ދަރިންނަށް ދެ އަހަރު ފުރެންދެން، މުވައްޒަފުންނަށް ކޮންމެ ދުވަހަކު ހުސް ވަގުތު ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ވަޒީފާ އާ ބެހޭ ގާނޫނު އޭރު އޮތް ގޮތުން، ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް އަންހެން މުވައްޒަފުންނަށް ލިބެނީ ދަރިފުޅަށް އެއް އަހަރު ފުރުމާ ހަމައަށެވެ. ނަމަވެސް، މިދިޔަ އާދިއްތަ ދުވަހު ފާސްކުރި އިސްލާހުން، ކުއްޖާއަށް ދެ އަހަރުވަންދެން ހުސްވަގުތު ލިބޭނެ އެވެ.

ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި އެ ބިލްގައި މުވައްޒަފުން ވަކި ކުރަން ނޯޓިސް ދިނުމާއި އިތުރު ގަޑީގެ ފައިސާ އަށް ވެސް ބަދަލު ވަނީ ގެނެސްފަ އެވެ.

އެގޮތުން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގެ އެއްބަސްވުން ހަދާފައިވާ މުވައްޒަފަކު ވަކިކުރާ ނަމަ އެ މުވައްޒަފަކަށް ދެ ހަފުތާގެ ނޯޓިސް ދޭން ޖެހޭނެ ކަމަށް އިސްލާހުގައި ވެ އެވެ. 

އިސްލާހުގައި ބުނީ އިތުރުގަޑީގައި މުވައްޒަފަކާ ލައްވާ މަސައްކަތް ކުރުވަން ޖެހޭނީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. 

އޭގެ އިތުރުން ބައެއް ބާވަތުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމުގެ ކުރިން ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ކެބިނެޓަށް ލިބޭ ގޮތަށް ވެސް ވަނީ ހިމަނައިފަ އެވެ. އަދި އެގޮތަށް އިސްތިސްނާއެއް ދެވޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އާ ވިޔަފާރިތަކަށް ފުރުސަތު ދިނުމާއި ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށް ކަމަށެވެ.

މީގެއިތުރުން، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅައިފަ އެވެ.

ރައީސް މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފަ އެވެ.