ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ހޯއްދެވި ހ. ނޫފަރު ކިޔާ ގެއާ ޖެހިގެން އޮންނަ ވަރަށް ކުޑަ ބިން ކޮޅެއް ވެސް އެމަނިކުފާނު ބައްލަވައިގެންފި އެވެ.

ބޮޑުތަކުރުފާނުމަގުގައި ހުންނަ 2،900 އަކަފޫޓުގެ ނޫފަރުގެ ރައީސް ޔާމީން ހޯއްދެވީ އެމަނިކުފާނު ކުރިން ދިރިއުޅުއްވި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމަށްވާ ގ. ދޫވެހިއާ ބަދަލުކޮށްގެންނެވެ. އެ މުއާމަލާތް ސައްހަ ކަމަށް ކޯޓުން ވަނީ ނިންމައި، ނޫފަރު ގޭގެ މިލްކުވެރިއަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅައިފަ އެވެ.

ރައީސް ޔާމީން މިހާރު ބައްލަވައިގެންފައިވަނީ ނޫފަރު ގެއާ ޖެހިގެން އޮންނަ 40 އަކަފޫޓުގެ ކުޑަ ބިމެކެވެ. މއ. ކަނަކުރި ޖަމީލާ އަބްދުއްރަހުމާންގެ އެ ބިން ރައީސް ބައްލަވައިގަތީ އެއް ލައްކަ ރުފިޔާއަށެވެ.

އެ މުއާމަލާތް ސައްހަ ކަމަށް ނިންމައި، މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ބިމުގެ އަގު ދައްކައި، ނިންމާފައިވާތީ އެ ބިމުގެ މިހާރުގެ މިލްކުވެރިއަކީ ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާ މިހާރު ދިރިއުޅުއްވަނީ ހިލާލީގޭގަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރިން އެމަނިކުފާނު އުޅުއްވަމުން ގެންދެވީ ދޫވެހީގައި ނަމަވެސް ނޫފަރުގެ އާއި ދޫވެހި ބަދަލުކުރުމުގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ވަނީ ހިލާލީގެއަށް ބަދަލުވެވަޑައިގެންފަ އެވެ.