12 މެއި 2025 - 20:56
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަނުން ހުސްވި ގޮނޑިއަށް ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން ރައިސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.
އެ ނަންތައް ކޮމިޓީން ދިރާސާކުރުމަށް ފަހު އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅަކަށެވެ.
މާކްސް ލިބުނު ތަރުތީބު:
1. ޒީނާ ޒާހިރު - 85.13 ޕަސެންޓު
2. އައިޝަތު ޝިޔާނާ - 83 ޕަސެންޓް
3. ޝިމްލާ އަހުމަދު - 82 ޕަސެންޓް
4. މޫސާ ރިލްވާން - 81 ޕަސެންޓް
5. ޒަމްއަތު އަހުމަދު ވަހީދު - 77.50 ޕަސެންޓް
އެންމެ މަތިން މާކްސް ލިބިފައިވަނީ މީގެ ކުރިން ވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރެއްވި ޒީނާ އަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒީނާ ބްރޯޑްކޮމްގައި ހުންނެވިއިރު، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރު އޭނާ ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށެވެ.
މާކްސް ދިނުމުގައި 75 ޕަސެންޓް ނުލިބޭ ފަސް ބޭފުޅުންނަކީ އިބްރާހިމް އަޝްރަފް، ވ. މަށިވެލި، އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު، މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ، އަހުމަދު ޒާހިރު، ހ. ސަންދަލީގެ އިތުރުން ފާތިމަތު ޒައީމާ، އޯކިޑުމާގެ، ށ. ފީވައް، އެވެ.
ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ މަޖިލީހަށް މިއަދު ވަނީ އެ މަގާމަށް އައްޔަން ކުރުމަށް ވެސް ނަންތަކެއް ފޮނުވައިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ޒީނާގެ އިތުރުން 75 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ އިތުރުން އަލީ ޔޫސުފްގެ ނަމެވެ.
ރައީސްގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މީޑިއާގައި ގިނަ ދުވަސްތަކެއް މަސައްކަތް ކޮށްފައިވާ ޒަމްއަތުގެ ނަމެވެ.
ބްރޯޑްކޮމަށް އައްޔަން ކުރަން ޒީނާގެ ނަން ފާސްކުރިއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޕީއެސްއެމްގެ އެމްޑީއަކަށް ޒީނާ އައްޔަން ކުރެއްވީ 2023 ނޮވެންބަރުގަ އެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އޭނާ ވަނީ ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސް
13 May 2025
ތެދެއް ތިއީ . ކުރިން މުހައްމާގެ ޗަރުކޭސްވެސް ހިނގީ ތިގޮތަށް.
އަޅެފަހެ..
13 May 2025
މިއީ ސަރުކަރަށް ބަލަދު އަރާފަ އިންނައަންހެނެއްތަ؟
ޞޮދީ
12 May 2025
މިތާގަ ހުސް އަންހެން ބޭކަނބަލުން މި ތިބެނީ. ކޮބާ ތޯ ފިރިހެނުންގެ ހައްގުގަ ވާހަކަ ދައްކާލާނެ މީހެއް.
އިއްލި
12 May 2025
މަޖިލީހަށް ނަން ފޮނުވިއިރު އެހެން ތަރުތީބެއްގައި ފޮނުވީ ރައީސް ފޮނުވާ ގޮތަށް މަޖިލީހުން ފާސްނުކުރާކަން ދެއްކުމަށް. މަޖިލީހުން މިހޮވީ ރައީސް އަސްލު ބޭނުންވާ މީހާ. ލިސްޓުގެ ފުލުގައި ބައިންދައިގެން ރައީސް ނަންފޮނުވިޔަސް މަޖިލީހުން ނަގާނީ ރައީސް ހަގީގަތުގަ ފޮނުވަން ބޭނުންވާ މީހާކަން ކުޑަކުއްޖަކަށްވެސް މިހާރު އެނގޭނެ. ކިތަންމެ މޮޅު ޑްރާމާ ކުޅުނަސް ކަން ހިނގާގޮތް ވަރަށް ސާފު
ބިއްލި
13 May 2025
ކުޑަކޮށް ވާނުވާ ބަލާލާފަ ކޮމެންޓް ކޮށްލުން ރަނގަޅު. ދެމީހަކު ނަގަން ދެފަހަރެއްގަ ފޮނުވި ނަންތަކެއް އޮޅިފަ ތިހިރީީ.
ސުހާނާ
13 May 2025
ތިޔައީ މީސްމީހުންގެ ހިތަށް އަރާ އެއްޗެހިވެސް އެނގޭ މީހެއްދޯ؟
ބަލަދު
12 May 2025
ބުރޯޑް ކޮމްއަކީ މިވެރިންގެ ވާރުތަ މުދަލެއްތަ؟ ކޮންމެ ވެރިކަމެއްގަ ވާރުތަވޭ އެތާނގެ މެންބަރުކަން.. ބަދަލު އަރައިފަ ތިބޭ ބައެއްތާ ދޯ
ޗަކްބެރީ
12 May 2025
75 ޕަސެންޓް ނުލިބުނު ކަމަށް ބުނެފައިވާ މީހުންނަކީ އަސްލުވެސް އެވަރަށް މާކްސް ނުލިބުނު މީހުންތަ؟ ނޫނީ އިންޓަރވިޔުއަށް ނުދާ މީހުންތަ؟ ނޫސްވެރިން ގެނެސްދޭންވާނީ ތެދު މައުލޫމާތު. ޢަނެއްކާ އިތުރު މެންބަރަކަށް އިއުލާންކުރި ކުރުމަށް ކުރިމަތިލީ 6 މީހުން. އެ 6 މީހުންގެ ނަން ފޮނުވާފައި އެއޮތީ.
ސަސިި
12 May 2025
ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އާތް..
13 May 2025
ދެން މީނަވެސް ދޯ؟