ތެލެސީމިއާ އަށް ހާއްސަ ފަރުވާ ދެވޭ ގޮތަށް ހުޅުމާލެ 2 ގައި އިމާރާތްކުރާ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވައިލި "ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަޕްލޭން" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ތެލެސީމިއާ ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކުރީ މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާ އެވެ.
އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް ސޮއި ކުރެއްވިއިރު، ޗިން ހިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ގުރޫޕް ސީއީއޯ ރޮޖާ ލިން އެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، މި ޕްރޮޖެކްޓުގެ ފައިނޭންސިން ހަމަޖައްސާފައިވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިން ކުންފުނިންނެވެ.
ރޭގެ ޖަލްސާގައި ވަނީ ތެލެސީމިއާ ސެންޓަރުގެ ކުރެހުން އެކުލެވޭ ވީޑިއޯއެއް ދައްކާލައިފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ތިން ބުރީގެ ހޮސްޕިޓަލުގައި އެންމެ ތިރީގައި ގާއިމްކޮށްފައި ހުންނާނީ އިމަޖެންސީ ރޫމާއި ކެންޓީނެއްގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސަަރަހައްދެކެވެ.
ހޮސްޕިޓަލްގައި ލެބޯޓަރީ އާއި ބްލަޑް ޓްރާންސްފިއުޝަން ޔުނިޓަކާއި ބްލަޑް އަދި އޯގަން ޓްރާންސްޕްލާންޓް ޔުނިޓެއްގެ ގޮތުން ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއް ހަދާނެ އެވެ.
ތެލެސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.