ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ޗައިނާ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ޗައިނާ ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އޭނާއަށް ތުހުމަތު ކުރަނީ ރާއްޖެއަށް ޑްރަގް އެތެރެކޮށް ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ރާއްޖެއިން ބޭރުން އައިރު ގެނައި ފޮށިގަނޑެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ވަގުތީ ނަތީޖާ އިން އެއީ، މަސްތުވާތަކެތި ކަމަށް ދައްކާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

އޭނާ ބަންދުގައި ބަހައްޓަން ނިންމީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އޭނާ ބައިވެރިވެފައިވާތީ، ބަންދުން ދޫވެއްޖެ ނަމަ މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ފެންނާތީ ކަމަށް ބަންދު އަމުރުގައިވެ އެވެ.