ރައީސް ޑރ. މުއިއްޒު އެސްޓޯނިއާގެ މަރުކަޒަކަށް ވަޑައިގެން، އެތަން ބައްލަވާލައްވަނީ: ރާއްޖެ ޑިޖިޓަލްކުރަން މަސައްކަތް ކުރައްވަނީ އެސްޓޯނިއާ މިސާލެއްގެ ގޮތުގައި ބައްލަވައިގެން ކަމަށް ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
08 މެއި 2025 - 16:57
ރާއްޖެ ޑިޖިޓަލްކުރުމަށް ސަރުކާރުން ހިންގާ "ދިވެހިރާއްޖެ 2.0" މަޝްރޫއުގެ ސަބަބުން ހިދުމަތްތައް ހޯދުމުގައި ކޮރަޕްޝަނާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު މަދުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ގެންދާ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ސަރުކާރުން ދޭ ހިދުމަތްތައް ރަނގަޅުކުރަން ވީހާ ވެސް ބޮޑަށް ޑިޖިޓަލައިޒް ކުރާނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން "މޯލްޑިވްސް 2.0" ގެ ނަމުގައި މާދަމާ ރޭ ކޮންފަރެންސެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލުމެވެ. އަދި ޑިޖިޓަލައިޒް ކުރުމުން ހިދުމަތްތައް ދިނުމުގައި ނާޖާއިޒް ފައިދާ ހޯދުމާއި، ނުފޫޒުތައް ފޯރުވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވަރަށް ގިނަ މީހުން، އެ މީހުންގެ މަގާމުގެ ނުފޫޒުގެ ނާޖާއިޒު ގޮތުގައި މި ހިފަނީ އެ މީހާ އަމިއްލައަށް ހިދުމަތްތައް ދިނުމުގެ ބޭނުމުގައި ކަންތައްތަކެއް ކުރުމަށް ފުރުސަތުތަކެއް އޮވެގެން. އޭގެ ބަދަލުގައި، އޮޓޯ ނިޒާމެއްގެ ތެރެއިން ޑިޖިޓަލައިޒް ކުރެވިގެން ކުރިއަށްދާ ކަމުގައި ވަންޏާ ވަރަށް މަދުވާނެ މީހަކަށް އޭގެ ތެރެއަށް ނުފޫޒު ފޯރުވަން ފުރުސަތު އޮންނަވަރު. އޭގެ އިތުރުން އޭގެ ދެފުށް ފެންނަ ވަރު ބޮޑުވޭ. އެހެންވީމަ، ވަރަށް ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭ." ރައީސް ވިދާޅުވި އެވެ.
ޑިޖިލައިޒް ކުރުމަށް އެހީ ހޯދުމަށް ރައީސް ވަނީ މި އަހަރުގެ ކުރީކޮޅު އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެއީ، ޓެކްނޮލޮޖީގެ އެހީގައި އެންމެ ރަނގަޅަށް ހިދުމަތްތައް ދޭ އެއް ގައުމެވެ.
ރައީސް ވިދާޅުވީ އެސްޓޯނިއާގައި ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވެސް ހުރިހާ ދާއިރާތަކެއް ޑިޖިޓަލައިޒް ކުރަނީ އެ ގައުމުގެ އެހީއާއެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންނާއެކު" ނަމުގައި ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ރައީސް ޑރ. މުއިއްޒު އަދި ޕްރޮގްރާމް ހޮސްޓު ކުރައްވާ ޝަކީބު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އޭގެ ތެރޭގައި ތައުލީމާއި ސިއްހީ ދާއިރާ އާއި ޖުޑީޝަރީ އާއި ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތައް އަދި އުރީދޫ އާއި ދިރާގު ފަދަ ކުންފުނިތަކުގެ ހިދުމަތްތައް ވެސް ޑިޖިޓަލް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަށް ހާއްސަ ގާނޫނެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގައި އައިޑީކާޑު ވެސް، ޑިޖިޓަލް ކާޑަކަށް ބަދަލުވާނެ ކަމަށެވެ. އޭރުން، ހިދުމަތްތައް ހޯދަން ވަރަށް ފަސޭހަވާނެ ކަމަށް، އެސްޓޯނިއާއިން މިސާލު ނަންގަވައި އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ރާއްޖޭގައި ޑިޖިޓަލް ނިޒާމު އެއްކޮށް ބަދަލުވާން. މިހާރު އެބަހުރި ވަކިވަކި އެއްޗެހި. މިސާލަކަށް ވަން.ގަވް ކިޔާ އެއްޗެއް އެބަ އިނދޭ. ޓްރޭޑްނެޓުން ގެންގުޅޭ ކަންނޭނގެ އެހެން ނިޒާމެއް. އެހެން ވެސް މި ކަހަލަ އެއްޗެހިތަކެއް އެބަހުރި. ޖެމްސް ނިޒާމު ވެސް އެބައޮތް. މި ހުރިހާ އެއްޗެއް ގުޅިލާމެހި ގޮތަށް،" ރައީސް ވިދާޅުވި އެވެ.
"މިއިން ހާސިލްވަނީ ކޮރަޕްޝަން މަދުކުރެވޭ، ސަރުކާރުގެ ހިންގުން ގަވަނެންސް އަވަސް ކުރެވޭ، ވަރަށް ބޮޑު ތަނުން ރައްޔިތުންނަށް ފަސޭހަވޭ އަދި މައުލޫމާތު، މީޑިއާއިން މައުލޫމާތު ހޯދުމުގައި ވެސް ވަރަށް ފަސޭހަ ނިޒާމަކަށް މި ނިޒާމުވޭ. މުޅި ދުނިޔޭގައި ޕްރެސް ފްރީޑަމްގައި ދުނިޔޭގައި ދެވަނައިގައި އޮތީ އެސްޓޯނިއާ. ކަމެއްވީމަތާ ޑިޖިޓަލައިޒޭޝަނާ ގުޅިފައި އޮތް ކަމެއް މިއީ. އެހެންވެ، އަޅުގަނޑު ބޭނުން ކުރު ރާސްތާގައި އެ ހިސާބަށް ރާއްޖެ ގެންދަން." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލައިޒް ކުރުމުގައި މަސައްކަތް ކުރަނީ އެސްޓޯނިއާއިން 25 އަހަރުގެ ތެރޭގައި ހާސިލްކުރި ކަންތައް ރާއްޖެއިން އެންމެ ހަތަރު އަހަރުގެ ތެރޭގައި ހާސިލް ކުރުމަށް އަމާޒުކޮށްގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫސޭން
09 May 2025
ކިހިނެއްތޯ ކުޑަވަނީ، މިހާރުވެސް އިމުގައިގެ ނަމުގައި ފޭކް ޕޯޓަލް، އެހެންވެސް ބައިވަރު ފޭކް ޕޯޓަލް، ބަލަ ޑިޖިޓަލް ކުރުމަށް ވުރެއް ބޮޑެތި ކަންކަން އެބަހުރި ކުރަން، ރައްޔިތުންގެ ލާބަޔާ މަންފާއަށް، ހެޔޮނުވާނެ ހަރަދު ކުޑަކޮށްފަ އަހަރެމެން ދަރަނިން ސަލާމަތްކޮއް އެއްޗެހީގެ އަގު ފޯރާ ހިސާބަށް ގެނެސްބަލަ
ރަންނަ
09 May 2025
އެހެންވެތޯ އައިލްސް (ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ސްޓޭޓަސް ފެންނަ) ވެބްސައިޓު ބަންދުކުރީ؟ އީފާސްގެ ދެދަޅައަށް ޑައުންކޮށް އޭގެ ޑިވެލޮޕްމެޕްޓް ހުއްޓުވީ؟ ވަންގޮވް އަ އަންނަން ހުރި އަޕްޑޭޓް ތަށް ހިފެހެއްޓީ؟ އެކްސްޕެޓް ސިސްޓަމް ކަމުނުދާކަމަށްބުނެ މެލޭޝިޔާ ކުންފުންޏަކަށް ވިއްކާލަން ތެޅެނީ؟ އަނގައެއް އޮތިއްޔާ ކާޅެއްނުކާނެ ތާ. ކިހާދުވަހަކު ދޮގުން ހިފަހައްޓާލެވިދާނެބާ؟
ށސ11
09 May 2025
ާައަދިވެސް ރައްޔިތުން ހޭއަރާކަށް ނުވޭތަ. ޑިޖިޓަލްއަިޑީ، ސީބީޑީސީ، އީވޯޓިންގް، މިހުރިހާކަމަކީ ރައްޔިތުންވަކި ސިސްޓަމަކަށް ފައްތާ ކޮންޓްތޯލުކުރުން. މިކަން އެންމެނަށް މަޖުބޫރުކުރުވުން ހުއްޓުވަންޖެހޭ
އަދި ކިހާވަރެއް ކޮށްލާނެ؟
09 May 2025
ލޯކުރި މަތީ ހިނގާއަދި ފެންނަ ކަންތަށްތަކުގަ ބޭނުން ގޮތަކަށް ވާހަކަ ދައްކާބަޔެއް. ތިކަމުގަ ވެސް ޅެންވެރިކަން އެންމެ ރަނގަޅުވާނީ.
އަލްޖިބްރރާ
08 May 2025
އާނ. ވަރަށްކުޑަ. މިއުޅެނީ ވޯރކްޕަރމިޓްއެއް އެޕްރޫވް ނުކޮށްދީގެން 20،000 ރުފިޔާގެ ކަޓު ނުދޭތީޔޯ. ކަޓުދޭ ރިކުއެސްޓްތައް އެޕްރޫވް ކުރާތަންވެސް އަހަރެމެންނަށް ފެނޭ. މިއީ މީގެކުުރީގެ އެއްވެސް ސަރުކާރެއް މަސައްކަތްކުރިގޮތެއް ނޫން.
ބޮޑުބެގެ ބެއްޔާ
08 May 2025
އެހެންވިއްޔާ ކަރަންޓު ބިލަށް މި ވެގެން އުޅެނީ ކިހިނެއްތޯ؟ ޑިޖިޓަލް ކުރިކުރީނުން ހަދާނުހަދާއެއް ނޭނގެ.
ސަރުސޫނޖ
08 May 2025
ބިދޭސީންގެ ވޯކްޕާރމިޓް ގެ ހިދުމަތާ، އެހެނިހެން ހިދުމަތްތައް ދިނުމަށް، އެކްސްޕެޓް ސިސްޓަމް ކިޔާ އޮންލައިން ސިސްޓަމެއް ގާއިމްކޮށް ވަރަށް ފުރިހަމަ ހިދުމަތްތަކެއް މިދިޔަ ސަރުކާރުގައި ދުވަހުން ދުވަހަށް ދެމުން ގެންދިޔަ. އެކަމު މި ސަރުކާރު އައިފަހުން ކުރިން އެއްދުވަސް ތެރޭ ނިންމާ ކަންތައްތައްވެސް ހަފްތާއަކުންވެސް ނުވެގެން މިއުޅެނީ.
ހިޔުމަންޓްރެފިކްގްރޫޕް
09 May 2025
އެއްކަލަ ބޭރުމީހުން ފްލަޑްކޮށްގެން އާމްދަނީ ހޯދާމީހުން އަބަދުވެސް މައްސަލަޖައްސާނެ
ބިއްލެ
09 May 2025
ވާނުވާ ނޭނގޭ އެއްޗެހި ކޮމެންޓްކުރާތީ ހާދަދެރައޭ.
އުދުހޭ
08 May 2025
ނުފޫޒު ފޯރުވާ މީހާ ބުނާ އެއްޗެއް ރައްޔިތުން ގަބޫލުކުރަނީ ކިހާވަރަކަށްތޯ ބަލަން ޕޯލްއެއް ލާބަލަ