29 އެޕްރީލް 2025 - 10:03
ދުންފަތުގެ ބާވަތްތައް ވިއްކާއިރު އުމުރާ މެދު ޝައްކު އުފެދޭ ނަމަ ރަސްމީ ލިޔެކިޔުމެއް ބެލުމަށް ފަހު ނޫނީ ނުވިއްކޭ ގޮތަށް ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނީ ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެ ފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށެވެ.
ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް، ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ހުށަހެޅުއްވި އިސްލާހުގައި ވެ އެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ. އެއާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މަނާކޮށްފައިވެ އެވެ.
ސަރުކާރުން އަންނަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ތައްޔާރުވަމުންނެވެ. ގާނޫނަށް އިސްލާހުތައް ގެންނަނީ އެ ބަދަލުތައް ތަންފީޒުކުރުމަށެވެ.
ރައީސް އޮފީހުން ކުރިން ބުނީ ގާނޫނާއި ގަވާއިދުތަކަށް އިސްލާހުތައް ގެނެސް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަންނަ ނޮވެމްބަރު 1 އިން ފެށިގެން ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
ކެބިނެޓުގެ ބައްދަލުވުން ފެށުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް 2022 ވަނަ އަހަރު ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ކަމަށެވެ.
ރާއްޖޭގައި 84 ޕަސެންޓު މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އެކަމަށް ހައްލުތަކެއް ގެންނަން ޖެހޭ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިއީ ވަރަށް ސީރިއަސްކޮށް، ރާއްޖެ ކަހަލަ ކުޑަ އާބާދީއެއްގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. ރާއްޖޭގެ އާބާދީއަކީ މި ވަގުތު 411،741 ދިވެހީންގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައި ތިބި، މިހާތަނަށް މަރުވެފައި ތިބި މީހުން އުނިކޮށްފައި ބަލާއިރު އެ އަދަދަކީ 124،002 މީހުން. މިއީ ރާއްޖޭގައި މި ވަގުތު އާބާދީގެ 30.1 އިންސައްތަ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރަފަ
29 April 2025
ތަންފީޒު ނުކުރެވޭ ގާނޫނުތަށް ހަދައިގެން މޮޔަވަނީ މުއިޒު. ވާވަރު ކަންކަމާ އުޅެންވީ
އިބްރާހީމް ފަހީމް
29 April 2025
ތިޔަ ފެންނަނީ ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ މަންޒަރު. ކުޑަކުދިންނަށް ސިގިރޭޓް ނުވިއްކަންޏާ އެމީހުން ބޮޑެތި މީހުން ލައްވާ ސިނގިރޭޓް ގަންނާނީ.. ތިޔަކަށް ނުކިޔޭނެ ބޭން ކުރުމެކޭ. ބޭންކުރިކަމަށް ވާނީ އެ އުމުރު ފުރައިގެ މީހުންނަށް ސިނގިރޭޓް ބޭނުން ކުރެވޭނެ ހުރިހާ ދޮރެއް ބަންދުކުރީމަ. އެހެންނޫންނަމަ ތިޔަ ބުނާ "ބޭން"އިން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވަން ދޯހަޅި ސިޔާސަތްތައް ހަދަނީ ކުރާނެ ކަމެއް ނޭންގިގެން...
ޑރ ވާންޗޯ
29 April 2025
ސަރުކާރު ދުންފަތުން ސަލާމަތްނުވެވިގެން އުޅޭއިރު މަގުމަތީގަ ކާލިއަޅަމުން ހޫރެމުންދާ ޑްރަގް ގުރޫޕް އަށްވުރެ ދުންފަތުގެ ބިރުވެރިކަން ބޮޑީތޯ؟. އަނެއްބަޔަކު މިލިއަން ރުފިޔާގެ ބުޅާފެސިލިޓީއެއް ހަދައިގެން 15 ބުޅާ އެތަނަށްލައިގެން 30 ހަކަށް މީހުން ބޮޑުމުސާރަނަގާއިރު ގައުމުގަ ބޯހިޔާވަހިކަން ދޭންޖެހޭމީހުން ހުސްވީތޯ؟.
ކޮރަލް
29 April 2025
ސަރުކާރުތައް ވަނީ ފެއިލް ވެފަ އެވެ. ސިނގިރޭޓް ވަކިން ވިއްކަނީ ބިދޭސީންނެވެ. ގަވާއިދާ ހިލާފައް މަގުމަތީ ސިނގިރޭޓް ބޯ ބިދޭސީން ގިނަ އެވެ. ދިވެހީންނަކީ ނަމާދު ވަގުތަށް ވިޔަފާޜި ތައް ބަންދު ކުރި ބައެކެވެ. ބިދޭސީން ދިވެހީން އަތުން ވިޔަފާރި ވަގަށް ނަގައިފި އެވެ. ކަންކަން ގޯސް ވެގެން މިދިޔައީ ކޭޝިއަރުންނަށް ބިދޭސީން ބަހައްޓަން ފެށި ފަހުންނެވެ. ސިނގިރޭޓް ވެސް ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. ސަރުކާރެއް އޮވެ ހަމައިން ނައްޓާފަ އެވެ.
ތެފައާސާ.
29 April 2025
ސިގިރޭޓް ގަންނަނީ [...21 އަހަރުން މަތީ މީހެއް ނޫން ކަމަށް ބެލެވޭނަމަ....] އެ މީހެއްގެ އުމުރު ބެލުމަށް އޮތުމުން ގާނޫނީގޮތުން ލޫޕުހޯލެއް އުފެދޭ ނޫންބާ؟ ކުޑަކުއްޖަކަށް ސިގިރޭޓް ވިއްކާފައިވެސް ބުނަންވީތާ 21 އަހަރުން މަތީ މީހެއްކަމަށް ބަލާފައޭ ވިއްކީ. ދެނޯ؟
ޤައުމީލޭ
29 April 2025
ސިގިރޭޓްއަކާ ޢަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅޭ ސަރުކާރެއް، 5 އަހަރު ތިޔަ ގޮތައް ބޭކާރު ޤާނޫނުތަކާއި ޤަވާއިދު ތައް ހެދުމުގައި އުޅުއްވާ، ރައްޔުތުންނަށް ފައިދާ ހުރި ކަމެއް ނުކުރާތި!
ހަމްދަާ
29 April 2025
ބައިވަރު ގާނޫނުތައް އެބަހުރި. ތަންފީޒުވާނެބާ
ކާކު
29 April 2025
މޮޅެތި ގާނޫނު ނުހަދާ ތި ދުންފަތް އެތެރެކުރުން މަނާކޮށް ބަލަ
އުޝާމްް
29 April 2025
ސާބަހޭ. ތިހެން ވާން ޖެހޭނެ. ކަމެއް ކުރަންޏާ ކުރަން ވާނީ އެންމެ ރަނގަޅަށް
މިހާރުވެސް
29 April 2025
ކާބޯތަކެތި ވިއްކާ ތަންތަނާއި ސައިހޮޓާ ކެފޭތަކުގެ ދޮރުމަތީގައި ވަންނަ މީހުންނަށް ދުންބުރާ ގޮތަށް ސިގިރޭޓް ބޯން ތިބުމަކީ މަނާކަމެއް ކަމަށް އެންމެ ފަހުން ހެދި ގަވާއިދުގައި އޮތީ. އެކަމަކު އެންމެ ފަހުން ހުޅުވި ވިނަރެސް ކެފޭގައިވެސް ވަންނަ ދޮރުގެ ދެފަރާތުގައި މޭޒު ޖަހައިގެން ސިގިރޭޓް ބޯން އެތިބެނީ. އަދި ހުޅުމާލޭގައި ހުރިހާ މަގެއްގައި ހޮޓާތަކުގެ ވަށައިގެން ގޮނޑިޖަހައިގެން ތިބެ ދުންއަރުވަނީ. ކީއްކުރަން ހަދާ ގަވާއިދެއްތަ!؟
ކޮރަލް
29 April 2025
ހުއްޓުވަން ހުރީ ފުލުހުންނެވެ. އެމީހުންވެސް ބޮނީ އެވެ. އެހެން ގޮތެއް ސަރުކާރުން ހޯދަން ވީ އެވެ.