އާ އަހަރު ފެށުން ކައިރިވަމުން އަންނައިރު، އިއްޔެއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ދިގު ތާރީހުގައި ތިންވަނަ އަށް އެންމެ ގިނަ އެރައިވަލްސް ރިކޯޑް ކުރެވުނު ދުވަސް ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
ވެލާނާ އެއާޕޯޓު ހިންގާ ކުންފުނި، އެމްއޭސީއެލްގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އިއްޔެގެ އެރައިވަލްސް ހުރީ 10،297 ގައި ކަމަށެވެ. އެއީ އެ އެއާޕޯޓުގެ އެރައިވަލްސް ތިންވަނަ އަށް އެންމެ މަތިވި ދުވަސް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ އެއާޕޯޓުގެ އެރައިވަލްސް މިހާތަނަށް އެންމެ މަތިވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ދުވަހު 11،207 އެރައިވަލްސް ރިކޯޑް ކޮށްފައިވެ އެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހަކީ ވެލާނާ އެއާޕޯޓުގެ އެރައިވަލްސް އެންމެ މަތިވާ މަހެވެ.
އެ އެއާޕޯޓަށް އެރައިވަލްސް ދެވަނަ އަށް އެންމެ މަތިވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު 10،775 އެރައިވަލްސް ރިކޯޑްކޮށްފައިވެ އެވެ.
މި އަހަރު 8 ދުވަހެއްގެ މަތިން ވެލާނާ އެއާޕޯޓަށް 10،000 އަށް ވުރެ ގިނަ އެރައިވަލްސް ރިކޯޑްކުރެވިފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ބަލާއިރު ވެސް އެރައިވަލްސްގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެ އިން ކޮންމެ ދުވަހެއްގެ އަދަދު އުޅެނީ 10،000 އިން މަތީގަ އެވެ.
ސްކޫލް ބަންދާއި އާ އަހަރާ ދިމާކޮށް މި ދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ އާއި ރާއްޖެއިން ބޭރަށް ވެސް އަންނަނީ ދަތުރުކުރަމުންނެވެ. އާ އަހަރަށް ހަތަރު ދުވަސް ސަރުކާރު ބަންދުވާއިރު، އެ ދުވަސްތަކުގައި ވެސް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
ޓޫރިޒަމް ސީޒަނާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި މަހު އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މިހާތަނަށް އަޅާބަލާއިރު އަށް ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ ޑިސެމްބަރު މަހުގެ މިހާތަނަށް ނުވަތަ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެކަނިވެސް 148 ޖެޓު މޫވްމަންޓްސް ރިކޯޑްކުރެވިފައިވެ އެވެ.
އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވީ، ވެލާނާ އެއާޕޯޓަށް މި ދުވަސްވަރު ވަރަށް ބޮޑަށް ބާރު ބޮޑުވެފައިވާތީ، އޮންނަ އުސޫލުގެ ތެރެއިން އިތުރު މުވައްޒަފުން ނެރެގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެއްވެސް މައްސަލައެއް ދިމާނުވެ، މިހާ ބާރު ބޮޑުއިރު ވެސް މިހާ ހިސާބަށް މި އާދެވުނީ އެ މުވައްޒަފުންގެ ބުރަ މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި، އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ރާއްޖެ އައީ މި އަހަރެވެ. ސަރުކާރުން މި އަހަރަށް ކަނޑައެޅި ދެ މިލިއަން ޓޫރިސްޓުންގެ އަމާޒު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހާސިލްކޮށްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ލިޔެވުނު ދެ މިލިއަން ވަނަ ޓޫރިސްޓުގެ ޝަރަފު ހޯދީ، ފިރިމީހާ އާއި ދެ ކުދިންނާ އެކު އައި އޮސްޓްރިއާގެ އަންހެނެކެވެ.
މިދިޔަ އަހަރު ރާއްޖެ އައީ 1.7 މިލިއަން ޓޫރިސްޓުންނެވެ.
ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ނިންމައި، އަންނަ އަހަރު އާ ޓާމިނަލް ހުޅުވުމާ އެކު، މި ރިކޯޑުތައް ވެސް މުގުރާލައި، އަންނަ އަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ވަނީ އާ އަމާޒެއް ކަނޑައަޅައިފަ އެވެ.
އަންނަ އަހަރު މެދު ތެރޭގައި ހުޅުވަން ނިންމާފައިވާ ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.