އިންޑިއާގެ ހަރިޔާނާގައި ސަރުކާރުގެ އޮފީސްތައް ފޮޅައި ސާފުކުރުމުގެ ވަޒީފާތަކަކަށް އިއުލާނުކުރުމުން ކުރިމަތިލި މީހުންގެ ތެރޭގައި ޑިގްރީ ފެންވަރުގެ ބައި ލައްކައަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ބުނެފި އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އެހެން ބައެއް އިދާރާތަކުގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ ވަޒީފާތަކަށް އިއުލާނުކުރުމުން 120،000 މީހަކު ވަނީ ވަޒީފާއަށް ކުރިމަތިލައިފަ އެވެ. އޭގެ ތެރޭގައި 46،000 އަށް ވުރެ ގިނަ މީހުންނަކީ ޕޯސްޓްގްރެޖުއޭޓް މީހުންނެވެ. އަދި ގްރެޖުއޭޓް ފެންވަރުގެ 6،000 މީހުން ހިމެނެ އެވެ.
މި ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ އިތުރުން އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަ ޑަސްބިންތައް ހުސްކޮށް ސާފުކުރުން ވެސް ހިމެނެ އެވެ.
މި ވަޒީފާތަކަށް ކުރި އިއުލާނުގައި، ބޭނުންވަނީ ކިހާ އަދަދެއްގެ މީހުންނެއް ކަމެއް ބުނެފައެއް ނުވެ އެވެ.
ހިންދުސްތާން ޓައިމްސް އަށް ވާހަކަ ދެއްކެވި ހަރިޔާނާ ސްޓޭޓްގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި މިއީ ކޮންޓްރެކްޓް ވަޒީފާތަކެކެވެ. މި ވަޒީފާގައި މުސާރަ އަކީ މަހަކު ގާތްގަނޑަކަށް 15،000 ރުޕީސް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަތީ ތައުލީމު ހާސިލްކޮށްފައިވާ ގިނަ އަދަދެއްގެ ބަޔަކު މި ވަޒީފާތަކަށް ކުރިމަތިލީ އޮޅުމަކުން ކަމަށް ނުބެލެވޭ ކަމަށާއި ވަޒީފާއަށް ކުރި އިއުލާނުގައި ތަފްސީލްތައް ހުންނާނެ ކަމަށެވެ.
ބިޒްނަސް ސްޓަޑީޒްގެ ޕޯސްޓްގްރެޖުއޭޓަކު ހިންދުސްތާން ޓައިމްސްއަށް ބުނީ އޭނާ އާއި އަނބިމީހާ ވެސް ވަޒީފާއަށް ކުރިމަތިލާފައިވާ ކަމަށެވެ. އަނބިމީހާ އަކީ ތަޖުރިބާކާރު ޓީޗަރެއް ކަމަށާއި އެކަމަކު އަމިއްލަ ސްކޫލްތަކާއި ކުންފުނިތަކުން މަހަކު 10،000 ރުޕީސް ވެސް ލިބެނީ ކިރިޔާ ކަމަށް އޭނާ ބުންޏެވެ.
އިންޑިއާގައި ވަޒީފާ ނުލިބުމުގެ މައްސަލަ މިހާރު ބޮޑުވަމުން ދާއިރު، ފޮޅައި ސާފުކުރުމުގެ ވަޒީފާއަށް ކުރިމަތިލި ބައެއް މީހުން ބުނެފައި ވަނީ މިއީ އެހެން ގޮތެއް ނެތިގެން ކުރިމަތިލި ވަޒީފާއެއް ކަމަށެވެ.