ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ މިއަދު އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އުމުރުން 55 އަހަރުގެ ޝުއައިބު އެންމެ ފަހުން ފަރުވާ ހޯއްދެވީ، ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ގދ. ހޯނޑެއްދު އަށް އުފަން ޝުއައިބު އައްޔަންކުރީ މާޗު 26، 2011ގަ އެވެ. ޝުއައިބު ވަނީ ހައި ކޯޓުގައި 11 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ. އޭނާ ރިޓަޔާކުރެއްވީ ނޮވެމްބަރު 22، 2022 ގަ އެވެ.
ޝުއައިބު، ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ ގަތަރު ޔުނިވާސިޓީން 1997 ގަ އެވެ. އޭގެ ފަހުން 2006 ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވައިފަ އެވެ.
ޝުއައިބު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ކަމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީކަން ހިމެނެ އެވެ. ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަން ވެސް ޝުއައިބު ކުރެއްވި އެވެ.
އޭނާ ވަނީ މަޖީދިއްޔާ ސްކޫލްގައި ކިޔަވައި ދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.