ދުނިޔޭގެ އެންމެ މުއްސަދިންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސް. ކުރިއަށް އޮތް ވިހި އަހަރު 200 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފި --
08 މެއި 2025 - 20:17
ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ، މައިކްރޮސޮޕްޓްގެ ފައުންޑަރު ބިލް ގޭޓްސް އުފައްދާފައިވާ "ގޭޓްސް ފައުންޑޭޝަން" އިން ކުރިއަށް އޮތް 20 އަހަރު ތެރޭގައި 200 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފި އެވެ.
އެ ފައުންޑޭޝަނުން އެކަން އިއުލާނުކުރީ، 2045 ވަނަ އަހަރު އެފައުންޑޭޝަން އުވާލަން ވެސް ނިންމުމާ އެކު އެވެ. ގޭޓްސް ފައުންޑޭޝަން އެންމެ ފުރަތަަމަ ފެށި އިރު އެ ފައުންޑޭޝަން އުވާލަން ކަނޑައަޅާފައިވަނީ ބިލް ގޭޓްސް އަވަހާރަވާތާ 20 އަހަރަށް ފަހު އެވެ.
އާ ބަދަލާ އެކު އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާތަކަށް ފައުންޑޭޝަނުން އެހީތެރިވާ މިންވަރު އިތުރުކުރާނެ އެވެ. އެ ފަންޑުން މީގެ ކުރިން ވަނީ ސިއްހީ އިންގިލާބީ ބަދަލުތައް ގެނައުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
"އެ ފައުންޑޭޝަންގެ ފުރަތަމަ 25 އަހަރުގެ ތެރޭގައި ވޮރަން ބަފެޓްގެ އެހީތެރިކަމާ އެކު 100 ބިލިއަން ޑޮލަރުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި،" އުމުރުން 69 އަހަރުގެ ގޭޓްސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެ ފަންޑުން ދޭ އެހީތެރިކަން ދެގުނަ އަށް އިތުރު ކުރާނެ ކަމަށެވެ.
ގޭޓްސް ފައުންޑޭޝަނުން އެމެރިކާގެ އެންމެ މަޝްހޫރު އިންވެސްޓަރު ވޮރަން ބަފެޓް އިސްތިއުފާދިނީ، 2021 ވަނަ އަހަރު އެވެ. އޭނާ ވަނީ އެފައުންޑޭޝަންގެ ޓްރަސްޓީއެއްގެ ގޮތުގައި ގިނަ އަހަރުތަކެއްގައި މަސައްކަތްކޮށްފަ އެވެ.
ކުރިއަށް އޮތް 20 އަހަރުގެ ޕްލޭންގެ ދަށުން ގޭޓްސްގެ މިލްކިއްޔާތުގެ 99 ޕަސެންޓް ހޭދަކުރާނެ އެވެ. ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުގެ 13 ވަނައިގައި އޮތް ބިލް ގޭޓުގެ ނެޓް ވޯތު ނުވަތަ މިލްކިއްޔާތުގައި 113 ބިލިއަން ޑޮލަރު ހުރި ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.
"އަހަރެން މަރުވުމުން އަހަންނާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް މީހުން ދައްކާނެކަން ޔަގީން. އެކަމަކު އަހަރެން މަރުވީ މުއްސަނދިކަމުގައޭ ނުބުނާނެކަން ޔަގީން،" އޭނާގެ ބްލޮގް ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ގޭޓްސް ވިދާޅުވީ، އޭނާގެ މުއްސަނދިކަން އެގޮތުގައި ބޭއްވުން އޭނާއަށް މުހިންމެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުން ޖެހިފައިވާ އެހެން މީހުންނަށް އެ ފައިސާ ދިނުން މާ މުހިންމު ކަމަށް ވިދާޅުވި އެވެ.
ގޭޓްސް އާއި އޭނާގެ ކުރީގެ އަނބިކަނބަލުން މެލިންޑާ "ގޭޓްސް ފައުންޑޭޝަން" ފެށީ 2000 ވަނަ އަހަރު އެވެ. އެ އަހަރަކީ އޭނާ މައިކްރޮސޮފްޓްގެ ސީއީއޯގެ މަގާމުން ވެސް އިސްތިއުފާ ދެއްވި އަހަރެވެ. ގޭޓްސް އާއި މެލިންޑާ ވަރިވުމަށް ފަހު މިދިޔަ އަހަރު އެ ފައުންޑޭޝަނުން ވަކިވި އެވެ.
އެ ފައުންޑޭޝަނުން ވަނީ ޕޯލިއޯ ބަލި ނައްތާލުމުގެ ގްލޯބަލް ކެމްޕެއިނަށް އެހީވެފަ އެވެ. އަދި ކުޑަކުދިންނަށް ބޭރަށްހިންގުން ޖެހިގެން މަރުވާ ރޮޓަވައިރަސް އަށް އާ ވެކްސިނެއް ތައާރަފްކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ގޭޓްސް ވިދާޅުވީ، މާބަނޑު މީހުންނާއި ކުޑަކުދިން މަރުވާ ރޭޓް އެ ފައުންޑޭޝަނުގެ އެހީގައި ދަށްކުރެވި، ބަނޑުހައިހޫނުކަމުން އެތައް ބަޔަކު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
ގޭޓްސް ފައުންޑޭޝަންގެ ބޭރުން ބިލް ގޭޓްސް އަންނަނީ އަލްޒައިމާ ބައްޔާ ގުޅޭ ގޮތުން ހަދާ ރިސާޗަކަށް ވެސް މާލީ އެހީ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
09 May 2025
އަޅެ ކީއްވާނީ ތިބިލިއަންތަށް ބަހާލާއިރު މި ނިކަމެތި ރާއްޖޭގެ ބޭރުގެ ދަރަނި ދައްކަން 2 ބިލިއަން ޑޮލަރު ދިއްކޮށލިއްޔާ؟ ބިލްގޭޓްސް ވެސް އައިސް އުޅޭ ގައުމެއް ވިއްޔާ. ޕްލީޒް
ވާންޗޯ
09 May 2025
އަހަރެން ހާދަ ދެރަވޭ އަހަރެން ގަމާރު ވީމަށް
މަދިރިދުންދަނޑި
09 May 2025
ތީ ހުވަދޫ ސޮރެއްތަ.
ގުދުގުދާބެއްޔާ
08 May 2025
މުސްލިމަކައް ނުވާނަމަ ޢާޚިރަތުގައި ލިބޭނެ އެއްޗެއް ނޯންނާނެ! ތިޔަކުރާ ހޭދަ ޗޮކޮހުން ދާނީ!
ގުދުގެދަރި
09 May 2025
ކަލެއަށް ހަމަ ޔަގީންދޯ؟
ބާކީ ހުރި
08 May 2025
99% ދިނަސް ބާކީވާނެ 1 ބިލިއަން ޑޮލަރު.
ރަދީފްއޮފިޝަލް / ގޭޓްސް
08 May 2025
މަށަށް ދީބަލަ 500 މިލިއަން ޑޮލަރު.
ބިލް ގޭޓްސް
09 May 2025
ތިވަރުން ވާނެކަން ޔަގީންތަ؟
މަބުނީ
08 May 2025
ފަލަސްތީނަށް އެތިކޮޅެއްދެމުތަ.