ވައްކަމާއި ފޭރުމާއި ޖުމްލަ ކުށުގެ މައްސަލަތައް ރިޕޯޓުކުރާ ވަރު މަދުވެއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ މިދިޔަ އޮގަސްޓް މަހަށް ވުރެ މިދިޔަ މަހު ރިޕޯޓުކުރި ޖުމްލަ މައްސަލަތައް މަދު ކަމަށެވެ.
ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގަމުން އަންނަ ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓް މަހު އެންމެ ގިނައިން ރިޕޯޓުކުރީ ވައްކަމުގެ މައްސަލަ އެވެ. އެ މުއްދަތުގެ ތެރޭގައި ވައްކަމާ ގުޅުން ހުރި 327 މައްސަލައެއް ހުށަހެޅިއިރު، މިދިޔަ މަހު އެ އަދަދު ވަނީ 230 އަށް ދަށްވެފަ އެވެ.
ޓްރެފިކް އެކްސިޑެންޓުތައް ވެސް 204 އިން 143 އަށް މަދުވެފައިވާ ކަމަށް އެ ނަމްބަރުތަކުން ދައްކަ އެވެ.
ކުރީ މަހުގައި ތިން ވަނަ އަށް އެންމެ ގިނައިން ރިޕޯޓުކުރީ ޑްރަގްސްގެ މައްސަލަތަކެވެ. އެ ފަހަރު 134 މައްސަލަ ޕޮލިހަށް ރިޕޯޓުކުރިއިރު، މިދިޔަ މަހު އެ އަދަދު ވަނީ 111 އަށް މަދުވެފަ އެވެ.
މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުންގެ އޮޕަރޭޝަން ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވެ، ޓްރެފިކް ބާރުބޮޑުވާ ވަގުތާއި ގޭންގުތަކުން އުޅޭ ތަންތަނުގައި ފުލުހުންގެ ހަރަކާތްތައް ވަނީ އިތުރުކޮށްފަ އެވެ.