ޕީއެސްއެމްގެ ނޫސްވެރިންތަކެއް މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
02 މެއި 2025 - 20:46
ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" (އާރުއެސްއެފް) އިން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ ދެ ދަރަޖަ ކުރިއަށް ޖެހިއްޖެ އެވެ.
މާދަމާ ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މި އަހަރު އޮތީ 52.46 ޕޮއިންޓާ އެކު 104 ވަނައިގަ އެވެ.
މިދިޔަ އަހަރު ރާއްޖެ ލައްވާލީ އެ ލިސްޓުން 106 ވަނައިގަ އެވެ. އެއީ 52.46 ޕޮއިންޓާއެކުގަ އެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު ދެ ދަރަޖައިގެ ކުރިއެރުމެއް މި އަހަރު ލިބުނަސް ސްކޯ އަކަށް މާ ބޮޑު ފަރަގެއް ނާދެ އެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ތެރޭގަ އެވެ.
ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގެ އިންޑެކްސްގައި ރާއްޖެ ދަނީ 2022 އިން ފެށިގެން ފަހަތަށް ޖެހެމުންނެވެ. ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގައި ހެއްކާ ބެހޭ ގާނޫނަށް ބަދަލު ގެނައުމުގެ ސަބަބުންނެވެ. ހެއްކާ ބެހޭ ގާނޫނަށް އޭރު ބަދަލު ގެނައީ ނޫސްވެރިންގެ ލިޔުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށެވެ.
ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި 2022 ގައި 15 ދަރަޖަ ފަހަތަށް ރާއްޖެ ވެއްޓުނެވެ. އެއީ 2020 ގެ ފަހުން އެ އިންޑެކްސްގައި ރާއްޖެ އެންމެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އާރުއެސްއެފުން މި ފަހަރު ބުނީ، މިނިވަން މީޑިއާތަކަށް ޕްރެޝަރު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންކުރި އަބުރުގެ ގާނޫނު އިބޫގެ ސަރުކާރުން އުވާލި ނަމަވެސް ހެއްކާ ބެހޭ ގާނޫނު އަދިވެސް އިސްލާހު ކޮށްފައި ނުވާ ކަަމަށެވެ. އެހެންވެ، ރާއްޖޭގައި ނޫސްވެރިކަން ކުރުމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހުރަސްތައް އަދިވެސް އެބަހުރި ކަމަށް އާރުއެސްއެފުން ބުންޏެވެ.
އޭގެ ތެރޭގައި ހެއްކާ ބެހޭ ބިލުގައި ބަޔާންކުރާ، މައުލޫމާތު ދިން ފަރާތް ހާމަކުރަން ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހު ބާތިލް ނުކުރުން ހިމެނެ އެވެ. އޭގެ އިތުރުން ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދަން އަމިއްލަ މެމްބަރަކު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު އަނބުރާ ގެންދިޔައީ އާއްމުންގެ ޕްރެޝަރުގެ ސަބަބުން ކަމަށް ބުންޏެވެ.
"ރިޕޯޓާސް ވިތައުޓް ބޯޑާސް" ގެ މި އަހަރުގެ ރިޕޯޓުގައިވާ ގޮތުން 2018 އިން ފެށިގެން ސަރުކާރުން ދަނީ މީޑިއާތަކުގެ މާލީ މިނިވަންކަމަށް ނުފޫޒު ފޯރުވަމުންނެވެ. އެ ނުފޫޒާ އެކު، ސަރުކާރު ނުރުހޭ ޚަބަރުތައް ނަގަން މަޖުބޫރު ކުރުން ފަދަ ކަންކަން އަދިވެސް ނުހުއްޓޭ ކަމަށް ރިޕޯޓުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
03 May 2025
ދޮގު ޚަބަރު ފަތުރައި ފިތުނަ ފަސާދަ ފަތުރައި މީހުންގެ އަބުރު ކަތިލަން މިއަށްވުރެ ފަސޭހަ ޤައުމެއް މިދުނިޔޭގައި ވާހެނެއް ހިޔެއްނުވޭ. ތިޔަބުނާ ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ހުޅުވިފައިކަމަށް ބުނާ ޑިމޮކްރެޓިކް އިޒްރޭލާއި އެމެރިކާއާއި ޔޫރަޕާއި އިންޑިޔާގައި ނޫސްވެރިންނަށް ހަދާގޮތް ފެނޭބާ؟ އެމީހުންނުރުހޭ ނޫސްވެރިން މަރާ ހައްޔަރުކޮށް ހަދާތަން ނުފެންނަނީބާ. އެމީހުން ބޭނުންވަނީ ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިގެން މުސްލިމު ޤައުމުތައް ފަސާދަކުރަން.
ދުރުމި
03 May 2025
ރާއްޖެ ދަނީ 2022 އިން ފެށިގެން ފަހަތަށް ޖެހެމުންނެވެ. ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގައި ހެއްކާ ބެހޭ ގާނޫނަށް ބަދަލު ގެނައުމުގެ ސަބަބުންނެވެ. ނަމުން ޑިމޮކުރަސީ އަމަލުން މުގާބޭ މޑޕ ވެރިކަން ހަބޭސް
އުއްތަމަ އުސްތާޛް
03 May 2025
52.46 ... އޮތަތާގައި ހަމަ އޮތީ
އ.ނ.ތ
02 May 2025
ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ. މި ގައުމުގައި ދެން ކިހާވަރަކަށް މިނިވަން ކަން ދީގެން މިނިވަން ވަނީ.މިއީ މުސްލިމްގައުމެއް، އިސްލާމީ ހަމަތަކުގެ މަތިން ހަބަރުތައްވެސް ފަތުރަން ޖެހެނޭނީ. ތިބުނާ މިނިވަންކަމުގެ ލިސްޓަށް އަރާނީ ކާފަރުން އުޅޭހާ ގޮތަށް ކަންތަށް ކޮށްގެން. މުސްލިމު އަހުންނާއި އުހުތުންނޭ، ވިސްނާށެ. މަހުށަރުދުވަހުން ތިބާ ލިޔާ ކޮންމެ އެއްޗަކަށް ހެކިވާން ޖެހޭނެ، އަދި ބަދަލު ދޭން ޖެހޭނެ.