މުޒާހަރާއާ ގުޅިގެން ދައުވާކުރި ޓެކްސީ ޑްރައިވަރުން.. ފޮޓޯ: ޕޮލިސް
16 ފެބުރުއަރީ 2025 - 17:37
މަގު ބްލޮކުކޮށް، އާއްމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ހުޅުމާލޭގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުޒާހަރާ ކުރި ޓެކްސީ ޑްރައިވަރުންނަށް ދައުލަތުން ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ޑިސެމްބަރު 11، 2024 ގައި ނިރުޅޮމަގު އެމްޑަބްލިއުއެސްސީ ކައިރީގައި ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި، އެ ސަރަހައްދުގެ މަގު ބަންދުކޮށް، އާއްމު ދަތުރުފަތުރަށް ހުރަސްއަޅައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި އަމަން ނަގާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށް މި މަހުގެ ފަސް ވަނަ ދުވަހު ހުޅުމާލެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހަތަރު މީހަކު އޭރު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ. އެކަމަކު، ދައުވާކޮށްފައިވަނީ ތިން މީހަކަށެވެ. އެއީ؛
- މުހައްމަދު ޝާމިން، މއ. ވިރާހު
- މިސްބާހު ޝަރީފް، މއ. ނަހީދީމަންޒިލް
- ނުއުމާން އަހުމަދު، ހދ. ކުމުންދޫ، ހޮލިޑޭވިޖެލް
އެ ތިން މީހުންނަށް ވެސް ކުރަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ 24 މަހާއި ހަތަރު ދުވަހު ޖަލު ހުކުމެއް އަންނާނެ އެވެ.
ޕީޖީ އޮފީހުން ބުނީ މިސްބާހާއި ޝާމިން އަދި ނުއުމާންގެ މައްޗަށް ދައުވާކުރަނީ އިތުރު ބަޔަކާ އެކު، އުޅަނދުތަކަށް ނުދެވޭ ގޮތަށް އެ މީހުން ޓެކްސީ ކުރަން ބޭނުންކުރާ ކާރުތައް ނިރޮޅުމަގުގައި ހުރަހަށް ބާއްވައި އެ މަގުގެ އެއް ލޭން ބަންދުކުރުމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އެ ވަގުތު އެ ތަނަށް ދިޔަ ފުލުހުން ނަސޭހަތްތެރިވުމުން ވެސް އެކަމަށް އިންކާރު ކުރުމުން ކަމަށެވެ.
އޭގެ ސަބަބުން އާންމުންނަށް ނުރައްކާތެރިކަމެއް ނެތި މަގުތައް ބޭނުންކުރެވޭނެކަން ކަށަވަރުކުރުމާއި މަގު ބޭނުންކުރަން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އުޅަނދުތަކާއި މަގުމަތި ބޭނުންކުރާ މީހުން އަމަލުކުރޭތޯ ކަށަވަރުކުރަން ފުލުހުންގެ މައްޗަށް އޮންނަ ޒިންމާއަށް ހުރަސްއަޅައި ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ހުރަސްއަޅާފައިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސްް
17 February 2025
އެއްވެ އުޅެ މުޒާހަރާކުރުމުގެ ފުރުސަތު ހަމަ އޮންނާނެ ކޮންމެ މީހަކަށްވެސް. އެކަމަކު އެއީ ކަޑައެޅިފަ ހުންނަ ވަކި ތަންތަނެއްގައި އެހެން މީހުންނަށް އުދަގޫނުވާނެފަދަ ގޮތަކަށް. މި ޓެކްސީ ޑްރައިވަރުންނަށް ހީވެފަ އޮންނަނީ މަގުމައްޗަކީ އެމީހުންގެ އަމިއްލަތަނެކޭ.
ކޮން
17 February 2025
ސުރުޚީ ރަނގަޅުކޮށްލާ.. "ޢާންމު ދަތުރުތަކަށް ހުރަސް އެޅި" ޑްރައިވަރުން
އަހްމަދު ސަނީހް
17 February 2025
ބަޔަކު ހީކޮށްފާނެ މިއީ ސިޔާސީ ދައުވާއެކޭ. ނޫން. މީ ހަމަ ސީދާ މިމީހުންގެ މައްސަލަ. ކީއްކުރަން ރައްޔިތުންނަށް އުދަގޫވާނެހެން މުޒާހަރާކޮށް ކަންކަން ބޮޑުކުރަނީ؟
ނަސީމްބޭބެ
17 February 2025
ގިނަ ޓެކްސީ ޑްރައިވަރުންނަކީ ގަވައިދަށް އުޅޭބައެއްނޫން. އޮންނަ އުސޫލުގެ ބޭރުން ގަދަބާރުން ކުރަން އުޅުނީމާ ވާނީމިހެން. ތިކަމުގައި ބައިވެރިވީ އެކަކުވެސްނުވާނެ. ހުރިހާ ގެއްލުމެއް ފުއްޕާފައުޅުނު މީހުންނަށް. އާންމު ޚިދުމަތްދެވޭނީ ގަވައިދަކުން. ރާއްޖޭގައި އޮންނަނީ ފްރީމާރކެޓް އެކޮނޮމީއެއް. އެއީ ފައިދާނުވަންޏާ ވިޔަފާރި ހުއްޓާލާފަ އެހެން ކަމެއްކުރާނީ. ނަމެއްގައި ހުސްވަގުތު ދުއްވާ އެއްޗަކަށް ހަދައިގެން މުޅި މާރކެޓް ކޮންޓްރޯލްކޮށްގެން އުޅެގެންނުވާނެ.
ފިރާގު
17 February 2025
ބަރާބަރު. ތި މީހުން ޖޫރިމަނާވެސް ކުރާތި. އެދުހު ތި މުޒާހަރާއަކާ ހެދި ޑިއުޓީއަށް ލަހުން ދެވުނީމަ ހާދަ ލާރިއެއް ކަނޑާލިއޭ
ބާސިލް
17 February 2025
މިގައުމުގައި އެއްވުން ބޭއްވޭނެ ތަންތަން އޮންނާނީ ކަނޑައަޅާފަ. މަގުމަތީ ކޮންމެ ހެން މުޒާހަރާ ކުރާނެ ކަމެއް ނެތް
ހަނީފް
17 February 2025
ކުއް ކުރީމަ އެންމެންނަސްވެސް އަދަބު ލިބެން ޖެހޭނެ
މުހައްމަދު ހާފިޒް
17 February 2025
މި ޓެކްސީ ދުއްވާ މީހުން ބޭނުންހާ ގޮތެއް ހަދަން ވަރަށް ގިނަ ދުވަހު ދޫ ކޮށްފަ ހުރެވިއްޖެ. ދެނެއް ދުލެއް ނުކުރާނަން
އަލީ ނަޒީރު
17 February 2025
ޓެކްސީކުރާ މީހުން މީ މާ މަތީ ބައެއްތަ. އެމީހުންވެސް ކުއްކުރީމަ އަދަބު ލިބެންޖެހޭނެ
ބުރާންތ
17 February 2025
މުޒާހަރާގައި މަގު ބުލޮކް ކޮށްގެން ދައުވާ މިކުރަނީ ނިކަމެތި ޑްރައިވަރުންނަށްތޯ، އަހަރެމެން ހަދާންވީސުރެ، މައި 2 ޕާޓީގެ އެއްވުންތަކުގައި މުޅި މަލެ އޮތީ ބްލޮކް ކޮށްފައި، ކުރެވުނު ކަމެއް ކުރި ދައުވާއެއް ނުދެކެން