ކުޑަހުވަދޫގައި އާރުސީސީން އިމާރާތްކޮށް ވިއްކާ ފްލެޓްތައް ހަދާ ބިން އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިދިޔަ މަހު ސޮއިކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
15 މެއި 2025 - 13:17
ދ. ކުޑަހުވަދޫގައި އާރުސީސީން އަޅަން ތައްޔާރުވަމުންދާ "މާވޭރު" އެޕާޓްމަންޓުތަކުގެ 50 ޕަސެންޓް ފެލްޓްތައް ވިކިއްޖެ އެވެ.
އެ ކުންފުނީގެ ޗެއާމަން މުހައްމަދު ނާޒިމް "މިހާރު"އަށް ވިދާޅުވީ އެޕާޓްމަންޓުތަކަށް މިދިޔަ މަހު ހުޅުވާލުމާއެކު ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި އެކި ފަރާތްތަކުން ގަނެފައިވާ ކަމަށެވެ. އަދި ބާކީ ހުރި ތަންތަނަށް ހަދާނެ ގޮތަކާ މެދު ކައުންސިލާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަނީ 1.5 މިލިއަން ރުފިޔާއަށެވެ. އެއީ ދެ ޓަވަރުގައި ހަދާ 160 އެޕާޓްމަންޓެވެ.
ނާޒިމް ވިދާޅުވީ އަންނަ ހޯމަ ދުވަހު ސާވޭ ޓީމު ކުޑަހުވަދުއަށް ދާނެ ކަމަށެވެ. އެއަށްފަހު، މަޝްރޫއުގެ ބިންގާ އަޅަން ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގަ އެވެ.
މިއީ، ކުންފުންޏަކުން ވިއްކާ ގޮތަށް މާލެއިން ބޭރުގައި އިމާރާތް ކުރާ ފުރަތަމަ އެޕާޓްމަންޓުތަކެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ވިދާޅުވީ، ރަށުގެ އާބާދީ އިތުރުކުރުމުގެ މަގުސަދުގައި ފަށާ މަޝްރޫއުގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެޕާޓްމަންޓު ގަނެވެނޭ ކަމަށެވެ. އެކަމަކު، ކުޑަހުވަދޫގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެޕާޓްމަންޓަށް ކުލި ދެއްކުމުގައި ލުއިތަކެއް ލިބޭނެކަން ފާހަގަ ކުރެއްވި އެވެ.
އެ ޓަވަރުތައް ނިމުމުން ހައުސިންގެ ދެވަނަ މަޝްރޫއު ފަށާނެ ކަމަށް ޖާދުﷲ ވިދާޅުވި އެވެ.
ކުޑަހުވަދޫ ކައުންސިލްގެ އަމާޒަކީ، އަލަށް ހިއްކި ސަރަހައްދުގައި 320 އެޕާޓްމަންޓް ތަރައްގީ ކުރުމެވެ. އާރުސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރި ފަހުން އިތުރު ކުންފުންޏަކުން ވެސް ވަނީ އެޕާޓްމަންޓް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ބޯހިޔާވަހިކަން
15 May 2025
ރައްޔަތުންގެ އަތުގެ ފައިސާ ނެތޭ އަބަދު މިކިޔަނީ ކީއްވެ ބާ؟؟ ފްލެޓެއް އޮތްނަމަ އޮޓޯކޭޑް ކުރެހުން ހިސާބުން ވިކިފަ ، ކެފޭ ރެސްޓޯރެންޓްތައް ފުލްވެފަ ގޮނޑިއެއް ނެތް ، އެއާލައިން ސީޓްތައް ފުލްވެފަ ، ސައިކަލް ވިއްކާ ފިހާރަ ހުސްވެފަ ، ސެންޓް ، ފޯނު ، ފޭރާން ، ގެސްޓްހައުސްތައް ބުކިން ފުލްވެފަ. އަހަރުމެން މިތިބީ އަނގަޔާ އަތާ ދިމާނުވެފަ.ފައިސާ ހުރި މީހުންވެސް އުޅޭތީވެ އުފާކެރަން.ވ.ވެދުން.
މަރުމޯލް
15 May 2025
މަވެސް ބޭނުން ތިގޮތަށް ފްލެޓެއް ގަންނަން، ބިން ބޮޑެތި ސިޓީ ތަކުގައި ވެސް ތިގޮތަށް ފްލެޓް އަޅަން ފެނޭ
1828
15 May 2025
މާލެ ފިޔަވައި ދެން ހުރީ ހުސް ބޭސް ސިޓީ