މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯތި މަޝްރޫއަށް އެދި ކުރިމަތިލީ މީހުންގެ ތެެރެއިން މައުލޫމާތު ފުށުއަރާ ކަމަށް ވެރިފިކޭޝަން މަރުހަލާގައި ފާހަގަވި މީހުންނަށް، އެކަންކަން ރަނގަޅުކުރުމަށް ދޭ 21 ދުވަހުގެ މުއްދަތު ގުނާނީ، ޕޯޓަލް އިން އެ މީހަކަށް އެކަން އަންގާ ދުވަހުން ފެށިގެން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ފަށައި، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅީ ސައްހަ މައުލޫމާތުތޯ ކަމާބެހޭ އިދާރާތަކުން އަންނަނީ ކަށަވަރުކުރަމުންނެވެ.
ފޯމުގައި ފުށުއަރާ މައުލޫމާތެއް އުޅޭ ނަމަ، މިހާރު ދީފައިވާ މުއްދަތުގެ ތެރޭގައި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދިނުމަށާއި އެކަމާ ގުޅުން ހުރި ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެ އެވެ. އެއީ ފޯމުގައި މައްސަލަ ހުރެގެން އެކަމަށް ޖަވާބުދާރީވުމަށް ނުވަތަ އިއުތިރާޒެއް ވާ ނަމަ، އެކަން ބަޔާންކުރަން ނުވަތަ ޖަވާބުދާރީވާން ލިބޭ ތިން ހަފުތާގެ މުއްދަތެކެވެ.
އެކަމަށް ސަރުކާރުން އެންމެ ފުރަތަމަ ދިން 7 ދުވަހުގެ މުއްދަތު 21 ދުވަހަށް އިތުރުކޮށް ގިނަ ބަޔަކަށް ވަނީ އެ މީހުންގެ ފޯމުގައި ހުރި މައުލޫމާތު ރަނގަޅުކުރަން އަންގައިފަ އެވެ. ކަމެއް އިސްލާހުކުރަން ޖެހޭ ނަމަ ފޯމުގައި ދީފައިވާ ފޯނު ނަމްބަރަށް ވެސް އެކަން މެސެޖަކުން އަންގަ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު "މިހާރު" އަށް ވިދާޅުވީ 21 ދުވަހުގެ މުއްދަތަކީ އެ މީހަކަށް އެކަމެއް އަންގާ ތާރީހުން ފެށިގެން ގުނާ މުއްދަތެއް ކަމަށެވެ. އަދި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު ޕްރޮސެސްކުރަމުން އަންނަ އިރު ޖަވާބުދާރީވާން ޖެހޭ ކަމެއް ފާހަގަކުރެވިއްޖެ ނަމަ އެކަމެއް އަންގަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު މިދިޔަ ޖޫން މަހުގެ 15 ގައި ހަމަވިއިރު، ފޯމު ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓު މިއަހަރުގެ ޑިސެމްބަރު މަހުގެ މެދު ތެރޭގައި ނެރޭނެ އެވެ. އެހެންވެ، ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ކުރިއަށްދާއިރު ހުރިހާ ކަމެއް ވެސް އަންގާނީ ޕޯޓަލް މެދުވެރިކޮށް ކަމަށްވާތީ ގަވާއިދުން ބޯހިޔާވަހިކަން ޕޯޓަލް ބެލުމަށް ނާޒިމު އެދިވަޑައިގަންނަވަ އެވެ.
މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާ ނަމަ އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި 7900 ފްލެޓާއި 15000 ގޯތި ދޭނެ އެވެ.
އެކި ކުންފުނިތަކާ ހަވާލުކޮށްގެން ފްލެޓު މަޝްރޫއު މިހާރު ފަށާފައިވާއިރު ސަރުކާރުން ބުނާ ގޮތުގައި 2028 ގެ މެދު ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރާނެ އެވެ.
ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.