އާ އަހަރު ފެށުމާ ގާތްވަމުން އައި އިރު، ޓޫރިޒަމް ސިނާއަތުގެ ސީނިއާ މެނޭޖުމަންޓުގައި މަސައްކަތް ކުރާ ބައެއް މީހުންނާއި އެ ސިނާއަތަށް އެކި ގޮތްގޮތުން އެހީތެރިވާ އެއްބަޔަކަށް ފެނުނީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވަމުންދާ ތަނެވެ. އެހެން އަހަރުތަކާ އެއްވަރަށް ރާއްޖޭގެ ޓޫރިޒަމް އޮކިއުޕަންސީ ގެނެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އެކަމަކު، އާ އަހަރު މާދަމާ ފަށާއިރު ތަފާސްހިސާބު ބުރަވަނީ އެއާ އިދިކޮޅަށެވެ.
ރާއްޖޭގައި ޓޫރިޒަމްގެ ލަގްޒަރީ ބްރޭންޑެއްގެ ދަށުން ހިންގާ ރިސޯޓެއްގެ އިސްބޭފުޅަކު ވިދާޅުވީ، ކުރިން ހީކުރި ގޮތާ ހިލާފަށް އާ އަހަރު ފެށުން ގާތްވަމުން އައި ވަރަކަށް ބުކިންސްތައް މިހާރު ވަނީ އިތުރުވެފަ އެވެ. އޭނާ މަސައްކަތް ކުރައްވާ ދެ ރިސޯޓުގައި ވެސް އޮކިއުޕަންސީ އުޅެނީ 80 ޕަސެންޓަށް ވުރެ މަތީގަ އެވެ.
"ކްރިސްމަސް އަށް ތަންކޮޅެއް މި ފަހަރު ދަށް. އެކަމަކު، އާ އަހަރު ވަރަށް ބޮޑުތަނުން މި ފަހަރު ރަނގަޅު. ކުއްލިއަކަށް ބުކިންސްތައް އަންނަން ފެށީ. އެހެންވީމާ މި ފަހަރުގެ އާ އަހަރު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، ޓޫރިސްޓުން ހޭދަކުރާ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިން ނަމަ އެވްރެޖުކޮށް 8 ދުވަހަށް އަންނަ ޓޫރިސްޓުން މިހާރު ރާއްޖޭގައި ހޭދަކުރާ ދުވަސްތަކަށް 5-6 ދުވަހަށް ދަށްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެ ނޫން ބަދަލެއް މި ފަހަރު ނުފެނޭ. ހަމަ ވަރަށް ރަނގަޅު. އަންނަ އަހަރުގެ ފެބްރުއަރީ ވެސް އަޅުގަނޑުމެންގެ ޓޫރިސްޓް އެރައިވަލްސް ވަރަށް ރަނގަޅަށް ދައްކަނީ."
މި ވަގުތަށް ބަލާއިރު ރާއްޖޭގައި ގާތްގަނޑަކަށް ހުރިހާ ގެސްޓް ހައުސް/ހޮޓާތައް ވަނީ ފުރިބާރުވެފަ އެވެ. ރިސޯޓުތައް ވެސް އާ އަހަރަށް އޮތީ ގާތްގަނޑަކަށް އެ ހާލަތުގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މި މަހުގެ ފުރަތަމަ 11 ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ 63،523 ޓޫރިސްޓުންނެވެ. ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 62،249 އަށް ދަށްވެފަ އެވެ. އެކަމަކު، ހިސާބުތައް ދައްކާ ގޮތުން ނަމަ އޭގެ ފަހުން ޓޫރިސްޓް އެރައިވަލްސް އައީ މަތިވަމުންނެވެ.
ޓޫރިސްޓުންގެ ރެކޯޑެއް، އޮކިއުޕަންސީ ވެސް ރަނގަޅު
މި އަހަރަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓުންގެ އަދަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ގޮސް، އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ޓޫރިޒަމްގެ ބައި ގަރުނުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުންގެ އަމާޒު ވަނީ ހާސިލް ކޮށްފަ އެވެ.
ޓޫރިސްޓުންގެ އަދަދުން ޓޫރިޒަމްގެ ތާރީހު އަލުން ލިޔުނަސް، ހާއްސަކޮށް ރިސޯޓުތަކުގެ އޮކިއުޕަންސީ، އެހެން އަހަރުތަކާ އަޅާބަލާއިރު ދަށް ކަމާއި ގިނަ ރިސޯޓުތަކުގެ ކޮޓަރިތައް، އެންމެ ޑިމާންޑު ބޮޑު މި ދުވަސްކޮޅު ހުސްކޮށް ހުރިކަމުގެ އަޑުތައް ދަނީ އިވެމުންނެވެ.
ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު، އާ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ނުހުޅާވާތީ، ޓޫރިސްޓުގެ އެނދުގެ އަދަދަށް މި އަހަރު މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ގެސްޓް ހައުސްތައް އަދި ސަފާރީތައް ހިމަނައިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެނދުގެ އަދަދުގެ އެވްރޭޖަކީ 61،549 އެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އޮޕަރޭޝަންގައި ހުރީ 61،600 އެނދެވެ. އެއާ އެކު، މި އަހަރު ޓޫރިސްޓުން އައި ނިސްބަތް އިތުރު ވިޔަސް، އެ އަދަދު އިތުރު އެނދުތަކަކަށް ބެހިގެން ގޮސްފައެއް ނުވެ އެވެ.
އެ ކަން، މިދިޔަ އަހަރާ އަޅާބަލާއިރު، އެ އެނދުތައް ވިއްކުނު ނިސްބަތަށް މި އަހަރު އައި އިތުރުވުމުން ސާފުވެ އެވެ.
އޮޕަރޭޝަންގައި ހުރި އެނދުތައް ވިއްކުނު ރޭގެ އަދަދު ނޫނީ ކެޕޭސިޓީ ޔުޓިލައިޒޭޝަނަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ 11 މަހު، 11.76 މިލިއަންގައި ހުރި އަދަދު، މި އަހަރުގެ އެ މުއްދަތުގައި ވަނީ 12.33 މިލިއަނަށް އަރައިފަ އެވެ.
އެ އަދަދު އިތުރުވުމުގައި، އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ ރިސޯޓުތަކުންނެވެ. ރިސޯޓު އެނދުތަކުގެ ކެޕޭސިޓީ ޔުޓިލައިޒޭޝަން ވަނީ 9.26 މިލިއަނުން 9.94 މިލިއަނަށް އިތުރު ވެފަ އެވެ. އެ އަދަދާ އެކު، ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓުގެ ވެސް ވަނީ 66.6 ޕަސެންޓުން މި އަހަރު 70.4 ޕަސެންޓަށް މަތިވެފަ އެވެ.
އޮކިއުޕަންސީ ދަށް ކަމަށް ބުނެ، ރިސޯޓުތަކުން ޝަކުވާ ކުރިޔަސް، ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު، އެ ނިސްބަތް ދަށްވެފައިވަނީ ޓޫރިސްޓު ހޮޓާތަކާއި ގެސްޓް ހައުސްތަކުންނެވެ.
ގެސްޓް ހައުސްތަކުގެ އޮކިއުޕަންސީ ރޭޓު ވަނީ 41.4 ޕަސެންޓުން 36.1 ޕަސެންޓަށް ދަށްވެފަ އެވެ. މިދިޔަ އަހަރު ޓޫރިސްޓު ހޮޓާތަކުގައި ހުރި 34.5 ޕަސެންޓުގެ އޮކިއުޕަންސީ މި އަހަރުގެ ފުރަތަމަ 11 މަހު ވަނީ 26.2 ޕަސެންޓަށް ވެއްޓިފަ އެވެ. އެކަމަކު އެ މުއްދަތުގައި 23.9 ޕަސެންޓުން 27.1 ޕަސެންޓަށް އެެރި އެވެ.
ނަމަވެސް، ރިސޯޓުތަކާއި ސަފާރީތަކަށް އައި ކުރިއެރުމުގެ ސަބަބުން، މުޅި އިންޑަސްޓްރީގެ ޖުމްލަ އޮކިއުޕަންސީ މިދިޔަ އަހަރަށް ވުރެ މި އަހަރު އިތުރެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް 57.2 ޕަސެންޓުގެ އޮކިއުޕަންސީ މި އަހަރުގެ އެ މުއްދަތުގައި ވަނީ 58.9 ޕަސެންޓަށް މަތިވެފަ އެވެ.
ޗުއްޓީގެ މުއްދަތު އެއްވަރެއްގައި، ލިބުނު އާމްދަނީ އިތުރު
ޓޫރިސްޓުންގެ އަދަދުގެ އާ ރެކޯޑެއް ގާއިމުކޮށްފައިވާ އިރު، ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވެ، ޓޫރިޒަމަށް ލިބޭ އާމްދަނީ އަށް އަސަރުކޮށްފައިވާ ކަމީ ވެސް މިހާރު ދޭތެރެއަކުން އިވޭ ޝަކުވާއެކެވެ.
ނަމަވެސް، އެކަމަށް ބާރު ލިބޭ ހެއްކެއް ތަފާސްހިސާބުތަކަކުން އަދި ނުދައްކަ އެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، މަހުން މަހަށް ތަފާތުތަކެއް ހުއްޓަސް، ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު 7.7 ރޭގެ އެވަރެޖު މި އަހަރު ވަނީ ހިފެހެއްޓިފަ އެވެ.
މި ހުރިހާ އަދަދުތަކެއްގެ މައްޗަށް ގޮސް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމްލަ އަދަދު މިދިޔަ އަހަރު ހުރި 1.86 މިލިއަނުން 2.03 މިލިއަނަށް އިތުރުވި އިތުރުވުން، ޓޫރިޒަމަށް ލިބުނު އާމްދަނީން ވެސް ސާފުކޮށް ފެންނަން އެބަހުއްޓެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ލިބުނު އާމްދަނީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު، ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މި ހިނގާ ހަތަރު ވަނަ ކުއާޓަރު ނުހިމަނައި، މިދިޔަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ޓޫރިޒަމަށް 2.97 ބިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި އެ އަދަދު ވަނީ 3.42 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.
ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަސިންޖަރުންގެ އަދަދުތަކުން ވެސް ފެންނަނީ ޕޮޒިޓިވް ސައިންތަކެކެވެ.
ވެލާނާ އެއާޕޯޓުގެ ދިގު ތާރީހުގައި ވެސް އެންމެ ގިނަ އެރައިވަލްސް އުޅުނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އާދިއްތަ ދުވަހުގެ އެރައިވަލްސް ހުރީ 10،297 ގައި ކަމަށެވެ. އެއީ އެ އެއާޕޯޓުގެ އެރައިވަލްސް ތިންވަނަ އަށް އެންމެ މަތިވި ދުވަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަހަރު 8 ދުވަހެއްގެ މަތިން ވެލާނާ އެއާޕޯޓަށް 10،000 އަށް ވުރެ ގިނަ އެރައިވަލްސް ރިކޯޑްކުރެވިފައިވެ އެވެ.
އާ އަހަރާ ދިމާކޮށް ވެލާނާ އެއާޕޯޓަށް މަހުޖަނުންނާ އެކު ޖެއްސި ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވެސް ވަނީ 8 ޕަސެންޓް އިތުރުވެފައި ކަމަށް އެމްއޭސީއެލުން ބުނެފައި ވެ އެވެ. އަދި ޖެޓް މޫވްމަންޓްސް ވެސް މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، މި އަހަރުގެ ތަފާސްހިސާބުތަކުން ފެންނަ އަދަދުތަކަށް ބަލާއިރު ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމަށެވެ. ހާއްސަކޮށް ސިނާއަތުގެ ބައެއް މީހުން ބުނަމުން އައި ވާހަކަތަކާ މުޅިން އިދިކޮޅަށް މަންޒަރު ފެންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ބަދަލެއް ފެނުނަސް ފެންނާނީ އަންނަ އަހަރު
ރާއްޖޭގެ މި ވަގުތުގެ މާލީ އިގުތިސާދީ ހާލަތަށް ބަލައި، އެއާޕޯޓު ފީ ތަކުގެ އިތުރުން އަންނަ އަހަރުން ފެށިގެން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ވެސް ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ.
އެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށް ޓޫރިޒަމް ދާއިރާގެ ތެރެއިން އަޑުތައް އިވުނަސް، މި އަހަރު ހިސާބުތަކުން އެކަމެއް ނުދައްކަ އެވެ.
ނަމަވެސް، އަންނަ އަހަރު އެ ހާލަތު ބަދަލުވުމުގެ ފުރުސަތު އޮވެދާނެ އެވެ.
އެކަމަކު، "މިހާރު" އިން ވާހަކަ ދެއްކި ބައެއް ރިސޯޓުތަކުގެ ބައެއް އިސްވެރިން ތަފާސްހިސާބުތަކުގެ އަލީގައި ވިދާޅުވީ، އަދި އެހާ ގޯސް މަންޒަރެއް ނުފެންނަ ކަމަށެވެ. އެކަން ބޮޑަށް ޔަގީން ވާނީ އަހަރު ފެށުމުންނެވެ.
އެއާޕޯޓު ފީތަކުގެ މައްޗަށް ޓެކްސްތައް ބޮޑުކުރުމުން، މިހާރު ވެސް ދުނިޔޭގެ އެންމެ އަގުބޮޑު އެއް ޓޫރިސްޓު މަންޒިލުގެ ގޮތުގައި އޮތް ރާއްޖެ، އިތުރަށް އަގުބޮޑުވާނެ އެވެ. ޓިކެޓުގެ އަގުގެ އިތުރުން ޗުއްޓީގެ މުޅި ޕެކޭޖުން ބޮޑުވާނެ އަދަދުގެ ބުރަ ފޯރާނީ ސީދާ ޓޫރިސްޓުންގެ ޖީބަށެވެ.
އެ ބަދަލުތަކުން ޓޫރިސްޓުންނަށް ދިމާވެދާނެ ދަތިތަކާއި ގޮންޖެހުންތައް ދެނަގަތުމުގެ މަސައްކަތް ސަރުކާރާއި ކަމާގުޅުން ހުރި އިދާރާތަކުން މިހާރު ވެސް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ ހާމަކުރައްވައިފަ އެވެ.