ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އާ ވީއައިޕީ ކޮމްޕްލެކްސްއެއް ހެދުމަށް ރާއްޖެ އާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދައުވަތު ފޮނުވައިފި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ކުރީގެ އަކުއާ ރެސްޓޯރަންޓް ހުރި ތަނުގައި މޫދު ފެންނަ ގޮތަށް ހަތަރު ބުރި އަށް ހަދާ އިމާރާތުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން މިހާރު ދައުވަތު ފޮނުވާފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ޕްރޮޖެކްޓަށް ވަކިވަކި ދައުވަތު ފޮނުވަނީ. އޭގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކަށާއި އެއާޕޯޓުގެ އެކި ޕްރޮޖެކްޓްތައް ހިންގާ ބޭރުގެ ކުންފުނިތަކަށް ވެސް ދައުވަތު ފޮނުވާފައިވާނެ،" އާދިލް ވިދާޅުވި އެވެ.
އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ވީއައިޕީ ކޮމްޕްލެކްސްގެ މަސައްކަތް ފަށައި މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި އަލަށް ހަދާ ވީއައިޕީ ކޮމްޕްލެކްސްގައި ޗެކިން ކުރެވޭނެ ފެސިލިޓީ އާއި ކެއިން ބުއިމުގެ ހިދުމަތްތަކާއި ފާޚާނާގެ އިތުރުން ފެންވެރޭނެ ގޮތާއި ދެ ޖިންސަށް ވަކިން ނަމާދު ކުރެވޭނެ ގޮތްތައް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މިހާރު ބޭނުންކުރާ ވީއައިޕީ އަދި ސީއައިޕީ ލައުންޖާ މިތަން ވަރަށް ތަފާތުވާނެ. އިންޓީރިއާ އަދި ބޭރުން ފެންނަ ގޮތް ވެސް ވަރަށް ރީތިވާނެ،" މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލަށް ކޮމްޕްލެކްސްގައި ވީއައިޕީ އާއި ސީއައިޕީ ލައުންޖްތައް ހުންނާނީ ވަކިވަކިން ކަމަށެވެ. އަދި އޭގެ އިތުރުން ވަކި ކޮޓަރިއެއް ބޭނުންވާ މީހުންނަށް އެކަން ވެސް ހަމަޖެހޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
"މިތަން ވާނެ މި ސަރަހައްދުގައި ހުރި އެންމެ ހިތްގައިމު ވީއައިޕީ ކޮމްޕްލެކްސް އަށް. އަޅުގަނޑުމެން މިތަން މި ހަދަނީ ކޮންމެ ފެންވަރެއްގެ މީހަކަށް ވެސް ބޭނުންކުރެވޭނެ ފެންވަރަށް،" އޭނާ ވިދާޅުވި އެވެ.