ގއ. ކޫއްޑޫގައި މަސް ރައްކާ ކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ދެ ގުނަ ބޮޑުކޮށް، 4،000 ޓަނަށް ކެޕޭސިޓީ އިތުރުކުރަން ސަރުކާރުން ބަޔަކާ ހަވާލުކޮށްފި އެވެ.
ކޫއްޑޫގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ޕަވާ ސިސްޓަމެއް ގާއިމް ކުރަން ހަވާލުކުރީ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކާ އެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކޫއްޑޫގައި މިހާރު ހުރީ 2،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގާ މަޝްރޫއުއަކީ 6.6 މިލިއަން ރުފިޔާ މަޝްރޫއުކެވެ. އެ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މަސް ރައްކާކުރުމަށް ބޭނުންކުރާ ސްޓޯރޭޖްގެ ކެޕޭސިޓީ މުޅި ރާއްޖޭގައި މިހާރު ހުރީ 8،500 ޓަނުގަ އެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމުމުގެ ކުރިން ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25،000 ތަނަށް އިތުރު ކުރުމަށެވެ.
ދެކުނުގެ އަތޮޅުތަކުގައި ކޯލްޑް ސްޓޯރޭޖްތައް ބޮޑުކުރަން ނިންމާފައިވާ ގޮތް:
- ގއ. ކޫއްޑޫ: 4،000 ޓަނުގެ މަސް ރައްކާ ކުރެވޭނެ
- ގދ. ފިޔޯރީ: 3،000 ޓަނުގެ މަސް ރައްކާ ކުރެވޭނެ
- ގދ. ތިނަދޫ: 1،000 ޓަނުގެ މަސް ރައްކާ ކުރެވޭނެ
- ސ. ހުޅުދޫ: 500 ޓަނުގެ މަސް ރައްކާ ކުރެވޭނެ
މެދު ރާއްޖެތެރޭގެ ތިން ރަށެއްގައި ވެސް ސްޓޯރޭޖް ގާއިމް ކުރުމަށް ސަރުކާރުން އޮތީ ނިންމައިފަ އެވެ. އެއީ ފ. ނިލަންދޫގައި 1،500 ޓަނުގެ ފެސިލިޓީއެއް އަދި މ. މުލަކުގައި 500 ޓަނުގެ ފެސިލިޓީއެކެވެ. ރާއްޖޭގައި ކޯލްޑް ސްޓޯރޭޖްތައް މިހާރު ހުރީ ޅ. ފެލިވަރުގައި 750 ޓަނާއި ގއ. ކޫއްޑޫގައި 2،000 ޓަނާއި ސ. ހުޅުމީދޫގައި 1،500 ޓަނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރުމުގެ ނިޒާމް ހަރުކުރަން ސަރުކާރުގެ ފަރާތުން ފައިސާ ހަމަޖައްސައިދޭ ފަރާތްތަކަށް އެކަމުގެ ލިޔުން ވެސް ވަނީ ހަވާލުކޮށްފަ އެވެ. މި އެވޯޑް ދީފައިވަނީ އެކަމަށް އެދި ހުށަހެޅި ފަރާތްތަކަށެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ދޯނިތަކުގައި ލޮނުފެނުން މަސް ފިނި ކުރުމުގެ ނިޒާމް ގާއިމް ކުރުމުން އައިސް ހޯދަން ކުރަން ޖެހޭ ދިގު ދަތުރުތައް މަދުވެ، ތެލުގެ ހަރަދު ކުޑަވާނެ އެވެ. މިހާރު އެ ނިޒާމް ގާއިމްވެފައި ހުރީ 74 ދޯނީގަ އެވެ.
މިނިސްޓަރު ވިދާޅުވީ ލޮނުފެނުން މަސްފިނިކުރެވޭ ނިޒާމް ގާއިމް ކުރަން ސަރުކާރުން ކުރާ މަސައްކަތުގައި 100 އާއި 115 އާ ދެމެދުގެ އަދަދުގެ އުޅަނދުތަކުގައި އެ ނިޒާމް ގާއިމް ކުރެވޭނެ ކަމަށެވެ.