ޖާހުގެ ފްލެޓުތަކެއް-- ޓްވިޓާ ފޮޓޯ: ޖައުސާ ޖައުފަރު
20 ޖެނުއަރީ 2025 - 11:51
ނުނިމި ލަސްވަމުންދާ ޖާހު ކުންފުނީގެ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް "ބޮޑު" ސިޓީއެއް އިއްޔެ ފޮނުވައިފި އެވެ.
ޖާހު އިންވެސްޓްމަންޓްގެ "ދަ ގާޑަން" އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. ދެ އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ ފްލެޓްތަކުގެ މަސައްކަތް ހަތް އަހަރުވީއިރު ވެސް ނުނިމޭތީ، އެތަނުން އެޕާޓްމަންޓް ގަތް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ މައްސަލައިގައި ހިމެނޭ މީހުން ތަމްސީލުކުރާ ލޯ ފާމް ކަމަށްވާ ޝުނާނާ އެންޑް ކޯ އިން ރައީސަށް ފޮނުވި ސިޓީގައިވަނީ އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިހުމާލުތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.
ފްލެޓުތައް ވިއްކަން ބޮޑެތި އަދަދުން ފައިސާ ނަގާފައިވާއިރު، އާއްމުންނަށް ގެއްލުން ނުވާނެ ގޮތަށް މަޝްރޫއު ކުރިއަށް ދޭތޯ ބެލުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށާއި އަދި އެޗްޑީސީ އާއި ރިއަލް އެސްޓޭޓް ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި އެކަން ހައްލު ކުރެވޭނެ ނިޒާމެއް ބަޔާންކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. ނަމަވެސް ޖާހު ކުންފުނީގެ ފްލެޓްތަކުގެ މައްސަލާގައި އެގޮތަށް އަމަލުކުރަމުން ނުދާތީ އެ ސިޓީގައިވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ސިޓީގައިވަނީ އެއްބަސްވުންތަކާ އެއްގޮތަށް ފްލެޓުތައް ނުނިންމާނަމަ އެގްރިމެންޓު ބާތިލްކޮށް އެހެން ކުންފުންޏަކާ ހަވާލު ކުރެވޭނެ ކަމަށް، އެއްބަސްވުންތަކުގައި ބުނާ ކަމަށެވެ. އަދި ފްލެޓުތައް ނިންމަން އެހެން ކުންފުންޏަކާ ހަވާލުކުރަން ޖެހުމުން އެޗްޑީސީއަށް ލިބޭ ގެއްލުމަށް އެ ކުންފުނިތަކުން ޒިންމާވާން ޖެހޭނެ ކަމަށާއި އަދި އެއްބަސްވުން ބާތިލް ކުރާއިރު އެ ކުންފުނިތަކަށް އެއްވެސް މާލީ ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވެސް އެގްރިމެންޓުގައި ބުނާ ކަމަށް އެ ސިޓީގައިވެ އެވެ.
It has been 2 years since we submitted this case to the relevant state authorities. Again today we have sent a follow-up letter to all those state authorities.
— SHUNANA & CO.LLP (@shunanaLLP) January 19, 2025
Additionally, we have sent a letter to the President, @MMuizzu. We hope the President will take necessary action. https://t.co/A4ItiP2P3U pic.twitter.com/oZbLdTLNVx
ޝުނާނާ އެންޑް ކޯއިން ނެރުނު ނޫސް ބަޔާން
ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދާއިރު ވެސް، އެޗްޑީސީން މުއްދަތު އިތުރު ކުރަމުންދާ ކަމަށް އެ ސިޓީގައިވެ އެވެ.
"ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅެއް އެޅުމެއް ނެތި ފްލެޓުތައް ނިންމުމަށް ދީފައިވާ މުއްދަތު އެކި ފަހަރު އިތުރުކުރަމުން ދިއުމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން މައްޗަށް މަތިކޮށްފައިވާ ޒިންމާއާ ހިލާފު ކަމެކެވެ،" ސިޓީގައިވެ އެވެ.
ޖާހު ކުންފުނީގެ ފްލެޓުތައް ނުނިމި ދިގުލައިގެން ދިޔައީ ކޮވިޑް-19 ގެ ހާލަތާ ހެދި ދިމާވި ދަތިތަކާ ހެދި ކަމަށް ޖާހު ކުންފުނިން ކުރިން ބުނި ކަމަށް ސިޓީގައި ބުންޏެވެ. ނަމަވެސް، ކޮވިޑްގެ ހާލަތު އައީ ފްލެޓު ނިންމަންޖެހޭ މުއްދަތަށް ވުރެ އެތައް މަސްތަކެއް ފަހުން ކަމަށާއި އަދި ގިނަ މީހުން ފްލެޓަށް ފައިސާ ދައްކާފައިވަނީ ލޯނު ނަގައިގެން ކަމަށްވާތީ، ފްލެޓު ހަވާލު ކުރުން ލަސްވުމަކީ އެ މީހުންނަށް ވެސް ލިބޭނެ ގެއްލުމެއް ކަމަށް ބުންޏެވެ.
ފްލެޓު ހަވާލުކުރަން ދީފައިވާ ފުރަތަމަ މުއްދަތު ހަމަވުމުން އެ ކުންފުނީގައި ފްލެޓުގެ މަސައްކަތް ނިންމޭނެ މާލީ ގާބިލްކަން ހުރިތޯ ބަލައި ކަށަވަރުކޮށްފައި ނެތުމަކީ ވެސް އެޗްޑީސީގެ އިހުމާލެއް ކަމަށް އެ ސިޓީގައިވެ އެވެ.
ފްލެޓު ހަދަން ބޭރުން ގެނައި މުވައްޒަފުންނަށް މުސާރަ ނުދޭތީ މަސައްކަތް ހުއްޓާލައި، މުޒާހަރާކޮށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ. ނަމަވެސް، އެ މައްސަލައިގައި އެޗްޑީސީން ޖާހު ކުންފުންޏާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާއިރު، ފްލެޓު ގަތުމަށް ފައިސާ ދެއްކި މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އިހުމާލުވެފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.
"ޖާހު އިންވެސްޓްމަންޓާ މެދު ފިޔަވަޅު އެޅުމެއް ނެތި، ރައްޔިތުންނަށް މި ދެމުންދާ ބޮޑު ގެއްލުން ހުއްޓާލުމަށްޓަކައި މަސައްކަތް ކޮށްފައިނުވެ އެވެ. މިކަމުގައި ހައްލެއް ހޯދުމަށް މަނިކުފާނުގެ ކިބައިން އެދެން ޖެހުނީ މި މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށްފަހު ހައްލެއް ނުލިބި ދެ އަހަރު ދުވަސްވެފައިވާތީ އެވެ،" އެ ސިޓީގައިވެ އެވެ.
އެހެންވެ، ފްލެޓު ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފްލެޓުތައް ނިންމޭނެ ގޮތަކާއި ގެއްލުމުގެ ބަދަލު ލިބޭނެ ގޮތް ހަދައިދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.
އެޗްޑީސީން އޮކްޓޯބަރު، 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.
އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފެލްޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އާބަންކޯ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް އޭރު ދިނެވެ. އެކަމަކު މުއްދަތު ހަމަވިއިރު ފައިސާ ނުދައްކާފައި ނުވާއިރު، މަސައްކަތް ވެސް ނުނިންމަ އެވެ.
މިކަމުގައި އެޗްޑީސީ އަދި ޖާހުގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާހިލާ
21 January 2025
އެޗް ޑީ ސީ ގެ ކޮރޮޕްޝަން ބޮޑުވެގެން މިހާރު އެހެރީ ރަނގަޅު އެމް ޑީ އެއް ލާފަ. ރައީސް މުއީޒް ޖާހްގެ މި ފްލެޓްގެ ކަންތައް ވެސް ވަރަށް އިންސާފް ވެރިކޮށް އަވަހަށް ނިންމަވާދެްވާނެކަން ޔަގީން.
ރަދީފްއޮފިޝަލް
21 January 2025
ޖޭޖޭގެ ލަދު ކޮބާ؟؟
މުހަންމާ5
21 January 2025
ސަރުކާރުން ޒިންމާވާން ޖެހޭނެ ކަމެއްނޫން ހަގީގަތުގަ. ސީލައިފް މައްސަލަވެސް ނިންމާފަ އޮތީ ވަކި ބަޔަކަށް ފައިދާ ލިބޭ ގޮތަށް އެކަހަލަ އެެހެން މައްސަލަތައް ބަހައްޓާފަ. ތިއީވެސް ހަމަ އެކަހަލަ މައްސަލައެއް. ސަރުކާރުން ބަދަލުދޭން ޖެހޭ މައްސަލައެއްނޫން. ސަރުކާރުން ބަދަލު ދޭންޖެހެނީ ގާކޮށި/އަރަބިއްޔާގެ ނާއިންސާފުން ކަންކޮށްފަ ތިބި މީހުންނަށް. އެމީހުންނަށް ހައްގު ފްލެޓް ދޭންޖެހޭ. އެއަށްފަހު ތިޔަކަންކަން އަންނަންޖެހޭނީ. އެހެންނެއްނޫން މިވަނީކީއެއް އެކަމަކު.
ޙައްޔަރު
21 January 2025
ޖާހް ގެ ވެރިން ގެ އެކައުންޓް ތައް ފްރީޒްކޮށް މުދާތައް ދައުލަތައް ނަގަަގެން ވިޔަސއ ތިތަން ނިންމަންޖެހޭ. 7 އަހަރު އެއީ ކިރު މުއްދަތެއް ނޫން. ޖާހް ގެ ވެރިން ވެސް ތަހުގީގުކޮށް ހައްޔަރު ކުރަންޖެހޭ. މިއީ ވ ބޮޑު ސްކޭމެއް.
ަްަެއަލީ
21 January 2025
ޖައުސާ ޖައުފަރު ހިފާ ހައްޔަރު ކުރަންވީ! މިވެސް ހަމަ ވަގުން. ޖާހުގެ އެކައުންޓް ތައް ފްރީޒް ކޮށްލާފަ މިތަނުގެ މަސައްކަތް ނިންމަން އެހެންބަޔަކާ ހަވާލުކުރަންވީ.
ރަދީފްއޮފިޝަލް
21 January 2025
ޔޭސް ވަރަށް ރަނގަޅު ވާހަކައެއް. ހައްޔަރުކުރަން ޖެހޭ.
ޑރ ވާންޗޯ
20 January 2025
މިރޭޓުގަދާނަމަ އަދި ދެއަހަރުތެރޭ ކުރީސަރުކާރު ހަނދާންނެތި، މިސަރުކާރު މިސަރުކާރު ކިޔަންފެށޭވަރުވާނެ.
ފުރޭތަ1
20 January 2025
އިސްލާމްދީނުގެ ހައްދު ތަކުން ބޭރުވީ ވާ ގެއްލުން. ވުޖޫދުގަ ނެތް އެއްޗެއް ގަނެވިއްކުން ހުއްދައެއް ނޫން.
އިބަރާހީމް އިސްމާއީލް
20 January 2025
ގާކޮށި އަރަބިއްޔާގެ ބޮޑު މައްސަލައެއް ދެތިން ސަރުކާރު ދިޔައިރު ނުނިމި އެބައޮތް. ވެށިފަހި 2011 ގެ ފްރޮޖެކްޓްގަ ސަރުކާރުތަކިން ކަންކުރި ގޮތުން އެއްބަޔަކު ކޮމަރޝަލް ލޯނު ނަންގައިގެން އެއްފަހަރާ ލާރިދައްކަން މުޖުބޫރި ކުރި. އަނެއް ބަޔަކަށް އަަދިވެސް ފްލެޓެއް ނުދޭ. މިހިރަ އަސާސީ މައްސަލަތައް، އަދި ސީދާ ސަރުކާރުން ޒިންމާވާން ޖެހޭ މައްސަލަތައް ހުއްޓަ ވިޔަފާރީގެ ކަންކަން ދެވަނަޔަށް ލާ އެ މައްސަލަތައް ފުރަތަމަ ނިންމަން އެބަޖެހޭ.
އަހަންމަދާ2
20 January 2025
ދެން މިއީ އަނެއްކާ އަނެއްކަންތައް. ސާލައިފް މައްސަލައިގަވެސް ދައުލަތުން ބަދަލު ދީ ފްލެޓްދީފި. އަނެއްކާ މި މައްސަލައިގަވެސް ފްލެޓްދީފަ ބަދަލުވެސް ދޭންވީ؟ ސަރުކާރުން ނަގަންޖެހޭ ސޯޝަލް ހައުސިންގް މައްސަލަތައް އެކަމަކު ނުނިމި އެބަހުރި. ފްލެޓް ދޭންޖެހޭ އެތައް ބަޔަކު މަގުމަތި ވެފަ އެބަތިބި. އެކަންކަން ނިންމާފަ މިހިރަ މައްސަލަތަކަށް ވަނުން އެއީ އިންސާފަކަަށް ވާނީ.
ވަހިދުެ
20 January 2025
ކޮންމެ ކަމެއްގެ ތެރެއަށް ރައީސް ވަންނާކަށް ނުޖެހޭ. ކޯޓުތައް އެބަހުރިދޯ؟
ވާނުވާ ނޭނގޭ.
20 January 2025
ޢެޗްޑީސީ އަކީ ސަރުކާރު ކުންފުންޏެއް. ސަރުކާރުގެ އިސް ވެރިޔާ ގެ ހައިސިއްޔަތުން ރައީސް އާ ބެހޭ ކަމެއް. ޜައީސް ވަންނަްޖެހޭ ރައީސް ޖަވާބުދާރީ ވާންޖެހޭ ކަމެއް. ޢެޗްޑީސީ އާ ޖާހް އާ ދެމެދު ވެފައި އޮތް އެއްބަސްވުމާ އެޗްޑީސީން ހިލާފިވެފައި 5 އަހަރުވީމާ ރައީސްއަށް ސިޓީ ލިޔަންޖެހިނީ. ކަންކަން ނޭނގި ކޮމެންޓު ނުކުރަމާ ދެއްތޯ؟
ވާނުވާ އިނގޭ
20 January 2025
އެހެންވިއްޔާ އެޗްޑީސީ ބޮޑު މީހަކަށް ހުންނާނީ ރައީސް. ކީއް ކުރާ އެމްޑީއެއް؟ އަޖައިބުވެދާނެ.
ރަދީފްއޮފިޝަލް
21 January 2025
ސަރުކާރުގެ ކުންފުންޏެއް ނުހުންނާނެ.ދައުލަތުގެ ކުންފުނިތައް ހުންނާނީ.