ޖަކާޓާ (މާޗް 2) - ސައުދީ ރަސްގެފާނު ސަލްމާން ބިލް އަބްދުލް އަޒީޒް އޭޝިއާގެ ގައުމުތަކަށް ފައްޓަވާފައިވާ މަހެއްހާ ދުވަހުގެ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ފަހި ކުރުމެވެ. ސައުދީ އަރަބިއާ އިން މިދިޔަ އަހަރު ވަނީ އިގްތިސާދީ އަދި އިޖްތިމާއީ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ.
ގައުމުގެ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އިއުލާން ކުރެއްވި "ވިޝަން 2030" ގެ ދަށުން ސައުދީ ސަރުކާރުން ދަނީ އެހެން ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ މަގު ތަނަވަސް ކުރަމުންނެވެ. މި މަސައްކަތުގައި އިސްކޮށް އުޅުއްވަނީ އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް ކައުންސިލްގެ ޗެއާމަން މުހައްމަދު ބިން ސަލްމާނެވެ. އޭނާ އަކީ ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބުގެ އިތުރުން އެ ގައުމުގެ ދިފާއީ ވަޒީރު ވެސްމެ އެވެ. ސައުދީގެ އިގްތިސާދު ފުޅާ ކުރުމަށް އިންވެސްޓް ކުރުމަށް ހުރި ދާއިރާތައް ބެލުމަށް މިދިޔަ އަހަރު މުހައްމަދު ވަނީ ވަރަށް ގިނަ ގައުމުތަކަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ޗައިނާ ހިމެނެ އެވެ. އެ ދަތުރުފުޅުގައި ސައުދީ އަރަބިއާގެ ފައިނޭންސް އަދި އެނާޖީ މިނިސްޓަރުގެ އިތުރުން އަރާމްކޯ އާއި ޕެޓްރޯކެމިކަލްސް ކުންފުނި ސާބިކްގެ އޮފިޝަލުން ވެސް ބައިވެރިވި އެވެ.
ސައުދީ އަރަބިއާ އިން ނިންމާފައި ވަނީ ދުނިޔޭގެ އެންމެ ބިޔަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަރާމްކޯގެ ހިއްސާ އަންނަ އަހަރު ވިއްކުމަށެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ޝެއާ ސޭލް އަށް ވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
ސަލްމާން ރަސްގެފާނުގެ އޭޝިއާގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ވަޑައިގެންނެވި މެލޭޝިއާގައި ވަނީ ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ހަތް ބިލިއަން ޑޮލަރު އިންވެސްޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ސަލްމާން ރަސްގެފާން އިންޑޮނީޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި ސައުދީން 25 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް އިންޑޮނީޝިއާގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.
ސަލްމާން ރަސްގެފާން ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ސައުދީ ކެބިނެޓުން މިދިޔަ ހަފުތާގައި ވަނީ އޭޝިއާގެ ގައުމުތަކާ އެކު އިގްތިސާދީ އެއްބާރުން އިތުރު ކުރުމުގެ އެއްބަސްވުންތަކެއް ފާސްކޮށްފަ އެވެ.
މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާ ނޭޝަނަލް ޓްރާންސްފޯމޭޝަން ޕްލޭން (އެންޓީޕީ) ދަށުން ސައުދީގެ އެކި މުއައްސަސާތަކުން ހާސިލް ކުރުމަށް ވަނީ 350 އަމާޒެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ބޭރުގެ ސީދާ އިންވެސްޓްމަންޓް ހޯދުން ވެސް ހިމެނެ އެވެ. އޭޝިއާ އިން ޕާޓްނަރުންނާއި އިންވެސްޓަރުން ހޯދުމަށް ވަލީ އަހުދުގެ ނައިބް މުހައްމަދު ވަނީ ޗައިނާގެ އިތުރުން ޖަޕާނަށް ވެސް މިދިޔަ އަހަރު ދަތުރުފުޅުތަކެއް ކުރައްވައިފަ އެވެ.
ސަލްމާންގެ އޭޝިއާ ދަތުރުފުޅުގައި ވަޑައިގަންނަވާ ޖަޕާނުގެ ޓެކްނޮލޮޖީ ފަންޑް، ސޮފްޓްބޭންކުގައި ސައުދީން މިހާރު ވެސް ވަނީ 25 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ. ސައުދީން ދަނީ ޖަޕާނާއި ޗައިނާ އިން ލޮޖިޓިކްސް، އިންފްރާސްޓްރަކްޗާ އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިންވެސްޓްމަންޓްތައް ހޯދަމުންނެވެ. ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމަކީ ޗައިނާ ކަމަށްވާ އިރު އެ ގައުމަށް އެއް ގައުމަކުން އެންމެ ގިނައިން ތެޔޮ އެތެރެ ކުރަނީ ސައުދީންނެވެ. އެކަމަކު ރަޝިޔާ އާއި އީރާނުން ތެލުގެ މާކެޓުގައި ކުރިއަރާ އިރު ޗައިނާ އިން ދަނީ އެ ދެ ގައުމުގައި ތެލަށް އިންވެސްޓް ކުރަމުންނެވެ. ސައުދީގެ ބޭނުމަކީ އެ ގައުމުގެ އެއްވަނަ ސަޕްލަޔަރުގެ ގޮތުގައި ޗައިނާ ބޭއްވުމެވެ.
ސަލްމާންގެ ދަތުރުފުޅުގައި ވަޑައިގަންނަވާ ރާއްޖޭގެ ފ. އަތޮޅުގައި ވެސް ސައުދީން ދަނީ ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންނެވެ. ފ. އަތޮޅުގައި ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އިއުލާން ކުރައްވައިފަ އެވެ.
ތެލަށް ބަރޯސާނުވެ އިގްތިސާދު ފުޅާކުރާނެ ގޮތްތައް ހޯދަން ސައުދީ ސަރުކާރުން ނިންމީ ތެލުގެ އަގު ދަށްވެގެން ސައުދީ އަރަބިއާގެ އިގްތިސާދު ހީނަރުވެ ސަރުކާރު މުވައްޒަފުންނާއި ވަޒީރުންގެ މުސާރަތައް ކުޑަކުރަން ޖެހޭ ހިސާބަށް ދިއުމުންނެވެ.