އައްޑޫގެ މަގެއް: ކަރަންޓުގެ މައްސަލަ ހައްލުކުރަން 1.8 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ.
17 ފެބުރުއަރީ 2025 - 10:30
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާތީ އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ރޭ ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ހިތަދު އާއި ގުޅިފައިވާ އެހެން ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަނެއްގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ، އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
އެހެންވެ، ރަށްތަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހިފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، 1.8 މެގަވޮޓުގެ އާ ޖަނަރޭޓަރު ސެޓެއް ހޯދައި، އައްޑޫއަށް ފޮނުވުމަށް މިހާރު ވަނީ ލޭންޑިން ކްރާފްޓަށް ލޯޑު ކުރެވިފަ އެވެ،" ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުން ކުރަމުން އަންނައިރު ދެ ވަނަ ޖަނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންމޭނެ އެވެ. ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ބުންޏެވެ.
ފެނަކައިން ބުނިގޮތުގައި ރޯދަމަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވާއިރު އައްޑޫގައި ކަރަންޓުގެ ޑިމާންޑު ވެސް އިތުރުވާތީ އެކަމަށް ސަމާލުކަން ދީގެން އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ.
"އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާކަމަށްވެފައި، ހެޔޮ ނިޔަތުގައި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ބުނީ އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ދޮޅު އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މެދަކާ ހިސާބުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދަނީ ކަރަންޓު ކެނޑެމުންނެވެ. އިރުއިކޮޅާ ކަރަންޓު ކަނޑަމުންދާތީ އޭގެ ތަކްލީފު ބޮޑުވެ، އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު އޭގެ ތެރެއިން ފަސް ޖެނަރޭޓަރު ހަލާކުވުމާ ގުޅިގެން ކަރަންޓު އުފެއްދޭ މިންވަރު ދަށްވެ، ރަށްތަކުން ކަރަންޓު ކެނޑެނީ އެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފެނަކައިން ވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާ ހަވާލުކޮށްފަ އެވެ.
އައްޑު އަށް ޒަމާނުއްސުރެ ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށް އެ އެއްބަސްވުމުގެ ދަށުން 30 މެގަވޮޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު، ޕަވާޕްލާންޓެއް ބަހައްޓާނެ ކަމަށް ފެނަކައިން ބުނެފައި ވެ އެވެ. އެކަމަކު އެ މަސައްކަތް އޮތް ހިސާބެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަގަތްފާނު
17 February 2025
ކަރަންޓުކެނޑޭ ކޮންމެފަހަރަކު އިއުލާނުގައި އޮންނަނީ ޓެކްނިކަލް މައްސަލައަކާހެދި ކަރަންޓު ކެނޑިއްޖެއޭ. އަސްލުގަ ސަރުކާރުގެ ފެންވަރު ދަށްވެގެން ކަރަންޓު ކެނޑެނީ. ކުރީގައޮތްކަހަލަ ފެންވަރު ރަނގަޅު ސަރުކާރުތަކަށް ހިސާބުޖަހާލީމަ އެނގޭނެ އޯވަލޯޑުވެގެން އިންޖީނުގޭ ބަޑިޖަހަން ފެށުމުގެކުރިން ތިޔައިންޖީނު ހޯދާފަ ހުންނަންޖެހޭނެކަން.
އަހާލީ
17 February 2025
ރައީސްއަށް ވާނުވާ އެނގޭއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. މިރޯދަމަހު ކަރަންޓްނެތި ރާއްޖޭގެ ގިނަ ބަޔަކު ސަރުކާރާދެކޮޅަށް މުޒާހަރާ ކުރަން ނުކުންނާނެއެވެ. ހިނގަ ހިނގާ ތިބި ތަންތަން ފަހަރަކު ތަނެއް ބޮއްސުންލަނީއެވެ. ރައީސް ބުނެގެން ތިމަންނާ ރައީސްއަަށް ކޮށްދޭ ކަމެކޭ ބުނަނީއެވެ. އަނެއްކާ ރައީސް ފެނަކަވެރިން ކައިރީގައި ރަށްތަކުގެ ކަރަންޓާ ފެނުގެ މައްސްލަ ހައްލުނުކޮށް ބާއްވަން ބުނީތޯއެވެ.
ރިޕްލް
17 February 2025
މި ރޯދަމަހު ރައްޔިތުން އުޅޭނީ ކޮން ހާލެއްގައިތޯއެވެ؟ ފެނަކައަކަށް މިކަން ނުވިއެވެ. ފެނަކައުވާލާފައި ބޮޑު މުސާރަނަގައިގެން ރައްޔިތުން ހާލުގައި ޖެއްސިމީހުން ބޭރުކޮށްލާށެވެ. ސިނގިރޭޓް މަނާކުރަން ގަޓް ހުރި ރައީސްއަށް އެއްކަމެއްވެސް ނުވިއެެވެ. ރޯދަމަހަށް ކަރަންޓް މައްސަލަ ހައްލުކުރާނަމޭ ބުނީ ކޮން ރޯދަމަހަކަށްތޯއެވެ؟ ބާކީ ނުވަދުވަހެވެ. ފެނަކައިގެ ވެރިމީހާ ހުރީ ބޯހޫރާލަހުރާލައެވެ. ތިމާއަށް ނޭގޭ ކަންކުރީމައި ލިބޭނީ ބޮނޑިއެވެ.
ގޭން
17 February 2025
މޭޔަރަކަށް ނުވާނެ.ވޯޓުލެވުނުގޮތޭ ގޯހީ
ރަސްމާލެ
17 February 2025
މަށަށް ފެންނަނީ ފެނަކަ އެމްޑީއާއި ރަސްމާލެ ޓަނަލް ހަދަން ހަވާލުކުރަން! ފެނަކަ ކަހަލަ ކުދިކުދި ތަންތަން ހިންގާންވީމައި ތަންކޮޅެއް އުދަގުލީއެވެ. މިކަހަލަ ބޭފުޅުންނަށް ހަވާލުކުރަން ޖެހޭނީ މިއަށްވުރެން ބޮޑެތި ޗެލެންޖްތަކަވެ. ރައީސް ވިދާޅުވެއްޖެ ނަމަ ހަމަގޮތެއް ނޭގެއެވެ. ކަނޑުއަޑިޔަށް ފީނައިގެން އެކަންވެސް ކުރާނެއެވެ. މިއީ ހަމަ މޮޅުތެ މީހުންނެވެ.
ރައީސް ހައްލުކުރެވޭނެއެވެ
17 February 2025
ރައީސް މިއުޅެނީ ކީއްކުރައްވަންތޯއެވެ؟ ރަނގަޅު ޤާބިލު މީހުން ކުންފުނިތަކަށް ލާނަމަ ބޮލުގެ ރިހުން ކުޑަވާނެއެވެ. އައިސް ކްރީމް ފިހާރައެއްގެ ސޭޓަކު ފެނަކައަށް ލީމައިވާނެ ގޮތްވަނީއެވެ. ހިންގަން ނޭގުމުގެ އިންތިހާއެވެ. އިދިކޮޅަށް އިނގިލި ދިއްކުރެވެނީ މިމީހުންގެ ނާޤާބިލުކަމުންނެވެ. ރައީސް ކުރައްވަންވީ ކަމަކީ އިންޖީނު ގަންނަ ވާހަކަ ދައްކާ ސަރުކާރު ޕްރެޝަރަށް ވައްޓާން މިމީހުން ނުބަހައްޓާ ރަނގަޅު މީހުން ލައިގެން މިއޮޑި ދަތުރަށް ނުކުންނަންވީއެވެ.
ބިގަރު އިންޖިނިއަރު
17 February 2025
ފެނަކަ އެމްޑީ މިއީ ސައިންޓިސްޓެކެވެ. ކަމެއް ނޭގުނަސް ބްރެއިން ސާޖަރީއެއް ކުރެވިދާނެހޭ ރައީސް އެއްސެވިޔަސް ޗެލެންޖެއް ނަގާނީއޭ ކިޔާފައި އެއްބަސް ވެދާނެ ތޯއްޗެކެވެ. ބުއްދި ފަސްވެފައި ތިބޭ މީހުން ކަންކުރާ ގޮތަށް ކަންތަށް ކޮށް ސަރުކާރުގެ އަގުވެއްޓުން ނޫންކަމެއް މިމީހުން ނުކުރެއެވެ.
ދ. އަތޮޅުން
17 February 2025
މިރަންޞާންމަހު ރާއްޖޭގެ ގިނަ ރައްތަކުގައި ކަރަންޓެއް ނޯންނާއެވެ. ފެނަކައަށް އަލަށް ގެނައި ވެރިން މީގެ ދެހަފްތާ ކުރިން މިރަށަށް އައެވެ. އަދި މިއަތޮޅު ކައުންސިލްއިން ފެނަކަ މެނޭޖްމަންޓާއި ބައްދަލު ކުރިއެވެ. ބައްދަލުވުމުން ހާމަވީ މެނޭޖްމެންޓްގައި ރާއްޖޭގެ ރަށްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ވިސްނުމެއް އަދި ތަޖުރިބާއެެއްވެސް ނެތްކަމެވެ. ރަމްޟާންމަހުގެ ކުރީން ރައީސަށް ޝަކުވާ ހުށަހެޅުމަށް މިހާރު ކައުންސިލްއިން ވަނީ ނިންމާފައެވެ.
ބަ ޚަބަރު
17 February 2025
ތި ތަނަށް ރޯދަ އަށް ފޮނުވަނީ ކޮންމެ ގެޔަކަށް މުއިއްޒު މަސް ކޭހަކާއި ކަރަންޓު ޚިދުމަތަށް 1.8 މެގަވޯޓު ގެ އިންޖީނު ސެޓެއް! އެކަމަށް ޝުކުރު އަދާކޮށް ހަނދާންކޮށް މަސް ކޭސް ނުވިއްކާވޭތޯ ބަލާތި
ސިނޭ
17 February 2025
ކީއްކުރާ ޖަނެރޭޓަރެއްތޯ؟ ނިޒާރު ބުނީ ފެނަކައިން ބިލްކުރާ ގޮތަށް އުއްބަތްތި ގަންނަން ލިބޭނެހެން ކަންތަށް ހަމަޖައްސާށެވެ. އެއިރުން އިންޑިޔާއަށް ގޮސް ކުންފުނިތަކުން އުތް ބަތްތި ގަނެގެން އައިސް ބެހެއްޓީމައި އެނިމުނީއެވެ. އިންޑިޔާގެ ހިތްޕުޅާއި ހަމަވާ ކުންފުންޏަކުން ޖަނެރޭޓަރު ގަތުމަށްވުރެން އުތް ބަތްތި ގަންނަން ފަސޭހަވާނެއެވެ.