ކުޑަހުވަދޫގައި އާރުސީސީން އިމާރާތްކޮށް ވިއްކާ ފްލެޓްތައް ހަދާ ބިން އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރުމަށް ފަހު އާރުސީސީ އާއި ކައުންސިލްގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
22 އެޕްރީލް 2025 - 21:34
ދ. ކުޑަހުވަދޫގައި ވިއްކާ ގޮތަށް އާރުސީސީން ފުރަތަމަ ފަހަރަށް ފްލެޓް އިމާރާތްތަކެއް ހެދުމަށް އެ ރަށު ކައުންސިލާ އެކު މިއަދު ސޮއިކޮށްފި އެވެ.
މިއީ ރާއްޖޭގައި އެންމެ ފުޅާކޮށް އިމާރާތްކުރުމުގެ ވިޔަފާރިކުރާ އެއް ކުންފުނި އާރުސީސީން މާލެ އިން ބޭރުގައި ހިންގާ ފުރަތަމަ ހައުސިން ޕްރޮޖެކްޓު ވެސް މެ އެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އާރުސީސީއާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުޑަހުވަދޫ ކައުންސިލާ އެކު ސޮއިކޮށްފަ އެވެ. އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ. ކުޑަހުވަދޫ ކައުންސިލުން ސޮއިކުރެއްވީ ޒިންމާދާާރުވެރިޔާ މުހައްމަދު ޝިހާމެވެ.
އާރުސީސީން ނިންމާފައި ވަނީ ކުޑަހުވަދޫގައި ވިއްކާ ގޮތަށް ތިން ކޮޓަރީގެ އެޕާޓުމަންޓް ހިމެނޭ ދެ އިމާރާތް އަޅާށެވެ "މާވޭރު" ނަން ދީފައިވާ އެ ޕްރޮޖެކްޓުގެ ދަށުން ހަދާނީ ޖުމުލަ 160 އެޕާޓުމަންޓް ކަމަށް އެ ކުންފުނިން ބުންޏެވެ. ކޮންމެ އިމާރާތެއްގައި ހުންނާނީ 80 އެޕާޓުމަންޓެވެ.
ކުޑަހުވަދޫގައި އާރުސީސީން އިމާރާތްކޮށް ވިއްކާ ފްލެޓްތައް ހަދާ ބިން އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ބޭންކު މެދުވެރިކޮށް ގަނެވޭ އުސޫލު ހުޅުވާލާފައިވާ މަޝްރޫއުގެ ދަށުން އެޕާޓުމަންޓެއް ވިއްކަން އާރުސީސީން ނިންމާފައި ވަނީ 1.5 މިލިއަން ރުފިޔާ އަށެވެ. ކޮންމެ އިމާރާތެއްގައި ދެ ލިފްޓާ އެކު ޒަމާނީ ވަސީލަތްތައް ވެސް ގާއިމް ކޮށްފައި ހުންނާނެ ކަމަށް އާރުސީސީން ބުންޏެވެ.
މި ފްލެޓްތަކުގެ ބުކިން އަށް މިއަދު ހުޅުވާލާފައިވާއިރު، އެ ކުންފުންޏަށް ގުޅައިގެން ފްލެޓު ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އާރުސީސީން ބުންޏެވެ.
ކުޑަހުވަދޫގައި އާރުސީސީން އިމާރާތްކޮށް ވިއްކާ ފްލެޓްތައް ހަދާ ބިން އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ފްލެޓް އިމާރާތް ހަދާ ބިން އާރުސީސީއާ ހަވާލު ކުރުމަށް މާގިރި ހޮޓަލުގައި ބޭއްވި ހަފުލާގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާޒިމް ވިދާޅުވީ، ކުޑަހުވަދުއަކީ ތަރައްގީ އަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް ކަމަށާއި އެ ރަށުގެ އުމްރާނީ ތަރައްގީ ފެނިވަޑައިގެންފައިވާ ކަމަށެވެ.
މިއަދުގެ ހަފުލާގައި އާރުސީސީގެ ޗެއާމަން ނާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިއަދުގެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު ވިދާޅުވީ، އެއީ އެ ރަށަށް ހިޖުރަކުރާ މީހުންނަށް އަބަދުވެސް މަރުހަބާ ކިޔާ ބަޔަކު އުޅޭ ރަށެއް ކަމަށެވެ. އަދި އާރުސީސީގެ ހައުސިން ޕްރޮޖެކްޓާ އެކު ކުޑަހުވަދު އަށް އިތުރު ކުރިއެރުން އަންނާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު ބޭއްވި ހަފުލާގައި ބޭންކް އޮފް ސިލޯނާއި އެމްއައިބީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިސް
23 April 2025
ކާކު އުޅެން؟؟ ޢެންމެން މާލޭގަ
ފޫހި
23 April 2025
ރަނގަޅު. އަގުވެސް އޯކޭ. އަތޮޅުތެރޭން ވެސް އުމްރާނީ ތަރައްޤީގެ ކުލަ ފެންނަންޖެހޭ
ދެރިޔާ
23 April 2025
ކުޑަހުވަދޫ ހަމަ ގަދައީއޭ. އެނީވޭ ސަޅިކަމެއް
ތިނަދޫސިޓީބަދިގެ
22 April 2025
ތިނަދޫސިޓީގައި ފުލެޓުއަޅާނެ ބަޔަކު ހޯދަން އިއުލާންކުރަމެވެ.