި އެ ވަގުތު ވަށައިގެން ތިބި ފުލުހުންނާއި އާންމުން ވެސް އަރައިގަނެ އަންހެން މީހާ އެތަނުން ސަލާމަތް ކުރި އެވެ.
މުގުރުން ޖެހުމުގެ ސަބަބުން އަތުހަރު ބިންމައްޗަށް ވެއްޓުނުއިރު، އޭނާއަށް ލިބުނު އަނިޔާއަށް އޭޑީކޭގައި ފަރުވާދިނެވެ. ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
އަންހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު، އޭނާގެ ހާލު ވެސް ރަނގަޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔެތު މީހާ
01 September 2024
މާލެ ނޫންގޮތެއް. މާލެ އަށް މުޅިރާއްޖެ ތޮށްޖެއްސީމަ ވާނީ ތިޔަކަހަލަ ގޮތްތަކެއް. ގާނޫނީ އަދަބު ކުއްވެރިޔާގެ އުޅުމާއި އަހްލާގަށް ރަނގަޅަށް ބެލެވިގެންނޫނީ ދޫ ނުކުރެވޭނެހެން ކަންކުރެވެން ޖެހޭ. އުސޫލްތަކަށް ފުރިހަމައަށް އަމަލު ކުރެވެން ޖެހޭ.
ފުލުހުން
31 August 2024
ފުލުހަކަށް ވެ ހުރެ ތިކަހަލަމީހަކާ އެކު ވަގުތު ހޭދަކުރުމަކީ ހުވަޔާ ޚިލާފް މުޑުދާރު އަމަލެއް މިހާރުންމިހާރަށް ވަޒީފާއިން ވަކިކުރަން ގޮވާލަން
ޖާދު
31 August 2024
ރަގަޅު ކޮމެންޓެއް، މިކަހަލަ ފުލުހުންނަށް ކިހިނެތްތޯ އާންމުން އިތުބާރު ކުރާނީ؟، ލިވްޓުގެދާ މިހަދާނީ ޖަލުން ދޫވެފަ ހުރިބޮޑު ކުއްވެރިޔަކާއެކީ، ފުލުހުން ރެއިޑަކަށް ދާއިރުގަވެސް މިދެންވިކަހަލަ ފުލުހުން ޕާޓޭންނާއި ގޭންގް ތަކަށް ކުރިއާލާ މައުލޫމާތު ދޭނެ، ފުލުހުން ކުއްވެރިންނާ އެކު ދިރިއުޅޭ ކަމަށްވަންޏާ އިންޓިގްރިޓީ ގެއްލޭނެ، މީހުންގެ އިތުބާރުގެއްލޭނެ އަޅުގަނޑު ކޮމިޝަނަރ އަށް ދަންނަވަން އޮތީ ތި އަންހެންފުލުހަށް އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުއަޅާށޭ
ޢިސްމާއިލް މުޙައްމަދު
31 August 2024
ބުރުގާ އަޅައިގެން ހުރުން އެއީ އޭނާގެ ނަސީބުކަން ވީޑިއޯތަކުން ފެނޭ އެނޫން ނަމަ ކަރަށް ބޮޑު ޒަޚަމެއް ލިބުން ގާތީ . ހެއްދެވި ފަރާތަށް ޙަމްދު ހުއްޓެވެ. ފުރާނައެއް ސަލާމަތްވުމުންނެވެ.
ސައިޚް
31 August 2024
މާލޭގަ ވަރަށް ގިނަ އިން އުޅޭ ލޯބިވެގެންއުޅޭ އަންހެންކުއްޖާ ވަޒީފާ އަދާކޮއްގެން ލިބޭ ލާރިކޮޅު ޚަރަދުކޮއްގެން ކުލިދައްކާ، ކައިބޮއެ، ޕެޓްރޯލް އަޅާ ޅަފިރިހެންކުދިން، އެފިރިހެން ކުދިންނަކީ ރޭގަނޑު ހޭލާ، ދުވާލު ނިދާކުދިން، އަންހެން ކުއްޖާ ސައިކަލްދީފަ ހުންނަނީވެސް، އެވަރަށް ލޯބިވާކުދިން އުޅޭ،
އައިމިނާ
30 August 2024
ފުލުހެއްވީމަ ދޯ. ފުލުހެއްވީމަ ގޮތެއްވެސް ހުންނަންޖެހޭނެ ނޫންތޯ. ހަމަ ތަނަކުން މީހަކު ފެންނައިރަށް އެމީހާގެ ގޭގަ އުޅޭކަށް ނެޖެހޭނެ ނޫންތޯ.
1181
30 August 2024
މާލޭގެ ކުލި ކޮންޓްރޯލު ކުރޭ!!! ޓެކްސީއަށް ސަރުކާރު ބޭނުން އަގެއް ކަނޑައެޅެންޏާ މާލޭގެ ކުލީގެ އަގުތައްވެސް ކަނޑައެޅެންޖެހޭނެ!!!
ގުދުގުދާބެއްޔާ
30 August 2024
ނުވާނެ ތިކަމެއް! ކަލޭގެ ރަށުގެ ކޮޓަރީގެ ކުލިވެސް ޖެހޭނީ ކޮންޓްރޯލް ކުރަން! އެއްބަސް ވެފައި ވާގޮތައް ކުލި ޖެހޭނީ ދައްކަން! ނޫނީ ޖެހޭނީ ތަން ހުސްކޮއްފަ އެތިކޮޅު ހިފައިގެން ނިކުންނަށް!ތަނުގެ ވެރިމީހާގެ ޚަރަދުތައް ހަމަޖައްސަނީ ލިބޭނެ ކަމަށް ވާ ކުއްޔަކަށް! ކުލި ނުލިބުނީމަ އޭގެ ތަހައްމަލް ތަނުގެ ވެރިފަތާތުން ކުރަން ޖެހިއްޖެނަމަ ގަދަބާރުން ތަނުން ނެރުން ދެން އޮންނަނީ!
ގުދުލީބެއްޔާ އަށް
31 August 2024
ކުއްޔޭ ކިޔާފަ އެއްޗެކޭ ބުނީމަ ވަރަށް ވަރު ވެއްޖެދޯ ކަލެއަށް. ކަލޭ "ލިބޭނެ ކަމަށް ވާ" ކުއްޔަށް ބަލައިގެން ޚަރަދުތައް ހަމަޖައްސާގޮތަށް އަތުން ފައިން މަސައްކަތްކޮށްގެން އާމްދަނީ ހޯދާ އެންމެންވެސް ޚަރަދުތައް ހަމަޖައްސާނީ. ޓެކްސީގެ އަގު ސަރުކާރުން ކޮންޓްރޯލު ކުރާނަމަ މާލޭ ކުލީގެ އަގުތައްވެސް ކޮންޓްރޯލު ނުކުރެވެންވީ ސަބަބެއް ނެތް.
100
31 August 2024
އަކަފޫޓަކަށް 100 ރުފިޔާ
ހާލތު
30 August 2024
އަސްލު މައްސަލަ އަކީ ފުރަތަމަވެސް ލިލޭ ދެމީހުން އެއްތަނެއްގައި ކައި ބޮއި ނިދުން........ މިކަން ފާޅުކަން ބޮޑުކޮށް އެނގޭއިރު އެއްވެސް މައްސަލައަކަށް ނުވޭ......
ދިރާސާތު
30 August 2024
ޚަބަރުގައި އޮތީ: "ނަމަވެސް، މަގުގައި ގިނަ އަދަދެއްގެ އާންމުން އެއްވެފައި ތިބުމުގެ ސަބަބުން، ސައިކަލުގައި އަތުހަރު ދާން ބޭނުންވި ހިސާބަށް ނުދެވުނީ އެވެ." ރަނގަޅު ގޮތަކީ ވަންވޭ އާ އިދިކޮޅަށް އޭނާ ދިޔުމުން މަގު ބްލޮކްވީއެވެ.
ކޮންފިޑެންސް
30 August 2024
މިހާރު އުޅޭ އަންހެން ކުދިންނަށް ކަމުދަނީ އަންސްޓޭބަލް ފިރިހެން ކުދިން. ނޮޓް މެން. ފިރިހެނެއްވެޖިއްޔާ މަސްކިއުލިން ކެރެކްޓަރިސްޓީކްސް ހުންނާނެ. އެއީ ލޯބި، ފަންނުވެރިކަން، ބުރަމަސައްކަތް ކުރުން، ލީޑާޝިޕް. މިކަލަ ފިރިހެނުންނާ ދިމާވީމަ މިޒަމާނުގެ އަންހެން ކުދިން އިންސެކިއަރ ވަނީ.
ގުދުގުދާބެއްޔާ
31 August 2024
އެއީ ޕޮލިސް އަންހެނަކު ކަމަށް ވަނީ! މީހާއަށް އަދަބެއް ނާންނާނެބާ؟
ޚެކެކ
30 August 2024
ތި ސޮރު ރީތި ސޮރެއް އާމްދަނީ ހޯދަން މޮޑެލް ވެސް ކުރެވިދާނެ