13 މެއި 2025 - 12:09
ދުންފަތް ވިއްކުން ހަރުކަށިކޮށް، ޖެނެރޭޝަނަލް ބޭން ގެނައުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ނިންމައި، ދުންފަތުގެ ގާނޫނު އިސްލާހު ކުރަން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު އެވެ.
މި ބިލު ދިރާސާކޮށްފައިވަނީ އެކަމަށް ނެގުނު ވަގުތީ ކޮމިޓީއަކުންނެވެ.
ވަގުތީ ކޮމިޓީން މި ބިލަށް މާބޮޑު ބަދަލެއް ގެނެސްފައިނުވާއިރު، ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރެއްވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ މި ގާނޫނު ތަންފީޒު ކުރެވޭނެކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.
މީގެކުރިން ވެސް ދުންފަތް ކޮންޓްރޯލް ކުރަން ގާނޫނަށް ގެނައި އިސްލާހުތައް ވެސް ތަންފީޒު ނުކުރެވޭއިރު، މިފަދަ ވަރުގަދަ ބަދަލެއް ގާނޫނަށް ގެނެސް، އެ ތަންފީޒު ނުކުރެވި، ޖީލެއްގެ ގިނަ ބަޔަކު ގާނޫނު ހިލާފު ވާނެ ގޮތަކަށް މަގުފަހިވާ ކަމުގެ ކަންބޮޑުވުން އެ މެމްބަރުން ފާހަގަކުރެއްވި އެވެ.
އެ ބަހުސަށްފަހު، މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް އެއް މެމްބަރު ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެމްބަރަކު ވެސް އިންނެވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މި ގެނައި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެ ފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށެވެ.
ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް، އިސްލާހުގައި ވެ އެވެ.
ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ އުމުރަކަށް ކުރިން އޮތީ 18 އަހަރުން ދަށެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ އެ އުމުރު 21 އަށް މަތިކޮށްފަ އެވެ. އެއާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މަނާކޮށްފައިވެ އެވެ.
މި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިނަމަ، ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އަންނަ ނޮވެމްބަރު 1 އިން ފެށިގެން ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިރްޒާގް
13 May 2025
ބަޔަކު މީހުން ބުނީ ރައީސް މުއިއްޒު އުޅެނީ ދައުލަތައް ލާރި ހޯދަންވެގެންނޯ ސިގިރޭޓް އަގު ބޮޑުކޮށްގެން. ކޮބާ އަދިވެސް ހަމަ އެހެންތަ އެމަނިކުފާނުގެ ވިސްނުންހުރީ.. ކަލޭމެންނަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް
ސުފްޔާން
13 May 2025
ރައީސް މުއިއްޒު އަކީ ގައުމަށް އިހުލާސްތެރި ރައްޔިތުންދެކެ ލޯބިވާ ވެރިއެއް. ގައުމަށް ކޮންމެ ގޮތެއްވާން ވަރިހަމަ ވެގެން އެމަނިކުފާނު ނުހުންނަވާނެ. މީ އޭގެ އަލިގަދަ ހެކެއް
ޝައުކަތް
13 May 2025
ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މުއިއްޒު މި އެޅުއްވި ފިޔަވަޅުތަކާ ގުޅިގެން ސިގިރޭޓާ އާންމު މީހުން ބޮޑުތަނުން ދުރުވެއްޖެ. އަހަރުމެން އެދެނީވެސް އެގޮތް.
ފައުޒީ އިބްރާހިމް
13 May 2025
މިފަދަ ރަނގަޅުކަންތައް މުއިއްޒު ކުރައްވާތީވެސް އެކަމާ އެމަނިކުފާނުދެކެ ރުޅި އަންނަބަޔަކު އެބައުޅޭ. ދެރައީ އެމީހުންނަށް ނުވިސްނޭތީ މީގެން ސަބަބުން މި ސަލާމަތް ވެގެންދަނީ ބޮޑު ޖީލެއްކަން
ޔޫޝައު މުހައްްމަދު
13 May 2025
ދުންފަތުގެ ވަބާއިން މިގައުމު ސަލާމަތް ކުރެވޭނީ މިފަދަ އިހުލާސްތެރި ހިތަކާއިގެން މިކަން ކުރާ މީހުންނަށް. ނަމެއްގަ ދުންފަތާ ދެކޮޅުވެގެންނެއްނޫން..
ކޮރަލް
13 May 2025
ފުލުހުން ޔުނީފޯމް ގަ ސިނގިރޭޓް ބޯ މައްސަލަ ހައްލު ކުރަން ޖެހެ އެވެ. ކޮންމެ ދުވަހަކު އެބަ ބޮއެވެ. އެމްޑަބްލިއު އެސްސީ ކުރިމަތީ ހުންނަ ޕޮލިސް ސްޓޭޝަން އާޖެހިގެން އޮން ނަ މީހުން ދިރި އުޅޭ ގޯޅިގަނޑުގަ ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ސިނގިރޭޓް ބޮނީ އެވެ. ބަޔަކު އަޅާވެސް ނުލަ އެވެ.
ކުޑު
13 May 2025
ކިތައް ގާނޫނު ތަންފީޒުކުރެވެނީ؟ ވޭޕް މިހާރު ނުބޮއޭތަ؟ ފުލުހުން ތިވޭޕްވެސް ބޮނީ ވަގުވަގަށް. ދެން ކޮން ގާނޫނެއް ތަންފީޒުކުރެވޭނީ. ސިނގިރޭޓު ވަކިން ވިއްކާ ތަންތަނުން ވިއްކާ. ވޭޕް ބޯ މީހުން ބޮނީ. ހަރާމުންހަރާން ގާނޫނު ތަންފީޒުކުރުމަށް އެއްވެސް ކަމެއް ކުރާނަމަ. ތަންފީޒީ ނިޒާމު ވަރުގަދަ ނުކޮށް މަތިމަައްޗަށް ގާނޫނު ހެދުންވާނީ ފޫނެއް ފަޔަށް ފެންފުރުމެއްވެސް ނޫން ފެންފުރަން ހިތަށް އެރުވުން ކަހަލަ ކަމަކަށް. ތަންފީޒުނުކުރެވޭ ގާނޫނު ހަދަނީ ކީއްކުރަން.
ބަބްސް
13 May 2025
ވަރަށް ރަނގަޅު ނިންމުމެއް. ދެން ކޮންމެ ޕާޓީއެއް ވެރިކަން ކުރަން އަޔަސް މިޤާނޫނު ބަދަލު ނުކުރާނެ ކަމަށް ހީކުރަން. 2007 ގެ ގޮތުގައި ހެދިކަންވެސް ވަރަށް ރަނގަޅު އެއީ މިހާރު މިމަސްތުގައި ޖެހިފައި ތިބި މީހުންނަށްވެސް ދެން ޝަކުވާއެއް ނުކުރެވޭނެ. މިޤަމުގައި އޮތީ އެންމެ މައްސަލައެއް. އެއީ ޤާނޫނުއޮވެ އަމަލުނުކުރާތީ. ތަންފީޒީ މުއައްސަސާތަށް ފެއިލްވަފައި އޮތަތީވެ.
އަލީ ބަލީ
13 May 2025
މަގުމަތީގަ ސިގިރެޓް ބުއިން އެބަޖެހޭ މަނާކުރަން ، ސްކޫލް ދޮރުމަތީގަ ކުދި ކޮފީ ކެފޭ ހަދާއީގެން މަގުމަތީ ސިގްރެޓް ބުއިން މަނާ ވާންޖެހޭ ، މިހާރު މާލެ ކޮންމެ ގެއެއްގަ ތިރީގަ އެބަ ހަދާ ކުޑަ ކޮފީ ކެފޭ ، 10 ، 12 މީހުން މަގަުމަތީގަ އެއްފަހަރާ ސިގިރެޓް ރޯކޮށް ދުންޖަހާ މުޅި ހިސާބަށް ، މިހާރު ކުދިން ތަށް ގޮވާއިގެން މާލެ މަގެއްމަތިން ތަނަކަށް ދެވޭ ވަރެއްނުވޭ .
ދުންފަތާ ދެކޮޅު
13 May 2025
ސުޕަރ މެޖޯރިޓީ އޮތީމަ ކޮށްމެ އެއްޗެއްވެސް ފާސްކުރެވިދާނެ. އެކަމަކު އެ ތަންފީޛު ނުކުރެވޭނަމަ ބޭނުމެއްނެތް. ބޭކާރު މަސައްކަތެއް. ކުށެއްކުރުމުގެ ޚިޔާލުނެތް މީހުންވެސް ކުށްވެރިވާނެ ނަމަވެސް ޢަދަބެެއް ނުދެވޭނެ ވައިވެފައިވާ އެއްޗެއް.