ރައީސް ޑރ. މުހައްމަދު މުއިއްޒު: ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ސިފައިންނާ ހަވާލުކޮށްގެން މާދަމާ ފަށަން ވަނީ ނިންމާފައި.
27 މާޗް 2025 - 14:04
ބޮއްސުންލާފައިވާ ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތައް ހުޅުމާލޭގެ އޮރެންޖް ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ނިންމަން ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލަސީމިއާ މީހުންނާއި އާއިލާތަކުން މުޒާހަރާކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އެހެންވެ، އަނެއް ދުވަހު ރައީސް ވަނީ އެތަނަށް ވަޑައިގެން ތެލަސީމިއާ ސެންޓަރުގެ ހާލަތު ބައްލަވާލައްވައިފަ އެވެ.
"ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް އޮފީހުން ގެނެސްދިން ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ކެމްޕެއިން ތެރޭގައި ވެސް ތެެލެސިމިއާ ކުދިން އެމަނިކުފާނާ ބައްދަލު ކުރެއްވި ކަމަށާއި އެކަމަކު އެ މައްސަލަތަކަށް މިހާތަނަށް އެޓެންޑުނުވެ ހުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އިޝޫސް އިނގޭ، އެކަންކަން އެޑްރެސްނުކޮށް މިހާ ހިސާބަށް އައިއިރު މި ސްޓޭޓަސްގައި އޮތް ކަމެއް ނޭނގޭ. އެއްގޮތަކަށް ވެސް ޒިންމާއިން ނެރެން ދެއްކި ވާހަކައެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަންކަން ހުންނަން ޖެހޭނީ ހައްލު ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެތަނުގެ ހާލަތު ރަނގަޅުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައި ކަމަށެވެ. އެ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ ގޮތުން ޓެސްޓް ކުރުމަށް ބޭނުންކުރާ ސާމާނާއި ތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19 ފެސިލިޓީގެ ގޮތުގައި ކުރިން ހުޅުމާލޭގައި ބޭނުންކުރި އޮރެންޖް ހިޔާގެ އިމާރާތުން ފްލޯއެއް ތެލެސީމިއާ ސެންޓަރު ހިންގުމަށް ހަމަޖެހިފައިވާއިރު، އެތަނުގެ މަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް ވެސް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ.
އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ވެސް އޮތީ ހަމަވެފަ އެވެ.
ރައީސް ވިދާޅުވީ އެ އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް، މިހާރު އެތަނުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިފައިންނާ ކަމަށެވެ.
"އެދުވަހުން އެދުވަހަށް އަޅުގަނޑުވާނީ ސިފައިންނަށް މަސައްކަތް ހަވާލުކޮށްފައި. އޭރު ކޮންޓްރެކްޓް އޮތް ފަރާތުގެ މުއްދަތު ހަމަވޭ. އެހެންވެ މުއްދަތު އިތުރު ނުކޮށް ގާނޫނާއި ގަވާއިދުގެ ތެރެއިން އެކަން އޮންނަ އުސޫލުން ނިމުމަކަށް ގެނެސްގެން،"
ރައީސް ޑރ. މުހައްމަދު މުއިއްޒު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަނީ.
ރައީސް ވިދާޅުވި ގޮތުގައި ހަމަ އެ ޑިޒައިނާ އެއްގޮތަށް އެތަނުގެ މަސައްކަތް ދެން ކުރާނީ ސިފައިންނެވެ. އެ މަސައްކަތް މާދަމާ ސިފައިން ފަށާނެ ކަމަށާއި އަދި އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތެލެސީމިއާ ސެންޓަރުން ހިދުމަތް ހޯދުމަށް ބައެއް ފަރާތްތަކުން މާލެއިން ހުޅުމާލެއަށް ދަތުރު ކުރާނެތީ އެތަނުގައި ބަސް ސްޓޮޕެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އަދި އެމްޓީސީސީގެ ބަހުގައި ޕޭޝަންޓުންނާއި އެމީހުންގެ ބެލެނިވެރިންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ތެލެސީމިއާ ސެންޓަރުގެ ހާލަތު އަމިއްލަފުޅަށް ބެއްލެވުމަށް ފަހު ރައީސް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ވެސް ތެލެސީމިއާ ސެންޓަރު ހިންގަނީ ޑިރެކްޓަ ޖެނެރަލެއް ނެތި ކަމަށެވެ. އެހެންވެ، އަށް އަހަރު ފަހުން ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަ ޖެނެރަލަކަށް ވަނީ ސިއްހީ މެނޭޖްމަންޓުގެ ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި އަހުމަދު މައުސޫމް މަގާމަށް އައްޔަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭ މިތުރާ
28 March 2025
ސިފްކޯ ވެރީންތައް ތިބޭނެ މިހާރު ތުން ހުޅުވާއަޅާލައިގެން، ބައިވަރުގަނޑެއް ދަމާލާނެ. މިހާރު ބައި އަޅާނެގޮތް ކުރަހާލައިގެން ތިބޭނީ.
ހާރޫނާ
28 March 2025
އާ ޑީޖީއެއް. 5 ނަރުހުން، އެއްމަސް ފަހުން އާ ތަނަކަށް. ބަޖެޓު ދީފި. ގަދަ ރައީސެއް
މާހިދާ
28 March 2025
ބަސް ދަތުރުތައް އެ ދިމާލުގައި ބާއްވަން ހިޔާރުކުރީތީ ވަރަށް އުފާވެއްޖެ.
ފަހުދު.
28 March 2025
މި ހުރިހާ ކަމެއް ވެސް ކުރަން މި ޖެހެނީ މުއިއްޒުގެ ސަރުކާރުގަތަ. ހުރިހާ ދަރަންޏަކާވެސް ހަވާލުވާން މި ޖެހެނީ މުއިއްޒުތަ؟ އެންމެ އަގަފުޅާކޮށް ބުނާނެ އިގްތިސާދީ ހާލަތު އެންމެ ރަނގަޅީ ޔާމީން ސަރުކާރުގައޭ. ކީއްވެ ދެން މިތަން ހައްލުނުވީ. އިބޫ ލޯނު ނަގައިގެން ކީއްވެ މިތަަން ހައްލުނުކުރީ؟
މަރޭ މިތުރާ
30 March 2025
ތިޔަތަން ބޮއްސުންލައިގެން ދިޔައީ މުއިއްޒު ވެރިކަމުގަވީމަ
ކާރުކޭ
28 March 2025
ސުވާލަކީ މީގެ ކުރީ ސަރުކާރުތަކުން ކީއްވެހޭ މިތަނަށް އަޅާނުލާ ދޫކޮށްލީ
މަރޭ މިތުރާ
30 March 2025
މީގެ ކުރީ ސަރުކާރުތަކުން ކޮންމެވެސް ވަރަކައް ތިތަންތަނައް އަޅާލާތީ، މިސަރުކާރުގަ ހަމައެކަނި ބައިވަރު ވެރީންތަކެއް ތަންތަނައްލާފަ އަަޅާނުލާ ދޫކޮއްލާފަ އޮންނަނީ ދެން ކޮންމެކަމެއް ގޯސްވީމަ ސީދާ ރައީސް މީހާގެ ބެލުމުގެ ދަށުން އެކަމެއް ކުރާގޮތައް ހަމަޖައްސަނީ. މިހާރު ދެން ނިސްކައްތަކައް ޚަތީބުންވެސް ސީދާ ރައިސްގެ ބެލުމުގެދަށައް ކަންނޭނގެ އަންނާނީ
ފައިރޫޒް
28 March 2025
ތެލެސީމިއާ ކުދިންގެ ހާލަތު ކައިރިން ބަލައި އެކުދިންނަށް އޯގާތެރިވި ރައީސް.
ޓިނު
28 March 2025
ހުރިހާ މަސައްކަތެއް ސަރުކާރުންކުރީމަ ދެން އަމިއްލަ ކުންފުނިތަކުން ކުރާނެ މަސައްކަތެއްނޯންނާނެ
އަލީ735
28 March 2025
ސިފައިންނަށް މަސައްކަތް ހަވާލުކުރާނީ ޖަރީމާ ހިންގަންކަން އެންމެންނަށްވެސް އެނގޭ.
އަފްސަލް ހަމީދު
28 March 2025
މިހެންވެ ބުނަނީ އަދުގެ ރައީސްގެ ބަހުގެ އިތުބާރު އެބައޮތޭ.
ޝަހުނާޒް
28 March 2025
ފެނޭތަ އިދިކޮޅަށް؟ އެތައް ސަރުކާރަކުން އިހާނާތްތެރިކޮށް ނުކޮށް އޮއްވާ ރައީސް މުއިއްޒް މިކަންވެސް މިކޮށްލީ.