ރިޝްދާން އަދި އިރަމް. ދެ މީހުންގެ ލޯބި ހާމަކޮށް ގިނަ ވީޑިއޯތަކެއް ވަނީ ޓިކްޓޮކްގައި ޝެއާކޮށްފައި.
18 އެޕްރީލް 2025 - 00:01
އޮކްސިޖަން ފުޅިއެއްގެ އެހީގައި ދިރިއުޅެމުން އަންނަ އައިމިނަތު އިރަމް، ފިރިމީހާ އަބްދުﷲ ރިޝްދާންގެ ދިފާއުގައި އަސަރާ އެކު ވާހަކަ ދެއްކި ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވައިރަލްވީ މީގެ ދެ ދުވަސް ކުރިންނެވެ. އެހެން މީހުންނެކޭ އެއްގޮތަށް ދިރިއުޅެން އޭނާ ބޭނުންވެ އެވެ. އެކަމަކު ބަލިކަމުން ހުރި އުނދަގޫތައް ކިޔައިދީ، ޓިކްޓޮކަށް ދޫކޮށްލި ވީޑިއޯއަކާ ގުޅިގެން ރިޝްދާންއާ ދިމާލަށް އަމާޒުވި ފާޑުކިއުންތަކުން އިރަމްއަށް ކެތްނުކުރެވުނީ އެވެ.
އެ ވީޑިއޯގައި އިރަމް ދެއްކީ، ކުއްލި ގޮތަކަށް މިއަދު ނިޔާވި ފިރިމީހާ އަބްދުﷲ ރިޝްދާންގެ ރަނގަޅު ވާހަކަ އެވެ.
ފުވައްމުލަކު ކޮންސްޓްރަކްޝަން ސައިޓެއްގައި އުޅެނިކޮށް ހަބަރު ހުސްވެފައި އޮއްވާ ފެނިގެން މިއަދު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ރިޝްދާން އޮތީ މަރުވެފައި ކަމަށް ފުލުުހުން ބުނެ އެވެ. އެކަމަކު ސަބަބެއް އަދި ނޭނގެ އެވެ.
ފިރިމީހާގެ މަރާއެކު އިރަމްއަށް ލިބޭނެ ހިތްދަތިކަން އޭނާގެ ވީޑިއޯ އިން ސާފެވެ. ވަޒީފާއަކަށް ނުގޮސް ހުންނަ ސަބަބާ މެދު އުފެއްދި ސުވާލަށް ޖަވާބުދެމުން އިރަމް ބުނީ ރިޝްދާން އަދާކުރަނީ މާބުރަ ވަޒީފާއެއް ކަމަށެވެ.
"އިރަމްގެ ފިރިމީހާ ޖޮބަށް ނުދަނީއޭ، ޖޮބަށް ނުގޮސް ހަމަ ހުންނަނީއޭ. އިރަމްގެ ފިރިމީހާ އަދާކުރާ ޖޮބް ތި މީހުންނަށް އެނގޭ ނަމަ ތިހެނެއް ނުކިޔާނެ،" ސޯޝަލްމީޑިއާއަށް ދޫކޮށްލި ވީޑިއޯއަށް ކޮމެންޓްކުރި މީހުންނަށް ރައްދުދީ ބުންޏެވެ.
"އިރަމް ވެއްޓެންދާ ކޮންމެ ފަހަރަކު ހިފަން ހުންނަނީ އެ ދެއަތުންނޭ. ތި މީހުންނެއް ނޫނޭ ހިފަހައްޓަން ތިބެނީކީ. މަގޭ ފިރިމީހާ ވަޒީފާއަށް ދެވޭނެ ހާލަތެއް ނެތީމަ ދޯ އޭނަ ނުގޮސް ހުންނާނީ."
ހިތުގެ މައްސަލަ ހުންނަ އިރަމް އަަބަދު އުޅެން ޖެހެނީ އޮކްސިޖަން ގުޅައިގެންނެވެ. ހާލު ދެރަވެ އެޑްމިޓްކުރަން ޖެހޭ ފަހަރު ވެސް ގިނަ އެވެ.
އިރަމް އާއި ރިޝްދާން ކައިވެނިކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. މިއީ، ބަލި ހާލުގައި އުޅެނިކޮށް ކައިވެނި ރޫޅި، އިރަމްގެ ހަޔާތުގައި ދިމާވި ހިތްދަތި ކަންކަމަށް ލިބުނު ލުޔެއްގެ ގޮތުގައި ވެސް އިރަމް ސިފަކޮށްފައިވެ އެވެ.
ފިރިމީހާ އަބްދުﷲ ރިޝްދާން އަކީ އޭނާގެ ބަލި ހާލަތާ މެދު ހަމްދަރުދީވާ، އޯގާތެރި ފިރިއެއް ކަމަށް ސޯޝަލްމީޑިއާއަށް ދޫކޮށްލާފައިވާ ދެ މީހުންގެ ވީޑިއޯތަކުގައި އިރަމް ބުނެފައިވެ އެވެ.
މެއި 5، 2024 ގައި ކުރި ކައިވެންޏަށްފަހު ރ. އަލިފުއްޓަށް އުފަން 27 އަހަރުގެ ރިޝްދާން ދިރިއުޅުން އިރަމްގެ ރަށް، ފުވައްމުލަކަށް ބަދަލުކުރީ އެވެ.
އެ ރަށަށް ބަދަލުވެ، ރިޝްދާން ދިޔައީ އެކި މަސައްކަތް ކުރަމުންނެވެ. މިއަދު ނިޔާވީ ވެސް، ފުވައްމުލަކުގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ކަމެއްގައި އުޅެނިކޮށެވެ.
ރިޝްދާނާ މި ފަހުން ބައްދަލުވި އޭނާގެ ރަހުމަތްތެރިއެއް "މިހާރު"އަށް ބުނީ، އެ ދެ މީހުން ބައްދަލުނުވާތާ އެތައް އަހަރެއް ފަހުން ދިމާވެ، ދެކެވުނު ވާހަކަތަކުން ވެސް އިރަމް އަށް އޮތް ލޯބި އެނގިގެން ދިޔަ ކަމަށެވެ.
"އޭނާ ވަރަށް ލޯބިވާ ކަމަށް ބުނި،" އެ ރަހުމަތްތެރިޔާ ބުންޏެވެ.
އެ ކައިވެންޏަށް ފަހު، އިރަމްއާއެކު މިދިޔަ ޖޫން މަހު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވެސް ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
18 April 2025
ދިވެހިންގެ ތެރޭގައި އަބަދުވެސް އޮންނަ ނޭދެވޭ އާދައެއް ކަމެއް ދިމާވުމުން އަނެކާ ކުށްވެރިކުރުން. އަޅުގަނޑަށް އަޑުއިވިފައި ހުރި ބައެއްވާހަކަ ތައް ބުނެލާނަން. ފިރިމީހާ ނިޔާވުމުން އަނބިމީހާގެ ސަބަބުން ކަމަށް އެބަބުނޭ ފިރިމީހާގެ ޢާއިލާމީހުން. ކުޑަކުދިން ތިބިމީހަކު ނިޔާވުމުން އެކުދިންގެ ބޮލިގަ އެބައަޅުވާ.ފިރިމީހާ ބައްޔެއްވުމުން އެއީ ޢާއިލާބަލަހައްޓަން ބުރަމަސައްކަތްކުރާތީކަމަށް އެބަބުނޭ.
ޏާއްކޮ
18 April 2025
އަސްލުވެސް. އަނގަނުލާނެ ކަމެއް ނޯވެ އަހަރުން ދިވެހިންނަށް. ހިތަކަށް ނާރާ އަޖަލު ޖެހުނީމަ ލަހެއް ފަހެއް ނޯންނާނެ ކަމެއް. މަރުގަންނަވާނީ ފުރާނައިގެ ވެރި ފަރާތުން ކަމެއް.. މީހުންނާ ހެދި ނޫން ކަމެއް
މުހައްމަދު.
18 April 2025
މިއީ ވަރަށް ރަނގަޅު ކުއްޖެއް ކާވެނިކޮށްގެން ދިރި އުޅުން ކޮޅެއް ޖެހޭތޯ ވަރަށް ހިތްވަރާއި އަޒުމާއި އެކީ އުޅެނިކޮށް މި ދުނިޔެ ދޫކޮށްލުމުގެ އަޖަލާއި ކުރިމަތި ކުރީ!މާތް ﷲ މަރުހޫމްގެ ފުރާނަ ފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި.އަދި އާއިލާއަށް ކެއްތެރިކަންލައްވާށިއެވެ. އާމީން
އަލިކުު
18 April 2025
ހިތާމަވެރި ހިތްދަތި ހަބަރެއް
ހާމަ333
18 April 2025
ހާދަ ދެރަައޭ...މަރަކީ ވ ގާތުގައިވާ އެއްޗެެއް...ނަމާދުކޮށް ހެޔޮއަމަލު މަތީ ދެމިހުންނަންވީ ކޮންމެ މީހަކުވެސް...ގެންދަވާނީ ކޮންއިރަކު ކިހިނަކުން ކަމެއް ނޭގެ. އުމުރެއް ނޯވޭ ކަމެއް ދިމާވާކަށް މިހާރު.. ގިނަމީހުން މިހާރު މަރުވަނީ މުސްކުޅިވެގެނެއްވެސް ނޫން...ދުއާ އަކީ ﷲ މިއާއިލާއަށް ކެތްތެރިކަން ދެއްވައި ބަލިތަކަށް ޝިފާދެއްވައި ލުއިދެއްވުން...
ޓިޕިކަލް
18 April 2025
އަހަރެމެން ދިވެހިންގެ ތެރޭގައި އޮތްް އެންމެ ނުބައި އެއް އާދައަކީ ބޭރުފުށުން މީހުން ޖަޖުކޮށް ތިމާ ހިތްއެދޭ ގޮތަކަށް އަނެކާ ލޭބަލްކޮށް އަގުވައްޓާލުން. ހިތަށްއެެރިހާ ވާހަކައެއް ދެއްކުން. ތިމަތިމާމެންގެ އަމިއްލަ ނަފްސުގެ ކަންކަން ހުރިގޮތަކާމެދު ވިސްނާލަން ސިކުންތުކޮޅެއް ހޭދަނުކޮށްލެވުނަސް، އެހެންމީހުންގެ ކަންކަމާބެހި، ފާޑުކިޔަން ވަރަށް ފަރިތަވެފައި، އަނެއްމީހާއަށްވުރެވެސް މޮޅަށް ތިމާމެނަށް އަނެކާގެ ކަންކަން އެނގޭނެ. ބޮޑުވެގެންވީ ފާފައެކޭމީ ކަތުންނޭ!
ބޭން ސޯޝަލް މީޑިޔާ
18 April 2025
އަމިއްލަ ދިރުއުޅުމުގެ ހުރިހާ ކަމެއް ސޯޝަލް މީޑިޔާއަށް ލީމާ މީހިން އެބަލާފަ އެކިވައްތަރުގެ ޖަޖްމަންޓް މޭކް ކުރާނެ. ޖަޖްމަންޓް ބޭނުންނުވާނަމަ ސޯޝަލް މީޑިޔާގަ ކަންކަން ހިއްސާ ނުކުރީމަ ނިމުނީ.