މޯލްޑިވްސް 2.0 ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--
09 މެއި 2025 - 23:00
ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މިރޭ އިފުތިތާހުކުރި "މޯލްޑިވްސް 2.0" އާއެކު 2028 ވަނަ އަހަރުން ފެށިގެން ދައުލަތުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ގޭގައި މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް 2.0" ނުވަތަ "ޑިޖިޓަލް ފަސްޓް ނޭޝަން" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނުގެ ސަބަބުން އޮފީހުގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ ކަމަށެެވެ. އެ ބަދަލު ގެންނާނީ 2028 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިން ނަމަވެސް ކޮންމެ މަހަކު ވެސް ވަކި ވަގުތެއް އޮފީހުގައި ހޭދަކުރަންޖެހޭ ކަހަލަ ގޮތަކަށް ނިޒާމު ބަދަލުކުރުމުގެ ވިސްނުންފުޅު އެ މަނިކުފާނު ގެންގުޅުއްވަ އެވެ.
"އަޅުގަނޑުގެ އުއްމީދަކީ އަދި މި ތަނުގައި މިއަދު ކަނޑަނޭޅިޔަސް އެންމެން ގުޅިގެން މި މަސައްކަތް ކާމިޔާބުވާ މިންވަރަކުން 2028 ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ހިދުމަތުގަ ތިއްބެވި 49،000 މުވައްޒަފުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި [ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން] ވޯކް ފްރޮމް ހޯމް، ގޭގައި ތިބެގެން، ގާނޫނުގެ އުސޫލުގެ ދަށުން ބަދަލުކުރުން. މަހަކު 30 ގަޑިއިރު ނޫނީ ވަކި ވަރެއް އޮފީހަށް އައިސްގެން ވަކި ވަގުތެއް ހަމަކުރަންޖެހޭ ކަހަލަ ގޮތަކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް 2.0" ލޯންޗުކޮށްދެއްވަނީ.
ރައީސް ވިދާޅުވީ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހޯދައިދިން ނަމަވެސް ކޮންމެހެން ހިދުމަތަށް ނުކުންނަން ޖެހޭ މީހުން ވަޒީފާ އަށް ނުކުންނަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންނާއި ސިއްހީ ހިދުމަތްތެރިން ފާހަގަކުރެއްވި އެވެ.
އެ ގެންނަ ބަދަލުގެ ސަބަބުން އެ މަނިކުފާނު ވިދާޅުވީ މުވައްޒަފުންނަށް ކުރާ ހަރަދުތައް މަދުވާނެ ކަމަށެވެ. އަދި އޮފީހަށް ދާން ނުޖެހުމަކީ މާލޭގެ ޓްރެފިކަށް ވެސް ލުޔެއް ލިބޭނެ ކަމެއް ކަމަށާއި އޭގެ ސަބަބުން ވެހިކަލްތަކުން ނުކުންނަ ވިހަ ދުމުގެ އަސަރު ވެސް ކުޑަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނު ގަސްދު ކުރައްވާ ކަމެއް ކަމަށާއި އެ މަންޒިލަށް ވާސިލުވުމަށް ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްކުރުމެވެ. ހިދުމަތް ދިނުމުގެ ނިޒާމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ޑިޖިޓަލް ކުރުމަކީ އެކަން ހުއްޓުވޭނެ ކަމެއް ކަމަށެވެ.
ކޮރަޕްޝަން ނައްތާލުމަށް ގައުމު ހިންގުމުގެ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޑިޖިޓަލައިޒް ކުރެވި، ހިއުމަން އިންޓެވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަނުގެ ވަބާއިން ސަލާމަތް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކޮރަޕްޝަން ނައްތާލުމުގެ އިންޑެކްސްގައި އެންމެ ކުރީގައި އުޅޭ އެއް ގައުމު ކަމުގައިވާ އެސްޓޯނިއާއަކީ ވެސް ޑިޖިޓަލައިޒޭޝަންގައި އެންމެ ކުރީގައި އުޅޭ އެއް ގައުމު ކަމަށް ވިދާޅުވެފަ އެވެ. އެއީ ޑިޖިޓަލައިޒޭޝަންގެ ނަތީޖާ ކަމަށާއި ޑިޖިޓަލްކޮށް ހިދުމަތްދޭނެ ނިޒާމެއް ގާއިމުކުރުމުން ދެފުށް ފެންނަ ނިޒާމަކަށް ބަދަލުވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ކުރާނީ ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެންނެވެ.
މޯލްޑިވްސް 2.0 ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--
އެ މަސައްކަތުގެ ދަށުން މިހާރު ބޭނުންކުރަމުން އަންނަ އައިޑީކާޑަކީ ސްމާޓް ކާޑަކަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސައިބާ ސެކިއުރިޓީ ވަރުގަދަކުރުން ފަދަ ކަންކަން ހިމެނެ އެވެ.
އެސްޓޯނިއާއަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ކުރީގައި އުޅޭ ގައުމެއް ކަމަށާއި މިކަންކަން އެ ގައުމަށް ވެސް ހާސިލުވީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން ކަމަށް ރައީސް ގަބޫލުފުޅު ކުރައްވަ އެވެ.
ޑިޖިޓަލައިޒް ކުރެވި ހިއުމަން އިންޓެވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްކުރެވޭނެ،"--- ރައީސް
ރައީސް މުއިއްޒު ވިދާޅުވީ އުމްރާނީ ތަރައްގީއާ އެއްވަރަށް މިކަމަކީ ރާއްޖެއަށް ބޭނުންޖެހިފައިވާ ކަމެއް ކަމަށެވެ.
"ހިންގުމުގެ ނިޒާމު ބަދަލުކުރުމަކީ ވަކި އުސްމިން ކުޑަ ކަމެއް ނޫން. ދެފުށް ފެންނަ އަވަސް މިނުގައި ހިދުމަތް ދެވޭ، އެއްވެސް ކަހަލަ ބެރިއާއެއް ނެތި މައުލޫމާތު ދެވޭ ހަރުދަނާ ނިޒާމެއް ގާއިމުކުރުން..." އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެތައް ޒަމާނެއް ވަންދެން އޮފީސްތަކުން މަސައްކަތް ކުރަމުން އައި ގޮތް ބަދަލުކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެކަމަށް ބޭނުންވާ ތަމްރީނުތައް ދީގެން އެކަމަށް މީހުން އަހުލުވެރި ކުރެވޭނެ އެވެ. މުޅި މަޝްރޫއުއާ ގުޅޭ ގާނޫނަކާއި އޭގެ ދަށުން އަންނަ ގާނޫނުތަކެއް ވެސް ހަދަންޖެހޭ ކަމަށާއި މި ދައުރުގެ ތެރޭގައި އެ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަސައްކަތްޕުޅު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިކަން ފަށައިގަންނަނީ ލޯކަލް ކައުންސިލްތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލިސް ވެސް ބައިވެރިކޮށްގެން ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެން ބަލައިގަންނަ ފެންވަރުގެ ހިދުމަތް ދިނުމާއި ހިންގުމުގެ ނިޒާމު ހަރުދަނާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
10 May 2025
އަސްލު އާބާދީގެ ނިސްބަތުން މުސާރަ ދީބަލަ، އަޅުގަޑު ރަށުގަ 48 ކުދިންނަށް، (ސެން ކުއްޖެއްނެތި) އިސްލާމް ކިޔަވައިދިންއިރުވެސް ލިބުނު މުސާރަ އާއި އެލަވަންސް ސޭމް މިހާރު ހުރަވީސްކޫލް ގަ 180 ކުދިންނަށް ސެން އެތަށް ކުއްޖަކާއެކު ކިޔަވައިދެމުން މިދާއިރުވެސް.....
އުދުހޭ
10 May 2025
މިހާރުވެސް ސަރުކާރު އިދާރާތަކުން ފޯނުނަގަނީ ހާނާވާފަހުން
ޓިނު
10 May 2025
ވާހަކަމާގިނަނުކޮށް ކަމެއްްކުރެވޭތޯ ބަލަ ބާކީ 3 އަހަރު
ބުހުތާނު ތަހުތު
10 May 2025
ކޮރަޕުޝަނާއި ފަސާދައާއި މަކަރާއި ހީލަތާއި އަމުދުން މަނިކުފާނުގެ ލަގަބުކަމުގައިވާ ދޮގު ހެދުމުން އެއްކިބާވަނިވި ގައުމެއް ބިނާކުރަނީކަމުގައިވަނީނަމަ ފުރަތަމަ މަނިކުފާނު އެއްފަރާތްވުން އެންމެ ރަނގަޅުވާނެކަމުގަ ދެކެން. އެއައްފަހު އެކަންކަމައް ވަކާލާތުކުރަން މަނިކުފާނު ރަނގަޅު ކަމުގައި ދެކެން. ކަމެއް ކުރާކައް މަނިކުފާނަކައް ނޭނގެ ހަމަ ދޮގު ހެދުން ނޫނީ... ކަންކަމައް ވަކާލާތުކުރަން ކޮންމެސްވަރެއްވޭ. ވެދުން.
އޮޅުވާލުން ބޮޑު ތަޚުތު
10 May 2025
ގޭގަ ކަރޯކޭ މަޑުކުރުވޭތޯ ބަލާބަލަ. އުނދުޅި ނުބާނާ ތަނެއް ނެތޭ ހުވާ.
ހެލޯ ހެލޯ
10 May 2025
އޭ އޭ ތިޔަކީ އާކަމެއް ނޫނޭ. ކޮވިޑްގައި ވީ ވޯކްޑް ފުރޮމް ހޯމް އޭ މޭން. ޔޫ ހާދަ ފަހަތުގައޭ ތިޔަ އުޅެނީ ކެކެކެ
ނޫސަންގު
10 May 2025
މިހާރުވެސް އެޓެންޑެންސް އެލަވަންސް ކިޔާ އެއްޗަކުން މުވައްޒަފުންގެ މުސާރައިން ވައްކަން ކުރަނީ. ޗުއްޓީ އަކީ ގާނޫނީ ގޮތުން ދޭންޖެހޭ އެއްޗެއް. އެކަމަކު އެދުވަސްވަރު އެއީ އެޓެންޑެންސް ނުލިބޭ ދުވަހުގެ ގޮތުގައި ގުނަނީ.
އަޅެ ނޫންތަ؟
10 May 2025
ތިޔަހެން ހަދައިފި ނަމަ ކުދިކުދި ރަށްރަށުގައި ވާރކް ފޮރޮމް ހޯމް ހަދާ މުވައްޒަފުންގެ މުސާރަ ވެސް މާލެ ސަރަހައްދުގައި އުޅޭ މުވައްޒަފުންނަށް ވުރެ މުސާރަ ވެސް ކުޑަކުރަންޖެހޭނެ. ސަބަބަކީ، ލައިންކާ އެއްޗިއްސާ އެކޮމޮޑޭޝަން މާލެ ސަރަހައްދު ފިޔަވާ ގިނަ ރަށްރަށުގައި 50-70 ޕަސެންޓާއި ދޭތެރެކުޑަ.
ޖައިސާމް
10 May 2025
ސިޔާސީންގެ އަދަދު ހާމަ ނުކުރެވޭ ސަރުކާރަކަށް ކުރެވޭނީ ކޮންކަމެއް؟
،މިސްޓަރ ޓިނޭ
10 May 2025
މީ، އޯކޭ، މިހާރުވެސް ގޭގަ އަދި ކޮފީގަ ތިބެގެން ބޮޑުމުސާރަ ނަގާމީހުން މަދެއްނޫން،