ދ. ކުޑަހުވަދޫގައި 50 މީހެއްގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެ މީހުންގެ ބިންތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ހައުސިން ޔުނިޓް ހަދަން ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޭގައި ހައުސިން ޔުނިޓް އަޅައިދޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ އިއުލާނުކުރައްވައިފަ އެވެ. އަމިއްލަ ގޯއްޗެއް ލިބި، އެ ތަނުގައި އިމާރާތެއް އެޅުމުގެ ތަނަވަސްކަން ނެތް ނަމަ އެ މީހަކަށް އަމިއްލަ ގޯތީގައި ސަރުކާރުން ހައުސިން ޔުނިޓް އަޅައި ދޭނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އޭގެ ފަހުން ވަނީ އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ވެސް ބައެއް ރަށްރަށުގެ ކައުންސިލުތަކުން ހުޅުވާލައިފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދ. ކުޑަހުވަދޫގެ ރައްޔިތުންގެ އަމިއްލަ ގޯތީގައި ހަދާ 50 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ބިން ހަވާލުކުރުމުގައި ހެދޭ ޕާޓްނާޝިޕްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ އެ މަޝްރޫއުުގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ ހައުސިން ޔުނިޓް އަޅައިދޭނެ އެވެ.
އެ މަޝްރޫއު ހިންގުމަށް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ.
ދ. އަތޮޅަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މީދޫގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ހައުސިން ޔުނިޓް މަޝްރޫއުއަކީ ވަކި ފްލެޓު މަޝްރޫއެއް ނަމަވެސް ރައްޔިތުން ބޭނުންވާ ނަމަ އަމިއްލަ ގޯތީގައި ގެ އެޅުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އެކަމަށް ބޭނުންވާ މީހުންގެ އަދަދު ކަނޑައަޅައި ނިމުމުން ބާކީ ހައުސިން ޔުނިޓްތައް އަޅާނީ ރަށުގައި އެކަމަށް ހާއްސަ ކުރާ ސަރަހައްދުގައި ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއީ ގިނަ ބަޔަކު ބޭނުންވާނެ ކަމެކެވެ. ސަބަބެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ ލޯނު ހޯދުމަށް ބައެއް މީހުންނަށް އޮންނަ ދައްޗެވެ. އެކަމަކު މި ސަރުކާރުން ގެދޮރު އިމާރާތްކުރުމަށް ހުޅުވާލާފައިވާ ފަސޭހަ ލޯނެއް ކަމަށާއި އެ ލޯނު ނެގުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ލޯނު ނަގައިގެން ކުރިއަށް ދިއުން ކަމުގައި ވިޔަސް އަދި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ސަރުކާރަށް ހަވާލުކުރުން ކަމުގައި ވިޔަސް ކަމަށެވެ.
ރާއްޖޭގެ ރަށްރަށަށް ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޯޑަށް ކުރިމަތިވެފައިވާއިރު މި ދައުރުގައި އެކަން ހައްލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.