އެކި މައްސަލަތަކުގައި ވަގަށް ނެގި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި އެވެ. 

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އެއީ މާލޭގެ އެކި ޕޮލިސް ސްޓޭޝަންތަކަށް މި މަހު 15 އާއި 21 އާ ދެމެދު ހުށަހެޅި ވައްކަމުގެ މައްސަލަތަކުގެ ތަހުގީގުގައި ފުލުހުން އަނބުރާ ހޯދައިދީފައިވާ ފައިސާ އެވެ. ޖުމްލަ 619,048ރ. ފުލުހުން ރިކަވާކޮށްދީފައިވެ އެވެ.

  • ހެންވޭރު ޕޮލިސް ސްޓޭޝަނުން 95،894ރ. 
  • ގަލޮޅު ޕޮލިސް ސްޓޭޝަނުން 173،800ރ.
  • މާފަންނު ޕޮލިސް ސްޓޭޝަނުން 65،644ރ. 
  • ހުޅުމާލޭ ޕޮލިސް ސްޓޭޝަންތަކުން 283،710ރ.

ފެނިފައިވާ ފައިސާ އާއި ތަކެތީގެ އަގުގެ ތެރޭގައި ހިމެނެނީ ރިޕޯޓްކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން ހޯދިފައިވާ ނަގުދު ފައިސާ އާއި ތަކެތީގެ އަންދާޒީ އަގުތައް ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުގައި މި މަހުގެ މިހާތަނަށް 715 މައްސަލައެއް އެ އިދާރާއަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 196 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. އަދި ފޭރުމުގެ 14 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެ އެވެ.