ޏ. ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ހަސަން ފަރީދު މަރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. 

ޖެނުއަރީ 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބަައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރަށު މެކޯ، ޝުހާދަށް ހަމަލާދީ މަރާލި މައްސަލާގައި އެ ރަށު ކަރަންކާއާގޭ ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ވަނީ އިސްތިއުނާފް ކޮށްފަ އެވެ. 

ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި ޝުހާދުގެ މައިންބަފައިންގެ ބަސް ހޯދާފައި ވާއިރު، އެ މީހުން ބޭނުންވީ ދަށު ކޯޓުގައި ވެސް ބުނެފައިވާ ފަދައިން ފަރީދުގެ ކިބައިން މަރަށް މަރު ހިފާށެވެ. 

ސުޕްރީމް ކޯޓުގައި ވަކީލަކާ ނުލައި އަމިއްލައަށް ފަރީދު ވަކާލާތު ކުރިއިރު، އޭނާ ވަނީ ފުލުހުން އޭނާއަށް އަނިޔާކުރި ކަމާއި ތަހުގީގުގައި އިޖުރާއީ ގޯސްތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ. ނަމަވެސް، އެކަން އޭނާ ފާހަގަކުރީ މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ބޭއްވުމަށް ފަހު، އަޑުއެހުންތައް ނިންމާލުމުގެ މަރުހަލާއަށް ގޮސްފައި ވަނިކޮށެވެ. 

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި  ހުކުމްގައި ބުނީ ޝުހާދު މަރުވެފައިވަނީ ތޫނު އެެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ހެކިތަކުން ސާބިތުވާއިރު، އެ ހަމަލާދީފައިވަނީ ފަރީދު ކަމަށް ހުރިހާ ހެކިވެރިން ވެސް ބުނެފައިވާ ކަމަށެވެ. 

އެ އަމަލު ހިންގާފައިވަނީ ގަސްދުގައިތޯ ބަލާއިރު ޝުހާދަށް ހަމަލާދިނުމަށް ފަރީދު ދިޔައީ ހަތިޔާރު ހިފައިގެން ކަމަށާއި އެހެންކަމުން އެއީ ދުރާލާ އޭނާއަށް އަނިޔާ ދިނުމަށް ހިންގި އަމަލެއްކަން އެނގޭ ކަމަށް ހުކުމްގައިވެ އެވެ. އަދި އެއީ ޝުހާދު މަރާލުމުގެ ނިޔަތުގައި ހިންގި ކަމެއްކަން ވެސް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. 

"ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިބަހުން ޝުހާދުގެ ކަނާއަތު އަރިކައްޓަށް ވަޅި ހަރާލީ ފަރީދުކަން ޝަރީއަތުގައި ހެކިބަސް ދިން ހުރިހާ ހެކިވެރިންގެ ބަހުން އެނގޭ އަދި ޝުހާދު މަރުވި ސަބަބަކީ އޭނާއަށް ފަރީދު ވަޅިން ހަމަލާދިނުމުގެ ސަބަބުން ތޫނު އެއްޗަކުން މޭގެ މަސްގަނޑު ފޫއަޅުވާލައި އަނިޔާވުމުގެ ސަބަބުން ކަން މެޑިކޯލީގަލް ރިޕޯޓުން އެނގެން އޮންނާތީ ޝުހާދު މަރުވި ސަބަބާއި ފަރީދުގެ ކުށުގެ އަމަލާ ގުޅި ލާމެހިފައިވާ ކަން އެނގޭ،" ހުކުމްގައިވެ އެވެ. 

"އިސްލާމީ ޝަރީއަތުގައި މިފަދަ ކުށް ސާބިތުކުރުމުގެ މިންގަނޑުން އެއްވެސް ހައްގަކާ ނުލައި ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވޭ،" 

އެހެންވެ، ފަރީދުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ދަމަހައްޓަން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވި ބެންޗަކީ އެ މައްސަލަ ބެއްލެވި ތިން ވަނަ ބެންޗެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު ޣަނީ އެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މީގެކުރިން ނޮވެމްބަރު 15، 2021 ގައި ނިންމާލި އެވެ. އޭރުގެ މައްސަަލަ ބެއްލެވީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ކުރީގެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. 

ނަމަވެސް އެ ބެންޗުގެ ގިނަ ފަނޑިޔާރުން ވަކިވުމާ ގުޅިގެން އެ މައްސަލަ ބައްލަވާ ބެންޗް ބަދަލުކުރީ އެވެ.