އައްޑުއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ހައްލެއް ހޯދަން، އައްޑޫގެ އެކި ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
ފެނަކައިން ބުނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ފޭދޫ އުތުުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާނު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ފެނަކައިން ބުނި ގޮތުގައި އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
އައްޑޫގެ މަޖިލިސް މެމްބަރުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރެއްވިއިރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ކަރަންޓު މައްސަލަ ހައްލުކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.
ކަރަންޓު ކެނޑޭ މައްސަލާގައި އެ ސިޓީގެ އެކި ދާއިރާގެ މެމްބަރުން ރޭ ވެސް ބައްދަލުކުރެއްވި އެވެ.
ފެނަކަ އިން ނެރުނު ބަޔާނުގައި ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ މައްސަލަ ދިމާވެފައި ވަނީ ސީޕީއެސް ޖެންސެޓްތަކަކަށް ދިމާވި މައްސަލައަކުން ކަމަށެވެ. އެކަން ހައްލު ކުރަން ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިއަދު އެއް ޖެންސެޓްގެ ސްޕެއާ ޕާޓްސް ލިބޭނެ ކަަމަށް ފެނަކައިން ބުންޏެވެ.
އެކަމަކު ބާކީ ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބޭނެ ވަކި އިރެއް އެ ކުންފުނިން ނުބުނެ އެވެ. އެކަމަކު އެކަން އެއްކޮށް ހައްލު ކުރެވެންދެން ކަރަންޓު ލޯޑު ހިފެހެއްޓުމަށް، އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކެނޑެން ފެށުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ދުވާލަކު ދެއިރު މިހާރު ކަރަންޓު ކަނޑަމުންދާތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ސަބަބުން ގޭގޭގައި ހުންނަ އަގު ބޮޑު ތަކެއްޗަށް ގެއްލުން ލިބުމާއި އާންމު ދިރިއުޅުމަށް ވެސް އުނދަގޫވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.