ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާ އަށް ވަޑައިގަތުމުން އެ ގައުމުގެ ރައީސް ޑރ. އަލާރް ކައިސް މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ބުނީ އެސްޓޯނިއާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި، ރައީސް އަދި ރާއްޖޭގެ ވަފުދަށް ރިޔާސީ ގަނޑުވަރުގައި މަރުހަބާ ވިދާޅުވި ކަމަށެވެ.

‎އެ ރަސްމިއްޔާތުގައި އެސްޓޯނިއާގެ އަސްކަރިއްޔާއިން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެ އެވެ. އެއަށްފަހު އެ ދެ ބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކުރެއްވި އެވެ.

ރައީސް ޑރ. މުއިއްޒު އިސްޓޯނިއާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގެން، މެހެމާނުންގެ ފޮތުގައި ސޮއިކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު އިސްޓޯނިއާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގެން، މެހެމާނުންގެ ފޮތުގައި ސޮއިކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

‎ތައާރަފްގެ ބައްދަލުވުމަށް ފަހު ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނަންގަވައި، މެހުމާނުންގެ ފޮތުގައި ރައީސް ވަނީ ސޮއިކުރައްވައިފަ އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި ސައިބަ ސެކިއުރިޓީއާ އީ-ގަވަނަންސް އާއި މޫސުމީ ބަދަލުތަކާއި ތައުލީމީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯދުމަށް ކުރައްވާ މަސައްކަތުގެ ބައެކެވެ.

ރައީސް މުއިއްޒަށް އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކައިސް މިއަދު މަރުހަބާ ދަންނަވަނީ.---ފޮޓޯ؛ ރައީސް އޮފީސް
ރައީސް މުއިއްޒަށް އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކައިސް މިއަދު މަރުހަބާ ދަންނަވަނީ.---ފޮޓޯ؛ ރައީސް އޮފީސް

ޔޫރަޕްގައި ހިމެނޭ އެސްޓޯނިއާއަކީ 1.3 މިލިއަން މީހުން އުޅޭ ގައުމެކެވެ. ރާއްޖެ އާއި އެސްޓޯނިއާ ސިޔާސީ ގުޅުން ގާއިމްކުރީ މާޗު 22، 1994 ގަ އެވެ.