ވިޝްކާގެ މިލްކުވެރިކަމަށް ކޮކޯ ހަސަން ދައުވާކުރި މައްސަލަ ނުބެލޭނެ: ކޯޓު

ދިވެހި ފިލްމް "ވިޝްކާ" ގެ މިލްކުވެރިއަކީ އެ ފިލްމުގެ ޕްރޮޑިއުސަރު އައިޝަތު ރިޝްމީ ކަމަށް ކޯޓުން ކަނޑައަޅާފައިވާތީ، އެ ފިލްމުގެ މިލްކުވެެރިކަމާ މެދު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ދައުވާ ކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.


"ވިޝްކާ" ގެ ވާހަކަ އާއި ސްކްރީންޕްލޭ އަކީ ހަލީމްގެ އެއްޗެއް ކަމަށް ބުނެ އެ ފިލްމުގެ މިލްކުވެރިކަމާ މެދު ކޮކޯ ހަސަންގެ ފަރާތުން ދައުވާ ކޮށްފައި ވަނިކޮށް ރިޝްމީގެ ފަރާތުން ކޯޓަށް ހުށަހެޅި އެހެން މައްސަލައެއްގައި މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ވަނީ އެ ފިލްމަކީ ރިޝްމީގެ މިލްކެއް ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލާގައި އެގޮތަށް ހުކުމް ކޮށްފައިވާތީ، ކޮކޯ ހަސަންގެ ފަރާތުން ރިޝްމީއާ ދެކޮޮޅަށް ދައުވާކުރި މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކޯޓުން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ. އެ މައްސަލައިގައި ކޮކޯ ހަސަންގެ ފަރާތުން ވަކާލާތު ކުރީ ރާއްޖޭގެ މަޝްހޫރު ވަކީލުންތަކެކެވެ. އޭގެ ތެރޭގައި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒާއި ސުއޫދު އެންޑް އަންވަރު ކޯ ގެ އެއް ހިއްސާދާރު ޝަހުދީ އަންވަރު ހިމެނިވަޑައިގަންވަ އެވެ.

ރިޝްމީގެ ފަރާތުން ކޯޓުގައި ދައުވާކުރީ ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ އަކީ ވާހަކަ ލިޔުނު އަބްދުﷲ ވިޝާމާއި ސްކްރީންޕްލޭ ތައްޔާރުކުރި މަހުދީ އަހުމަދުގެ އަތުން ރިޝްމީ ގަނެފައިވާ އެއްޗެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފަ އެވެ. އެ މައްސަލައިގައި ކޯޓުން ނިންމާފައިވަނީ އެ ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ މިލްކުވަނީ ރިޝްމީއަށް ކަމަށެވެ.

އެ ފިލްމުގެ މިލްކުވެރިކަމާ މެދު ކޮކޯ ހަސަންގެ ފަރާތުން ދައުވާކޮށް، އެ ފިލްމު ޕްރިމިއާ ކުރުން ހުއްޓުވުމަށް ވެސް އޭނާ ފަރާތުން ކޯޓުގައި ވަގުތީ އަމުރަކަށް އެދުނެވެ. އެކަމަކު ކޯޓުން އޭރު ނިންމީ މައްސަލަ ނިމުމުގެ ކުރިން ފިލްމު ހުއްޓުވަން އެންގޭނެ ތަނެއް ނެތް ކަމަށެވެ.