ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެ މަނިކުފާނު ދައުވާ ކުރައްވާ މައްސަލައާ ގުޅޭ އިސްތިއުނާފުގެ އަޑުއެހުންތައް ދެވަނަ ފަހަރަށް ހައި ކޯޓުން ނިންމާލައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އޭސީސީން ހިންގަމުންދިޔަ ތަހުގީގުގެ ތެރެއިން 2018 ވަނަ އަހަރު ވަނީ ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރު ތަހުގީގު ނިމެންދެން އޭސީސީ އާއި ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓައިފަ އެވެ. އެ ފައިސާ ދޫނުކުރާތީ ޔާމީން ވަނީ އޭސީސީ އާއި ބީއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރައްވައިފަ އެވެ.
އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ސިވިލް ކޯޓުގައި އިޖްރާއީ ނުކުތާ ނެގި ނަމަވެސް އެ ކޯޓުން ނިންމީ ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށެވެ. އެ ނިިންމުން ބޭންކުން އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދުނެވެ. އެ އަމުރު ހައި ކޯޓުން ވަނީ ނެރެފަ އެވެ.
ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުފާނު މައްސަލަ މީގެކުރިން ބަލަމުންދިޔައީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނިކޮށް ފަނޑިޔާރު ޝަހީދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފަ އެވެ.
އެހެންވެ، ބެންޗަށް ބަދަލު ގެނެސް ފަނޑިޔާރު ޝަހީދުގެ ބަދަލުގައި ރިޔާސަތަށް މިފަހުން ހައި ކޯޓާ ގުޅިވަޑައިގެންނެވި ފަނޑިޔާރު އަބްދުالله ޖަމީލު ވަނީ އައްޔަންކޮށްފަ އެވެ. އެހެންވެ، މިދިޔަ އާދިއްތަ ދުވަހު ވަނީ އަޑުއެހުމެއް ބާއްވައި، ދެ ފަރާތުން ދައްކާ ބޭނުންވާ ވާހަކަތަކަށް އަނެއްކާވެސް ފުރުސަތު ދީފަ އެވެ. އެއަށް ފަހު، މައްސަލައިގެ އަޑުއެހުންތައް ނިންމާލީ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.
ހައި ކޯޓުގައި ބީއެމްއެލްގެ ވަކީލުން ބުނެފައިވަނީ އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި އެ ބޭންކަކީ އެ މުއާމަލާތުގެ ބައިވެރިއެއް ނޫން ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުގެ ވަކީލުން ބުންޏެވެ.
ބޭންކުގެ ވަކީލުން ބުނީ ކޮންޓްރެކްޓެއްގައި ނުހިމެނޭ ބައިވެރިއެއްގެ މައްޗަށް އެ ކޮންޓްރެކްޓަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުތަކުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަކީ އިޖްރާއީ ނުކުތާއެއް ނެގި ނަމަވެސް އިބްތިދާއީ މަރުހަލާގައި ގޮތެއް ނިންމަން ޖެހޭ ފަދަ ކަމެއް ކަމަށް ވަކީލުން ބުންޏެވެ.
ބޭންކުން ބުނިގޮތުގައި އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ދޫކުރެވޭނެ ގޮތްތައް ޔާމީނާއި އޭސީސީއާ ދެމެދު ހެދި އެއްބަސްވުމުގައި އެބައޮތެވެ. އެހެންވެ، އެ ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާ ކުރިޔަސް ކުރަން ޖެހޭނީ އޭސީސީގެ މައްޗަށް ކަމަށާއި ނަމަވެސް ޔާމީންގެ ފަރާތުން އެ ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާކުރީ ވެސް ބޭންކުގެ މައްޗަށް ކަމަށާއި އަދި އޭސީސީގެ މައްޗަށް ދައުވާކުރީ ފަހުން ކަމަށް ބޭންކުގެ ވަކީލުން ބުންޏެވެ.
ބޭންކުގެ ވަކީލުން ބުނިގޮތުގައި ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ އެ ފަރާތުގެ ހުއްދަ ނެތި އެހެން މީހަކަށް ދޫ ކުރުމުގެ ހައްގެއް ބޭންކަކަށް ނޯންނާނެ އެވެ. އެހެންވެ، ބޭންކުން އެދުނީ އެ މައްސަލާގައި ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.