މިއީ ދިވެހި ސަރުކާރުގެ ހަރަދުގައިދޭ ސްކޮލާޝިޕް އެންމެ ގިނަ ދަރިވަރުންނަށް ދިން އަހަރު ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އޭ ލެވެލްގެ ފަސް މާއްދާ އިން "އޭ ސްޓާ" ހޯދުމުން ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ފަސް މާއްދާއިން އޭ ފާސް ހޯދުމުން ހައި އެޗީވާސް ސްކޮލާޝިޕް ދިވެހި ސަރުކާރުން ދެނީ ކޮންމެ ގައުމެއްގެ ކޮންމެ ޔުނިވާސިޓީއެއްގައި ވެސް ކިޔެވޭ ގޮތަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އަހަރު ރެކޯޑު އަދަދަކަށް އެ ދެ ސްކޮލާޝިޕަށް ދަރިވަރުން ހޮވިފައިވާ ކަމަށެވެ. އެއީ މި ފަހުގެ ތާރީއެއްގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ދަރިވަރުންނަށް ދިވެހި ސަރުކާރުގެ ސްކޮލާޝިޕް ދިން ފަހަރުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އެއީ:
- ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް: 19 ދަރިވަރުންނަށް
- ހައި އެޗީވާސް ސްކޮލާޝިޕް: 119 ދަރިވަރުންނަށް
އޭގެ ތެރެއިން ވަރަށް ގިނަ ދަރިވަރުން މިހާރު ކިޔެވުން ފަށާފައިވާ ކަމަށާއި ނުފަށައި ތިބި ދަރިވަރުންނަށް ކިޔެވުން ފަށަން މުއްދަތެއް ދީފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރު ފުރަތަމަ ޑިގްރީ ކިޔެވުން ފެށުމަށް 1،987 ދަރިވަރުން އެދިފައިވާތީ އެ ހުރިހާ ދަރިވަރުންނަށް ފުރުސަތުދީ ވަނީ ކިޔެވުން ވެސް ފަށައިފަ އެވެ.
ސްޓޫޑެންޓް ލޯނަށް އެދި މި އަހަރު 1،384 ދަރިވަރުންނަށް ފުރުސަތު ދިން ނަމަވެސް މިހާތަނަށް ކިޔެވުން ފަށާފައި ވަނީ 582 ދަރިވަރުންނެވެ.
ސްކޮލާޝިޕް ސްކީމް 345 ދަރިވަރަކަށް ދީފައިވާއިރު އޭގެ ތެރެއިން 137 ދަރިވަރުން މިހާރު ވަނީ ކިޔެވުން ފަށައިފަ އެވެ.
އެ ސްކީމް ތަކުގައި 20،000 އަށް ވުރެ ގިނަ ދަރިވަރުން މިހާރު އަންނަނީ ކިޔަވަމުންނެވެ. އެ ދަރިވަރުންނަށް 793 މިލިއަން ރުފިޔާ ވަނީ މިދިޔަ އަހަރުތަކުގައި ދޫކޮށްފަ އެވެ.