ރައީސް މުއިއްޒު ހުޅުދުއްފާރުގައި ވާހަކަ ދައްކަވަނީ.
22 ޖެނުއަރީ 2025 - 16:14
ރ. މަޑުއްވަރި އަށް އެ އަތޮޅުގައި އޮންނަ ދެ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ އަދި މީދު އަށް ތާވަތާ ދޫކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑުއްވަރި އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް ވަނީ މީދު އާއި މަޑުއްވަރީގެ އިހްތިސާސްގެ ތެރެއިން ފަޅުރަށް ދެއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ ވެސް ޖާގައިގެ ދަތިކަން އޮތް ދެ ރަށެވެ. އެހެންވެ، އެ ދެ ފަޅު ރަށް، މީދު އާއި މަޑުއްވަރި އަށް ހަމަޖެއްސުމުން، އެ ތަނުގައި އިގްތިސާދީ މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެއާ އެކު ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވެސް ކުޑަ ހައްލެއް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ތިބޭފުޅުންގެ ހުރިހާ މައްސަލައެއް ހައްލު ކުރެވޭ ގޮތަށް އުފުލަންދޫ [މަޑުއްވަރީ ރައްޔިތުންނަށް] މި ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމަނައިދޭން އަޅުގަނޑު ނިންމި ވާހަކަ އިރާދަކުރެއްވިއްޔާ އެކަމާ ގުޅޭގޮތުން ގާނޫނީ ހުރިހާ ކަމެއް ނިމޭނެ. އޭރުން ދިރިއުޅޭ ތަނުގައި ހުންނަން ނުޖެހޭ ހުރިހާ ކަމެއް އެ ތަނަށް ބަދަލުކުރުމަކީ އަޅުގަނޑު އެދޭ ކަމަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޑުއްވަރިއަކީ ޖާގަ ފުރިފައިވާ ރަށެއް ކަމަށާއި އެ ރަށުން ހައެއްކަ ހެކްޓަރުގެ ބިން ހިއްކެން އޮތުމުން އެކަން ވެސް ކޮށްދެއްވާނެ ކަމަށެވެ. އެކަން ކުރާނީ ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ކަމަށް ވިދާޅުވި އެވެ.
އެކަން މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި ވައުދުވި ގޮތަށް އެ މަޝްރޫއު ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަޑުއްވަރީގެ ގިރާ ސަރަހައްދު ހައްލުކުރުމުގެ މަސައްކަތާއި ބަނދަރުގެ އެކި މަސައްކަތްތަކުގެ އިތުރުން 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ވަަރަށް އަވަހަށް ފައްޓަވައި ދެއްވަނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަޑުއްވަރީގެ ޖާގައިގެ ދަތިކަމާ ހުރެ، ފައިބަރު މަސައްކަތް ފަދަ ކަންކަން ވެސް ކުރަމުން ގެންދަނީ ރަށުގެ މީހުން އުޅޭ ސަރަހައްދުގަ އެވެ. އޭގެ ސަބަބުން ކެންސަރު ފަދަ ބަލިތަކުގެ ނުރައްކާ އެރަށަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ މަޑުއްވަރީގެ އިހުތިސާސްގެ ތެރޭގައި އުފުލަންދޫ ހިމަނައި އެ ތަނަށް އެކަންކަން ބަދަލުކުރުމުން ރައްޔިތުންގެ އެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ކޮންމެ ރަށަކަށް ފަޅު ރަށެއް ލިބޭ މިންވަރަށް ރަށްތަކަށް އެދެން ހުޅުވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިގޮތަށް ރަށްތައް ދޫކުރާއިރު އެއީ އެހެން ވެސް މިނިސްޓްރީއަކަށް ނޫނީ އަމިއްލަ ބަޔަކަށް ދީފައި އޮތް ރަށެއް ނޫން ކަން ނުވަތަ ގާނޫނީ މައްސަލަގަނޑެއްގެ ތެރޭގައި އޮތް ރަށެއް ނޫން ކަން ސަރުކާރުން ޔަގީން ކުރާނެ ކަމަށް ކުރިން ރައީސް ވިދާޅުވި އެވެ.
ފަޅު ރަށްތައް ދޫކުރުމުގެ ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް އާންމު ފައިދާއަށްޓަކައި ކައުންސިލްތަކަށް ދިނުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ. ކައުންސިލްތައް ނޫން އަމިއްލަ ފަރާތްތަކަށް ވެސް މިގޮތަށް ފަޅު ރަށްތައް ދޫކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިފާއު އައްބާސް
23 January 2025
މީ އެތައް ފައިދާއެއް ވާނެ ކަމެއް. ހަމަ ގައިމުވެސް ރަށުން އެތައް ބިމެއް ސަލާމަތް ވަންޔާ އެބިމުން އިތުރު ގޯތި ނުވަަތަ ހައުސިން އެޅޭނެ ފުރުސަތު އެލިބުނީ.
ޙަބީބު.
23 January 2025
ތިޔައްވުރެ މާރަނގަޅު ލޯދައްކަންދިޔާމަ އާސަނދައިން އެކަން ކަވަރު ކޮއްދޭގޮތް ހެދިއްޔާ މިއުޅެނީ ފިހާރަޔަކައް 1000 ރުފިޔާ ހިފައިގެންވަދެ ދުވަހުގެ ކޮއްތު ނުގަނެވިގެން ތަކެތީގެ އަގުތައް ހާދަހޭބޮޑީ ކަލޭމެންނައް ބޮޑުމުސާރަ ފާސްކޮއްގެން ލިބިދާނެ ގޯތިގެދޮރު ކުއްޔައްދީފަ ވީކެންޑުގަ ރިސޯޓުތަކައް ދެވިދާނެ ނަމަވެސް ނުލިބޭމީހުންގިނައީ
ކިނބޫ
23 January 2025
"ފަޅު ރަށްތައް ދޫކުރުމުގެ ގަވާއިދުގައިވާ ގޮތުން ................" ހަވާލާ ދީފަ އެވަނީ، ސަރުކާރުގެ ކޮން އިދާރާއަކުން ފަޅުރަށް ދޫކުރުމުގެ ގަވާއިދަކަށް؟ ގަވައިދު ނަންބަރަކީ ކޮބާ؟ މިކަހަލަ ކަންކަމުގައި ކިޔާ މީހަކަށް، ލިޔުމުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ރެފަރެންސް ދޭންވާނެ.
އަޅޯ
23 January 2025
އުނގޫފާރަށް ދުވާފަރު ދިނުމަށް ގޮވާލަން
ރަސްކަން
22 January 2025
ރަސްގެތީމަށް އަގޮޅެތީމާ ވާދުއާ ހުޅުދުއްފާރުވެސް ލިބެންވާނެ!
ނީ ނީ ނީ
22 January 2025
އަންނަނީ, ދެނީ, ފަށަނީ, ކުރަނީ, ބަލަނީ, ދޮޅުއަހަރުވީ މިނޫން އަޑެއްނީވޭ
ކައިލީ (ތެލުލިފަޔް )
22 January 2025
ކޮންމެވެސް މީހަކު ބުނެބަލަ ތާވަތާ އެއީ ކޯއްޗެއްކަން؟
ނަވަަރަ
23 January 2025
ހަބަރު ނުކިޔާ ކޮމެންޓު ކުރެވޭތޯ ބަލާ
ޖަމީލުބެ
22 January 2025
މީގެ ދެ އަހަރެއް ކުރިން، މަޑުއްވަރިއަށް އުފުލަންދޫ ވަނީ ދީފައެވެ. އެކަން ހަނދާން ނެތުނީ!!
އިބްރާހިމ
23 January 2025
މޮހޮނަށް އޮޑިދިން އުސޫލުން ދިނީ