19 ޑިސެމްބަރ 2024 - 13:30
ދައުލަތުގެ މަސް ކުންފުނި ކަމަށްވާ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖަގާ ނުދެއްވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯގެ މަގާމާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި ޑރ. ވިޓާލީ ލުބިމޯވް ވިދާޅުވެއްޖެ އެވެ.
ވިޓާލީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ މަގާމަށް އަހުމަދު ނާސިރު އައްޔަން ކޮށްފައިވާ ކަމަށެވެ.
މިއީ ވިޓާލީގެ ދައުރުގައި ކުންފުނީގެ އިސް މަގާމަކަށް ގެންނެވި ފުރަތަމަ ބަދަލުކަން ފާހަގަކޮށް، އެތަކެއް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ނާސިރަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައިވަނީ އާ ޖެނެރަލް މެނޭޖަރުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސީދާ ސީއީއޯގެ އިރުޝާދުގެ ދަށުން މަސައްކަތްކޮށް، މިފްކޯގެ ހުރިހާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން ފުރިހަމައަށް ވަޒަންކުރާނެ ކަމަށެވެ. އަދި މި މަސައްކަތުގެ އަމާޒަކީ މިފްކޯގެ އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުންފުނީގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ ހަމަައަށް ވާސިލްވުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް އެ ބަޔާނުގައި ބުނި ގޮތުގައި ނާސިރުގެ ބަދަލުގައި އެ މަގާމަށް ކުރިމަތިލީ އެހެން ބޭފުޅަކު އެ މަގާމަށް އައްޔަންކުރަން ކުންފުނީގެ ބޭރުން އެކި ގޮތްގޮތުން ސިޔާސީ ނުފޫޒު ފޯރުވަން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ވިޓާލީ ވަނީ މިކަމާ ދެކޮޅަށް ތެދުވެވަޑައިގެން، ކުންފުނީގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވަން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެ، އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައި ކަމަށް އެ ބަޔާނުގައިވެ އެވެ.
"ކުންފުނީގެ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވަން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅާނަން. މިފަދަ ނުފޫޒުތަކަށް އޮންނާނީ ޒީރޯ ޓޮލަރެންސް. އަދި އެފަދަ ކަމެއް ކުރާ ފަރާތްތަކުގެ މައުލޫމާތު ވެސް ހާމަ ކުރާނަން،" ވިޓާލީ ވިދާޅުވި އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ސީއީއޯ މިހާރު ގެންދަވަނީ މިފްކޯގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ފުރިހަމައަށް ވަޒަން ކުރުމުގެ މަސައްކަތްތައް ކުރައްވަމުން ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން، ކުންފުނީގެ ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން އެކުލަވާލެވޭ ޕްލޭނެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސްލީރާއްޖެ
20 December 2024
ރާއްޖޭގެ ބޭންކުތަކާއި ބޮޑެތި ކުންފުނިތަކާ ބޮޑެތި ރިޒޯޓުތަކުގެ ބޮޑު ހުރިހާ މަގާމެއްގަ ތިބެނީ ދޮން މީހުން. މިއީ އެފްރިކާ އަދި ސައުތު އޭޝިޔާގަ ވަރަށް ބޮޑަށް އޮންނަ ވިސްނުމެއް. ވައިޓް ސުޕީރިއަރިޓީ އަސްލު ފެންނަނީ ސަައުތު އޭޝިއާ އަދި އެފްރިކާއިން.
ބަބޫ
20 December 2024
މިދިވެހިރާއްޖޭގައި ސިޔާސީ ނުފޫޒު ނުފޯރުވޭނެޔޭ ބުނީމަ އަންނަނީ ހިނި. ސިޔާސީ ނުފޫޒުން ތިމަގާމަށް އައިސް ހުރެ ތިކިޔަނީ ސިޔާސީ ނުފޫޒެއް ނުފޯރުވޭނޭ. މީގެ ހައިރާންވި ކަަމަކީ ހަމަ ދިވެހިން މިހެން ބުނާއެއްޗެހިވެސް ގަބޫލު ކުރާނެތީ. މިހާރު މައުމޫނު ދިޔަފަހުން މިވީހާ ދުވަހަކުނއ ދިވެހިންނަށް ސިޔާސީ ކުޅި ނޭގުނީމަ ދެރައީ. އެއީ އެއްވެސް ގައުމެއްގައި އިތުބާރު ކުރެވޭ ބައެއްނޫން
އަލިއަލީ
19 December 2024
މީނަ ވެސް މިއަދު ހަމަ މޮޅު ވާހަކަ އެއް ދައްކާލީ ދޯ؟
ކަތްދައްތަ
19 December 2024
މާތްކަމޯ!! މީނާވެސް މިބުނީ "ޒީރޯ ޓޮލަރެންސް" އޭ. ޒީރޯ ޓޮލަރެންސްއޭ ބުނީމާ ދިވެހިންނަށް އެނގޭ ކިޔަން ތިޔަ އުޅެނީ ކީކޭކަން. ހަދަން ތިޔަ އުޅެނީ ކޮން އެއްޗެއް ކަން. އެއީ މިހާރު ދިވެހިވެފަ އޮތް ބަހެއް. މީހަކު ފަސް އަހަރު އެދުއްވާލީ "ޒީރޯ ޓޮލަރެންސް"ގަ. ހޫނާ ހުއްޓަ ކާލާއިރު މަތީ ތައްޔަސްވެސް އެގިނުލާ.
ޅަތީފާ
19 December 2024
ތިޔާހެން ބުނި ބީއެމްއެލްގެ އެކި އިރުއިރުގެ ބިދޭސީ ސީއީއޯތަށް. ޢުޅުނީ ހުސް ސިޔާސީ މީހުންގެ ފައިސާގެ އަޅެހެން. ދެނޯ؟
މަސްވެރިޔާ
19 December 2024
ކަލެއަށް ދިވެހި ބަސް އެނގޭއިރަށް ނުފޫޒް ފޯރާނެ.. ކަލޭވެސް މިތަނުންދާނީ ކޮރަޕްސަނާއި ވައްކަން ދަސްކޮއްގެން..
ހަސަނު
19 December 2024
ނޫވާނެ ތިކަމެއް..
ޢަލީ ކުރުސީ
19 December 2024
ތިޔައީ އެންމެންވެސް ކިޔާ ބާވެފައި އޮތް ލަވައެއް މިހާރު. ހަމަ އެއްތާކު ޖެހޭނީ!
ޗޮކީ
19 December 2024
ފުރަން ރެޱީވޭ
އަޙުމަދު.
19 December 2024
ކތަންމެ ވަރުގަދަ ސީއީއޯ އެއް ލިޔަސް ހަމަ އެއްކަމެއްވެސް ނުވާނެ، އެވަރުގެ ވަސީލަތް ތަކެއްވެސް އެކުންފުންޏަކުނެއް. ހުސް ފަޑުއްކަ ވާހަކަ. 48 ގަޑިއިރު ތެރޭ ފައިސާ އެއްނުދެވޭނެ. ބީ އެމް އެލް އިން ފައިސާ ދޫކުރާނަމަ އެބޭންކަށް ނުވަންނަ ފައިސާތަކެއް 2،3 މަސްވަންދެން ދޫކުރެވިދާނެ ކަމަކަށް ނުފެނެ. މަސްވެރިން ބާނާމަސް ކިރާފަރާތުން އެމަސް ފައިސާއަށް ހެދޭނީ ލަފާކުރެވޭ ގޮތުން ދެތިން މަހުން. މީ މިހާރު ބީ.އެމް އެލް އަށް ނަގަންޖެހިފަ އޮތް ބޮޑުރިސްކެއް.