ގދ. ނަޑެއްލާގެ ބަނދަރުމަތީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓު ހިނގީ ރޭ ދަންވަރު 12 ޖަހާކަށް ހާއިރެވެ.
ފުލުހުން މިއަދު ބުނީ، އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވި ސައިކަލު ކޮންޓްރޯލު ނުވެ ގޮސް، އެ ވަގުތު ބަނދަރުމަތީގައި މަޑުކޮށްފައި އޮތް ރަށުޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލުގައި ތިބި ދެ މީހުންނާއި ޕިކަޕު ކައިރީގައި މަޑުކޮށްގެން ހުރި މީހަކަށެވެ.
ސައިކަލުގައި ތިބި 18 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި ސައިކަލުން ޖެހުނު 47 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ފުލުހުން ބުނީ އެ ތިން މީހުންނަށް ވެސް ގދ. ތިނަދޫގައި ހުންނަ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާދިން ކަމަށެވެ. އަދި ސައިކަލް ދުއްވި މީހާ އާއި ޕިކަޕް ކައިރީގައި ހުއްޓާ އަނިޔާވި މީހާއަށް އިތުރު ފަރުވާ ދޭން ޖެހިގެން މިއަދު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެމީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި، ސައިކަލް ދުއްވި މީހާއަކީ ވެހިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ.
އެ އިދާރާއިން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި، އެ ޕިކަޕު ބަނދަރުމަތީގައި މަޑުކޮށްގެން އޮތީ އެ އަށް ލަކުޑިތަކެއް އަރުވާށެވެ. ޕިކަޕު ކައިރީގައި ހުރި މީހާ އަށް އަނިޔާވީ ސައިކަލު ޕިކަޕުގައި ޖެހުނުލެއް ބާރުކަމުން އޭގައި ހުރި ލަކުޑިތައް ވިއްސައިގެން ގޮސްގެންނެވެ.