ރައީސް އަބްދުﷲ ޔާމީން އެ މަނިކުފާނުގެ ގެކޮޅު ދ. ދޫވެހީގެ މިލްކުވެރިކަން އެހެން މީހަކަށް ދެއްވުމަށް ފަހު ބަދަލުގައި އެހެން ގެއެއް މިލްކު ކުރައްވައިފި އެވެ.

ދޫވެއްސާ ބަދަލުކޮށްފައި ވަނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ހ. ނޫފަރު ކިޔާ ގޯއްޗެކެވެ. ހދ. ކުޅުދުއްފުށީ ވައިފިލާގެ މަރިޔަމް އަހުމަދުގެ ނަމުގައި އޮތް އެ ގޯތި ރައީސް ޔާމީނަށް މިލްކުވުމާ އެކު ދޫވެހި ވަނީ މަރިޔަމަށް މިލްކުވެފަ އެވެ.

މިމަހުގެ 11 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމަކުން ވަނީ އެ ދެ ގޯތީގެ މިލްކުވެރިކަން ބަދަލުވެފައިވާ ކަމަށް ހުކުމްކޮށްފަ އެވެ.

ނޫފަރަކީ 2،900 އަކަފޫޓަށް ވުރެ ބޮޑު ބިމެކެވެ. އަދި ދޫވެއްސަކީ 2،000 އަކަފޫޓުގެ ބިމެކެވެ. ނޫފަރުގައި ބޮޑެތި އިމާރާތްތަކެއް ކޮށްފައި ނެތަސް ދޫވެއްސަކީ ރަނގަޅު ފެންވަރަށް ހަދާފައިވާ ގެއެކެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވެސް ރައީސް ޔާމީން ފުރަތަމަ ދިރިއުޅުއްވީ ދޫވެހީގަ އެވެ. އެކަމަކު މިއަހަރުގެ ކުރީކޮޅު ކުއްލި ގޮތަކަށް އެމަނިކުފާނު ވަނީ، ކުރިން ނައިބު ރައީސް ދިރިއުޅުއްވި މ. ހިލާލީގެއަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.