މާލޭގެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000ރ. ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި އޭގެ ތެރެއިން ލައްކައެއްކާ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ސައިކަލެއްގެ މަޑިދަށުން 150،000ރ. ވަގަށް ނެގި މައްސަލައެއް ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ބަލައި ސައިކަލު މަޑިދަށުން ފައިސާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން އެކަމަށް އޭނާ އިއުތިރާފުވި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ފައިސާގެ ތެރެއިން އެ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000ރ. ފުލުހުންނާ ހަވާލުކުރި ކަމަށެވެ. އަދި 40،000ރ. ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދިން ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުން ބުނި ގޮތުގައި ވަގަށް ނެގި ފައިސާގެ ތެރެއިން 55،000ރ. ތުހުމަތު ކުރެވޭ ފަރާތުން ވަނީ ބޭނުންކޮށްފަ އެވެ. އެހެންވެ، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން އަންނަނީ ކުރަމުންނެެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އެ މީހާ ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު މައްސަލަ ތަހުގީގުކުރާ ކަމަށް ބުންޏެވެ.