ދިވެހި ފިލްމް "ވިޝްކާ"ގެ މިލްކުވެރިކަމަށް ދައުވާކޮށް، ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
ފިލްމީތަރި އައިޝަތު ރިޝްމީ ޕްރޮޑިއުސްކުރި އެ ފިލްމުގެ މިލްކުވެރިކަމާ މެދު ދައުވާކޮށް ހަސަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލީ އެ މައްސަލައިގެ މިއަދު ތާވަލްކުރި އަޑުއެހުމަށް ހަސަންގެ ވަކީލް ހާޒިރު ނުވުމުންނެވެ.
މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ދައުވާ ބޭރުކޮށްލުމުގެ ބާރު ކޯޓަށް އޮވެ އެވެ.
އެ މައްސަލަ ކޯޓުގައި އޮތުމުން އެ ފިލްމް ރިލީޒް ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް ހަސަންގެ ފަރާތުން އެދުނެވެ. އެކަމަކު މިދިޔަ ބުދަ ދުވަހު އެ ފިލްމް ރިލީޒް ކުރުމުގެ ކުރިން ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ. އެގޮތަށް ކޯޓުން ނިންމުމުން، ޝެޑިއުލާ އެއްގޮތަށް ފިލްމު ރިލީޒްކޮށް، މިހާރު އަންނަނީ ދައްކަމުންނެވެ.
ހަސަންގެ ދައުވާގައިވާ ގޮތުން "ވިޝްކާ" ގެ ވާހަކަ އާއި ސްކްރީންޕްލޭ އަކީ އޭނާގެ މިލްކެކެވެ. އެކަމަކު އެ އެ ދައުވާއަށް ރިޝްމީ އިންކާރު ކުރެ އެވެ.