ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ރަސްގެތީމަށް ވަޑައިގަތުން: ރަސްގެތީމާއި އަނގޮޅެތީމުގެ ތަރައްގީގެ މަޝްރޫއުތައް މިއަހަރު ފަށައި ނިންމައިދެއްވާނެ ކަމަށް ވިދާޅުވި.
21 ޖެނުއަރީ 2025 - 17:06
ރ. އަނގޮޅިތީމާއި އެ އަތޮޅު ރަސްގެތީމުގެ ރައްޔިތުންނަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެވަޑައިގަތް ތަރައްގީގެ މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ފަށައި ނިންމުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ 11 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ ދެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ މިދިޔަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ ރާއްޖެއަށް ދިމާވި އިގްތިސާދީ ދަތިތަކުގެ ސަބަބުންނާއި ބަޖެޓުގެ ތާށިކަމާ ހެދި ކަމަށެވެ.
އެކަމަކު މި އަހަރު ވާނީ އަނގޮޅިތީމާއި ރަސްގެތީމަށް އެ މަނިކުފާނު ވެވަޑައިގަތް އެކި މަޝްރޫއުތައް ހިންގަވާނެ އަހަރަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް އަނގޮޅިތީމުގައި ވަނީ ހުއްޓިފަ އެވެ. އެކަމަކު، ރައީސް މުއިއްޒު މިއަދު ވިދާޅުވީ އެ މަސައްކަތް އަލުން ފަށައި އެ މަޝްރޫއު ވެސް ނިންމަވައި ދެއްވާނެ ކަމަށެވެ.
މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ އެ މަޝްރޫއަށް ފަހު ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަނގޮޅިތީމަށް ވަޑައިގަތުން.
ރައީސް ވަނީ މޫދަށް އެރޭ ސަރަހައްދެއް ހެދުމާއި ބަނދަރުގެ މަސައްކަތުގެ އިތުރުން އެ ރަށުގައި ހޭންޑްބޯލް ކޯޓެއް ވެސް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަށް އޮތީ މީގެ ކުރިން އިހުމާލުވެފައި ކަމަށެވެ. އެކަމަކު، މި އަހަރުގެ ބަޖެޓުގައި އެކަމަށް ހާއްސަ އިސްކަމެއް ދެއްވައި، އެ ދާއިރާތައް ތަަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު މެންދުރެއްހާއިރު ރަސްގެތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެއީ އާބާދީ ކުޑަ ރަށެއް ނަމަވެސް އެހެން ރަށްރަށެކޭ އެއްގޮތަށް ތަފާތު ކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ދެންނެވި ހުރިހާ ކަމެއްހެން މި އަހަރު ތެރޭގައި ފަށައި ގިނަ ކަންކަން ނިންމައި ދިނުމަކީ ސަރުކާރުގެ ޕްލޭނަކީ އަދި އަޒުމަކީ ވެސް،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. ރަސްގެތީމަށް ވަޑައިގަތުމުން އެރަށުން މަރުހަބާ ދަންނަވަނީ.
ރައީސް ވިދާޅުވިގޮތުގައި، ކުޅިވަރުގެ ދާއިރާ އިން އެކި ކަންކަން ކޮށްދެއްވުމާއި ކުނި މެނޭޖު ކުރުމާއި ފެނާއި ނަރުދަމާ އާއި މަގުތައް ހެދުން ފަދަ ކަންކަން އެ މަނިކުފާނު ރަސްގެތީމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް ވެސް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށާއި ރަށްރަށުގެ ހެލްތު ސެންޓަރުތައް ތަރައްގީކުރުމަކީ ވެސް ވެވަޑައިގެންފައިވާ ވައުދެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްގެތީމަށް ވަޑައިގެން އެރަށު ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުއްވައިދެއްވުން.
ކައުންސިލާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ރައީސް ވިދާޅުވީ މި އަހަރު އިސްކަމެއް ދީގެން އެ މަޝްރޫއުތައް ފަށައި ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ކަންކަމާ ގުޅޭ މިނިސްޓަރުން މި ދަތުރުފުޅުގައި އެ މަނިކުފާނާ އެކު ބައިވެރިވެވަޑައިގަންނަވާ ސަބަބަކީ ވެސް އެއީ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި މި ކަންކަމަށް ވަރަށް އިސްކަން ދީގެން ފެށި އަދި ނިންމަދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. އަޅުގަނޑާ އެކު މި ދަތުރުގައި އެބަ ބައިވެރިކުރުވަން އެކަންކަމަށް ޒިންމާވާ ވަޒީރުން،" ރައީސް ވިދާޅުވި އެވެ.
ރަސްގެތީމަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ އާ ކައުންސިލް އިމާރާތް ވެސް ހުޅުއްވައި ދެއްވައިފަ އެވެ. އަދި ދެ ރަށުގައި ވެސް ބީއެމްއެލްގެ އޭޓީއެމެއް އެޅުމަށް ކައުންސިލާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިބިން
22 January 2025
ކޮންމެ އިންސާނެއްވެސް ބުނެފި ބަހެއްގަވިއްޔާ އަގެއްހުންނަންވާނެ އަދި އަމުދުން ޤަޢުމުގެ ރައީސް އެއްޗެއް ވިދާޅުވެއްޖެއްޔާ މާބޮޑަށްވެސް ގޮތެއް ހުންނަންވާނެ... އެކަމަކު މިއަދުމިވަނީ ކަނޑުގައަޅާލާ ރޮނގަކަށް
1828
21 January 2025
ވައުދު އޯލްރެޑީ ވަނީ ވެފައި. ދެން އިތުރަށް ވައުދުވުމެއް ނެތް. އަދި ރައްޔިތުންނަށް ހަނދާންކޮށްދޭކަށް ނުޖެހޭ. ރައްޔިތުން ހަނދާންކޮށްދޭން އެރަށްތަކަށް ކޮންމެހެން ރައީސް ދާކަށް ނުޖެހޭނެ. ޕްރޮޖެކްޓްތައް ނިންމާފައި ޕްރޮޖެކްޓްތައް އިފްތިތާހު ކުރަން ރައީސް ދާންވީ. އެކަމަކު އެކަންވާނެ ތަނެއް ނުފެނޭ. މިއީ ހަމަ ސުމެއްގެ ސަރުކާރެއް.
ތަރައްގީބާ
21 January 2025
ކުލި އުޅެނީ 35000 ހުން މަތީގަ. 1 މަސް އެޑްވާންސޯ. 1 މަސް ސެކިއުރިޓީއޯ. 1 މަސް ދަތުރެއް އަޅާލާށޯ. ބޯހިޔާ ވަހިކަން ލައްކައިން މަތީގަ
ޢަލްޓިކޯ
21 January 2025
ތިކިޔާ ފަރިހި މިހާރު ހިތުދަސްވެއްޖެ. ކޮންމެ އަހަރެއް ފެށޭއިރު މިއަހުރުފަށާނެ. އަހަރުގެ މެދު ތެރެއަށް ދިޔާމަ އަންނަ އަހަރުފށާނަން. ގަރުދިޔަ ބަތް ކައިގެން މަގުމަތީ އަޅާފަ ހުރި ބުރުވަށާ ޓްރެފިކް ވެގެން އެބުރެން ރައްޔިތުން މިތިބެން ޖެހުނީ.
ނޯވޭ
21 January 2025
ގަބޫލް ކުރާ މީހުން އަދިވެސް އުޅޭތީތާ ދޯ ވައުދުތައް އަދިވެސް މި ވަނީ.
ސަބީލް
21 January 2025
ރައީސް އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގަ ނަތީޖާ ނެރެދެނީ..މިނިސްޓަރުންނާއި އޮފީސްތަކާއި ކުންފުނިތަކަށް ރައީސް އައްޔަނު ކުރެއްވި ސިޔާސީ މީހުންވެސް ޕީއެންސީއަށް ވަގު ފޯމްފުރުމާއި ގޯތި ފްލެޓުން ނަތީޖާ އެބަނެރެދޭ..ބަލާލަން ބޭނުމީ ޕީއެންސީގެ ކިތައް މަޖިލީސް މެންބަރުނަށްތޯ ގޯތި ދީފަ ހުރީ ވެރިކަމާއި ހަވާލުވި ފަހުން.
މޮޑަފްް
21 January 2025
ދައުރުގަ ބާކީ އިނީ 3 އަހަރާއި ބައި. ހާދަ ލޮނު މަޑުކޮށޭ މިދަނީ. އެއްކަމެއްވެސް އެއްވެސް ރަށެއްގަ ނުހިނގާ. ކޮބާ އަހަރުމެން އުންމީދުކުރި މުއިއްޒު ސްޕީޑް؟ ކުރީ ސަރުކާރަށް ވުރެ ސްލޯ. ކޮވިޑްގެ ދެއަހަރު ކަނޑާފަވެސް އެސަރުކާރު މާ ރަނގަޅު.
ދަރިފުޅާ
21 January 2025
ޖީބު ތަރައްގީ ކުރުމޖުގެ ޕުރޮޖެޓް އެބަ ހިންގާ ފުދޭ ވަރަކަށް.
ކަޑައެއްގެ ގޮތުގަ ނުބަލާނަން
21 January 2025
އަދި 2 އަހަރު އެބަ އިން، އެޔަށް ފަހު ފަށަން ސަޅި.