ޕައިލެޓްކަން ކިޔަވަން ލޯނު ލިބުނު ދަރިވަރުންނަށް ކޯސް ބަދަލުކުރަން ފުރުސަތު ދިން ނަމަވެސް އެގޮތް ބޭނުން ނުވި ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހު އަހަރު ވަނީ ސަރުކާރުން ދޫކުރާ ލޯނުގެ ހަރަދުގައި ޕައިލެޓްކަން ކިޔަވަން 500 އެއްހާ ދަރިވަރުންނަށް ފުރުސަތު ދީފަ އެވެ.
އެކަމަކު، އެހާ ގިނަ ދަރިވަރުން ކިޔަވައި ނިންމައިގެން އައިސް ވަޒީފާ ނުލިބި ދާނެ ކަމުގެ ބިރު އޮތުމުން ކޯސް ބަދަލުކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ދިނީ އެވެ.
މިދިޔަ ބުރާސްފަތު ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ޕައިލެޓްކަން ކިޔަވަން ނުފުރި 200 ދަރިވަރުން މިހާރު ވެސް އެބަތިބި ކަމަށެވެ. އެ ދަރިވަރުންނަށް ޕައިލެޓްކަން ނޫން އެ ދާއިރާގެ އެހެން ކޯސްތަކަކަށް ބަދަލު ކުރުމަށް ފުރުސަތު ދިނަސް އެގޮތް ދަރިވަރުން ބޭނުން ނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މަދު ކުއްޖަކު ކޯސް ބަދަލުކުރީމި. އޭވިއޭޝަންގެ ބައެއް ދާއިރާތަކަށް، އިންޖިނިއަރިން ކަހަލަ ދާއިރާތަކަށް. ވަރަށް ގިނަ ކުދިން މި ބުނަނީ ރާއްޖޭގައި ޕައިލެޓަކަށް ވާކަށެއް ނޫނޭ ކިޔަވަނީ. ރާއްޖެ އިން ބޭރުގައި މަސައްކަތް ކުރާށޭ،" މާރިޔާ ވިދާޅުވި އެވެ.
ސަރުކާރު ބަދަލުވުމަށް ފަހު މި ސަރުކާރުގެ ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ ޕައިލެޓްކަން ކިޔަވައިގެން އައިސް ވަޒީފާ ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މިނިސްޓަރު އޭރު ވިދާޅުވީ އެއް ދާއިރާއަކުން މިހާ ގިނަ ބަޔަކަށް ފުރުސަތު ދީފި ނަމަ ވަޒީފާ ނުލިބި ގައުމީ މައްސަލައަކަށް ވެދާނެ އެވެ.
މިވަގުތު ވެސް ޕައިލެޓްކަން ކިޔަވައިގެން އައިސް ތިބި 70 އެއްހާ ދަރިވަރުން ތިބީ ވަޒީފާ ނުލިބި އެވެ. އެ ދަރިވަރުން ތަފާތު އެކި ދާއިރާތަކުން ވަޒީފާ އަދާކުރަމުން އަންނައިރު މި ދަރިވަރުންނަށް ޕައިލެޓަކަށް ވާން ފުރުސަތު ލިބޭނެ އިރެއް ވެސް ނޭނގެ އެވެ. އަދި މިވަގުތު ވެސް ރާއްޖެއިން ބޭރުގައި 300 އެއްހާ ދަރިވަރުން ޕައިލެޓްކަން ކިޔަވަމުން އެބަދެ އެވެ.